07 May 2023, 22:09
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ ކޭ-ޕާކް ރެސިޑެންސަސްއިން އެޕާޓްމަންޓްތަކެއް ވިއްކައި، މަކަރާއި ހީލަތުން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައިގައި ޝަކުވާއެއް އޮތް ނަމަ އެކަން ފުލުހަށް އެންގުމަށް މިއަދު އެދެފިއެވެ.
ހަންބޯ ކުންފުންޏާއި އާބަންކޯއިން ވަނީ ކޭޕާކް ފްލެޓްތައް ވިއްކަން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައެވެ.
ކޭ-ޕާކް މައްސަލައާ ގުޅިގެން މިރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ކޭ-ޕާކް ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން ކޭޕާކު އެޕާޓްމެންޓުތައް އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
އެ ބަޔާނުގައި ފުލުހުން ވަނީ، ކޭޕާކް ރެސިޑެންސް ގަނެފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތްނަމަ ވީ އެންމެ އަވަހަކަށް އެކަން އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ނަންބަރަށް ގުޅައި، މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.
ކޭ-ޕާކްގެ މައްސަލައާ ގުޅިގެން ހަންބޯ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ހިއްސާދާރުުންނަކީ ޗައިނާގެ ރައްޔިތެއް ކަމަށްވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި އެ ކުންފުނީގެ 95 އިންސައްތަ ހިއްސާ އޮންނަ ޖިން ޝިހޫ އާއި މައިނޯރިޓީ ހިއްސާ އޮންނަ ޙަސަން މަމްދޫހް (މަންޑޭ) ކަމަށެވެ.
އެގޮތުން، އެ ކުންފުނީގެ ފަރާތުން ތަރައްގީކުރަމުންދާ ކޭ-ޕާކް ރެސިޑެންސްގެ އެޕާޓްމަންޓުތައް ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި، ހީލަތާއި، އޮޅުވާލުމުގެ ތެރެއިން، މަމްދޫހާއި ޖައިޝަން ސައީދު ނަމަކަށް ކިޔާ މީހަކު ވިއްކާފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން ވެސް އަގުބޮޑު ތަކެތި އެމީހުންގެ އަތުން ހޯދާފައި ވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މައިނޯރިޓީ ހިއްސާ އޮންނަ ހަސަން މަމްދޫހް (މަންޑޭ) ---
ހަންބޯއިން ބުނީ، އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކަމަށެވެ. ނަމަވެސް، ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހް ފައިސާ ހޯދާފައިވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް ޖިން ޝިހޫ އާއި އެ ވަކީލާ ބައްދަލުވެފައި ނުވާ ކަމަށް ހަންބޯގެ ބަޔާނުގައިވެއެވެ. އެ ކުންފުނިން ބުނީ މިހާރު އެ މައްސަލަ، ބީއެމްއެލްގެ ސަމާލުކަމަށް ގެނެވިފައިވާނެ ކަމަށެވެ. އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަމްދޫހު ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މަންޑޭގެ ޕާސްޕޯޓް ފުލުހުން މިހާރު ވަނީ ހިފަހައްޓާފައެވެ.