ހިންދީ ފިލްމުތަކަށް ރީތި ލަވަތަކެއް ކިޔައިދީފައިވާ ކާމިޔާބު ލަވަކިޔުންތެރިޔާ ޝާން ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

ޝާން ފިލްމީ ދާއިރާއަށް ތަޢާރަފުވާ ފިލްމަކީ، ޑައިރެކްޓަރު ޕާޕާ ރާއޯ އުފައްދާ މިއުޒިކަލް ފިލްމު "މިއުޒިކް ސްކޫލް"އެވެ. މިފިލްމުގެ ޓްރެއިލާ ދާދި ފަހުން ރިލީޒްކޮށްފައިވާއިރު ފިލްމުގައި ޝާން ފެންނާނީ ސީދާ ކޮން ރޯލަކުންކަމެއް ސާފެއްނުވެއެވެ. ނަމަވެސް ފިލްމުގެ ޓްރެއިލާއިން ޝާން ކުޑަ ވަގުތުކޮޅަކަށް ފެނެއެވެ.

ރީތި ލަވަތަކަކުން ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ ޝާން ވަނީ މީގެ ކުރިން ތަފާތު އެކި މިއުޒިކް ވީޑިއޯތަކުން ފެނިފައެވެ. ނަމަވެސް މިއީ ފިލްމެއްގެ ރޯލަކުން އޭނާ ފެންނާނެ ފުރަތަމަ ފަހަރެވެ.

"މިއުޒިކް ސްކޫލް"ގެ ލަވައެއްގެ މަސައްކަތް ފެށިއިރު މިފިލްމުގެ ރޯލެއް ކުޅެން ޖެހޭނެކަމަށް އުއްމީދުނުކުރާކަމަށް ޝާން ވަނީ ބުނެފައެވެ. ނަމަވެސް ފިލްމުގެ ޑައިރެކްޓަރު ޕާޕާ ރާއޯގެ ނަޒަރު ޝާންއަށް ހުއްޓުމާއެކު އެހެން ފަރާތަކަށް އެރޯލް ދޭން ބޭނުންނުވީކަމަށް އޭނާ ވަނީ ބުނެފައެވެ.

ފިލްމުގެ ލަވައެއްގެ މަސައްކަތުގައި އުޅުމުން މިފިލްމުގެ ވާހަކަ ޝާންއަށް އެނގޭކަމަށާއި ނަމަވެސް ޑައިރެކްޓަރުގެ ނެރޭޝަންއަށްފަހު މާބޮޑަށް ފިލްމަށް ޝައުގުވެރިކަން އުފެދުނުކަމަށް ޝާން ބުނެފައިވެއެވެ. އެ ފިލްމުގެ ބޮޑު ބައެއް އިންޑިއާގެ ގޯއާގައި ޝޫޓްކޮށްފައިވާއިރު ފިލްމުގެ ކްރޫއާއެކު ވޭތުކުރި ދުވަސްތަކަކީ ވަރަށް ހިތްގައިމު އުފާވެރި ތަޖުރިބާއެއްގޮތުގައި ޝާންވަނީ ސިފަކޮށްފައެވެ.

ޝާންގެ އިތުރުން މިފިލްމުގެ ލީޑް ރޯލްއިން ފެންނަ ތަރިންގެ ތެރޭގައި އެކްޓަރު ޝަރްމަން ޖޯޝީ، ބަތަލާ ޝްރިޔާ ސަރަން އަދި ޕްރަކާޝް ރާޖް ހިމެނެއެވެ.

މީގެ ދެ އަހަރުކުރިން މަސައްކަތްފެށި ފިލްމު "މިއުޒިކް ސްކޫލް"އަކީ ދަރިވަރުން ހަމައެކަނި ކިޔެވުމަށް ބާރުއެޅުމުންނާއި އޭގެ ސަބަބުން ބެލެނިވެރިންނަށް އަންނަ ޕްރެޝަރާއެކު އިތުރު ހަރަކާތްތަކުން ކުދިން މަހުރޫމުވުމުން ދަރިވަރުންނަށް ކުރާ ނޭދެވޭ އަސަރު ދައްކުވައިދޭ ފިލްމެކެވެ. މިފިލްމު އަންނަ ހުކުރު ދުވަހު ރިލީޒްކުރުމަށް ތާވަލުކޮށްފައި އޮތްއިރު ފިލްމު ރިލީޒްކުރެވޭނީ ހިންދީ، ތެލުގޫ އަދި ތަމަޅަ ބަހުންނެވެ.