ހަގީގީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "ދަ ކެރެލާ ސްޓޯރީ"އަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކާ އެކު ފިލްމުގެ މައްސަލަ ކޯޓާ ހަމައަށް ގޮސްފައިވުމުން އެ ފިލްމު އިންޑިއާގެ ތެމިލް ނާޑޫ ސްޓޭޓްގައި ނުދައްކަން ނިންމައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު ނުދެއްކުމަށް ނިންމާފައިވަނީ ތެމިލް ނާޑޫ އަދި ޗެންނާއީގެ ގިނަ ބަޔަކު އެ ފިލްމާ ދެކޮޅަށް މަގުމައްޗަށް ނުކުމެ މުޒާހަރާ ވެސް ކޮށްފައިވަނިކޮށެވެ.

ތެމިލް ނާޑޫއަށް ނިސްބަތްވާ އެންޓީކޭ ގްރޫޕްގެ ލީޑަރު އަދި ކުރީގެ އެކްޓަރު ސީމަން ބުނެފައިވަނީ އެ ފިލްމަކީ، އެ ސަރަޙައްދުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް އުފައްދާފައިވާ ފިލްމެއް ކަމަށެވެ. ޑައިރެކްޓަރު ސުދިޕްތޯ ސެންގެ މި ފިލްމަކީ، ސަންޝައިން ޕިކްޗާސްއިން ގެނެސްދީފައިވާ ފިލްމެކެވެ.

މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާގެ ކެރެލާ ސްޓޭޓަށް ނިސްބަތްވާ 32،000 އަންހެން ކުދިން ކުއްލިއަކަށް ގެއްލެން ދިމާވެ ފަހުން އެ ކުދިން އައިއެސްގެ ޓެރަރިޒަމް ގްރޫޕަކާ ގުޅުނު ހާދިސާއެވެ.

ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމާ އެކު ގިނަބަޔަކުވަނީ މިއީ އިންޑިއާގައި ދިރިއުޅޭ މުސްލިމުންނާއި އެހެން ދީންތަކަށް ނިސްބަތްވާ މީހުންނާ ދެމެދު ދެކޮޅުވެރިކަމާއި ފިތުނަ ފަސާދަ އުފެއްދުމުގެ ބޭނުމުގައި އުފެއްދި ފިލްމެއް ކަމަށް ތުހުމަތުކޮށްފައެވެ.

އެހެންނަމަވެސް ކެރެލާގެ ހައިކޯޓުން ނިންމާފައިވަނީ ޓްރެއިލާގެ ސަބަބުން އެފަދަ ދެކޮޅުވެރިކަމެއް އުފެދުމުގެ ފުރުސަތެއް ނެތް ކަމުގައެވެ.

ބަތަލާ އަދާ ޝަރްމާ މުހިއްމު ރޯލް ކުޅެފައިވާ މި ފިލްމުގައި ޑައިރެކްޓަރު ދައްކުވައިދީފައިވާ 32،000 އަކީ ހަގީގަތެއް ނެތް ހުވަފެނީ އަދަދެއް ކަމަށް ވެސް ބެލުންތެރިންގެ ގިނަ ބަޔަކުވަނީ ބުނެފައެވެ. ކެރެލާގެ ޗީފް މިނިސްޓަރު ޕިނާރައި ވިޖަޔަންގެ ސްޓޭޓްމެންޓެއްގައި ވެސް ބުނެފައިވަނީ މިއީ ކެރެލާއާ މެދު އެހެން މީހުންގެ ހިތުގައި ނަފުރަތު އުފެއްދުމުގެ ބޭނުމުގައި ފަތުރާ ޕްރޮޕެގެންޑާއެއް ކަމަށެވެ.

ފިލްމު ރިލީޒްކުރި ދުވަހު ވެސް ކެރެލާ ސަރަޙައްދުގައި ފިލްމު ދެއްކުންވަނީ މަނާކޮށް ފިލްމު ބޮއިކަޓްކޮށްފައެވެ. ފިލްމުގެ މައްސަލަ ހޫނުވެ ގިނަ ބަޔަކު ފިލްމާ ދެކޮޅަށް އަޑު އުފުލަމުންދިޔަ ދަނޑިވަޅު ކުރިއަށްދިޔަ ގައުމީ ޕާޓީގެ ރެލީއެއްގައި ބޮޑު ވަޒީރު ނަރެންދްރަ މޯދީވަނީ މި ފިލްމާ އެކު ޓެރަރިޒަމްގެ ޢަމަލުތަކުގެ ވާހަކަ އިތުރަށް ތިލަވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި، މިފަދަ މައުޟޫއަކަށް ފިލްމެއް އުފެއްދުން ރަނގަޅު ގޮތުގައި ބަލައިގަންނަ ކަމަށާއި މާޒީގައި ހިނގާދިޔަ މި ހާދިސާގެ ވާހަކަ އިތުރަށް އޮޅުންފިލުއްވަމުން ގެންދަވާ ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.