އައު ދެ މިނިސްޓްރީގެ ގޮތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް އުފެއްދުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއަދުގެ ޖަލްސާގައި އައު ދެ މެނިސްޓްރީއެއް އުފައްދަވައި ސަރުކާރުގެ އޮނިގަނޑަށް ބަދަލު ގެނައުމަށް ވޯޓް ދެއްވީ 43 މެންބަރުންނެވެ. އަދި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓް ނުދެއްވާއިރު، ވަކިކޮޅަކަށް ވޯޓް ނުދެއްވާ އެންމެ މެންބަރަކު އިންނެވި އެވެ.

ސަރުކާރުގެ އޮނިގަނޑަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުށަހަޅުއްވާފައިވާ މައްސަލަ މަޖިލީހުން ފާސްވުމުން ތިމާވެއްޓާބެހޭ ކަންތައްތަކާއި މީޓިއޮރޮލޮޖީއާބެހޭ ކަންތައްތަކާއި ބޯފެނުގެ ކަންތައްތަކުގެ އިތުރުން ނަރުދަމާ އާއި ނަޖިހާބެހޭ ކަންތައްތައް ކުރާނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓުންނެވެ. މިހާރު އެ މަސައްކަތްތައް ކުރަނީ ހައުސިން އެންޑް އެންވަޔަރަމަންޓުންނެވެ.

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސް އުފެދުމުން އެ މިނިސްޓްރީ ކުރަމުންދަނީ އާއިލާއާބެހޭ ކަންތަތަކާއި ކުޑަކުދިންނާބެހޭ ކަންތައްތަކާއި ހާއްސަ އެހީއަށްބޭނުންވާ މީހުންނާބެހޭ ކަންތައްތަކުގެ އިތުރުން އިންސާނީ ހައްގުތަކާބެހޭ ސަރުކާރުގެ ސިޔާސަތު ވިލަރެންސްކުރުމާ ގުޅޭ ކަންތައްތަކެވެ. މިހާރު އެ މަސައްކަތްތައް ކުރަމުންދަނީ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީއިންނެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އަދީލް ރިޒާ ވިދާޅުވީ އާ ދެ މިނިސްޓްރީއެއް އުފެއްދުމުން އެ މިނިސްޓްރީތަކަށް ވަޒީރުން ކަނޑައަޅާނީ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ. އޭނާ ވިދާޅުވީ އެ މިނިސްޓްރީތަކަށް ވަޒީރުން ކަނޑަނޭޅި ނަމަވެސް މިނިސްޓްރީތަކުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފަށައިގަނެވޭނެ ކަމަށެވެ.

"މިނިސްޓްރީތަކަށް ވަޒީރުން ކަނޑައެޅޭނެ ދުވަހެއް ނޭނގޭ. އެކަމަކު މިނިސްޓްރީތަކުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފަށައިގަނެވޭނެ އިރާދަކުރެއްވިއްޔާ. އެ މިނިސްޓްރީތަކަށް ވަޒީރުން ކަނޑައަޅާނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކޮށްފައި،" އައްބާސް އާދިލް ރިޒާ ވިދާޅުވި އެވެ.