ގދ. ތިނަދޫގައި މިއަދު ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އެކަކު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު ތިނަދޫ އަބޫބަކުރު ސްކޫލް ކައިރީގައެވެ.

ތިނަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ މިއަދު އެ ރަށުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން ދެ ފިރިހެނަކު ގެނައި ކަމަށާއި އެތަނުން 19 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސް ކަމަށެވެ.

"އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި. އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން މި ދަނީ," އޮފިޝަލް ވިދާޅުވިއެވެ.

އަނިޔާވެގެން ގެނައި ދެވަނަ މީހާގެ ހާލު ސްޓޭބަލް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އޭނާއަށް އަދިވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.