25 Apr 2012, 14:15
މާދަމާ ބޭއްވުމަށް ހަމަޖެހިފައި އޮތް މީޑިއާ ކައުންސިލްގެ އިންތިޚާބު އަންނަ މަހުގެ 10 އަށް ފަސްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓާ އަހުމަދު އަބީރު މިއަދު ވިދާޅުވީ އިންތިޚާބު ފަސްކުރީ، މެމްބަރު ކަމަށް ކުރިމަތިލާފައި ތިބި މީހުންގެ ތެރެއިން ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން އެކަން ކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ބަލަނީ މީޑިއާ ކައުންސިލްގެ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބުނާ މީޑިއާ ކައުންސިލްގެ މެމްބަރުންގެ ސިފަތަކުގެ ތެރޭ ހުންނަން ޖެހޭ ސިފަތައް ކުރިމަތިލާފައިވާ ފަރާތްތަކުގައި ހުރިތޯ ކަމަށެވެ.
އެ ސިފަތަކުގެ ތެރޭ ހިމެނެނީ ދިވެއްސަކަށް ވުމާއި 18 އަހަރު ފުރިފައި ހުރި މީހަކަށް ވުމާއި ހައްދު ކަނޑައަޅާފައިވާ ކުށެއް ކޮށްފައި މީހެއްކަމަށް ނުވުމާއި ކުޑަކުދިނަށް ޖިންސީ ގޯނާ ކުރުމާއި ރިޝްވަތު ނުވަތަ ހިޔާނާތުގެ ކުށެއް ކޮށްފައިވާ މީހެއްކަމަށް ނުވުމެވެ. އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭ ޖިނާއީ ކުށެއް ސާބިތު ވެފައިނުމާއި ފާއިތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި ނޫހެއްގައި އެމީހަކު ލިޔުނު އެއްޗަކާ މެދު ޝަރީއަތެއްކޮށް ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމެވެ.
މިމަހުގެ 28 އަށް މިހާރު އޮތް ކައުންސިލްގެ ގާނޫނީ ހައިސިއްޔަތު ހަމަވާ އިރު، އަލަށް އިންތިޚާބު ކުރާ ކައުންސިލްގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު ވަނީ ހަމަވެފަ އެވެ.
މީޑިއާ ކައުންސިލްގައި ހިމެނެނީ 15 މެންބަރުންނެވެ. އެއީ މީޑިއާގެ އަށް މެންބަރުންނާއި އާންމުންގެ ފަރާތުން ހޮވާ ހަތް މެންބަރުންނެވެ.
މީޑިއާ ކައުންސިލްގެ މުއްދަތަކީ ދެ އަހަރެވެ. އަދި އެއްވެސް މީހަކަށް ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެ އެވެ.