08 May 2023, 09:04
ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެމްބާ ހާޑް ހޮލީވުޑް ދޫކޮށްލުމަށް ފަހު އޭނާގެ ދިރިއުޅުން ސްޕެއިނަށް ބަދަލުކޮށްފައިވާ ކަމުގެ ވާހަކަތައް ދެކެވެން ފަށައިފިއެވެ.
ހޮލީވުޑްގެ ބޮޑެތި އޭލިސްޓުންނާ އެކު ބޮޑެތި ޕްރޮޖެކްޓުތަކުން އެމްބާ ފެނިގެން ގޮސްފައިވާ ނަމަވެސް އާންމުންގެ ތެރޭގައި އެމްބާ އެންމެނަށް ވެސް އެނގެނީ ހޮލީވުޑް އެކްޓަރު ޖޮނީ ޑެޕްގެ ކުރީގެ އަންހެނުންގެ ގޮތުގައެވެ.
ދެ މީހުންގެ ވަރިއަށް ފަހު ކުރި ގެވެށި އަނިޔާގެ ތުހުމަތުތަކާ އެކު ޕަބްލިކް އަޑުއެހުންތަކެއް ވެސް ކުރިއަށް ދިޔަ އިރު އެމްބާއަށް ވަނީ މިދިޔަ ދެ އަހަރެއްގެ ތެރޭގައި ތަފާތު އެކި ކަހަލަ ފާޑު ކިޔުންތަކެއް ރައްދުވެފައެވެ. ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ދައުވާތައް ސާބިތުވެފައިނުވާއިރު، ޑެޕް ވަނީ އޭނާގެ އަބުރު ކަތިލި ކަމަށް ބުނެ މެދުތެރެއިން މައްސަލަތަކެއް ހުށަހަޅައިފައެވެ. މި މައްސަލަތަކާ އެކު އެމްބާ އާ ދެކޮޅަށް މީހުން ވާހަކަ ދައްކަން ފެށިއިރު ޑެޕްއަށް އޭނާ ބޮލުގައި އެޅިފައިވާ ތުހުމަތުތަކަކުން ސަލާމަތެއް ނުވެވުނެވެ. އޭގެ ބަދަލުގައި އަބުރުގެ މައްސަލަ ކާމިޔާބު ވި އިރު އެތައް ބަޔަކު ގަބޫލު ކުރީ ކުށްވެރިއަކީ އެމްބާ ކަމަށެވެ.
ކޮންމެއަކަސް މައްސަލަ ކޮޅަކަށް ޖެހެންވީއިރު އެމްބާ އޮތީ ހޮލީވުޑުން ބްލެކް ލިސްޓު ކޮށްފައެވެ. އޭނާ އެންމެ ފަހުން ފެންނާނެ ފިލްމަކީ ޑީސީގެ "އަކުއާމޭން"ގެ ދެވަނަ ބައިންނެވެ.
މިހާރު އިވެމުންދާ އަޑުތަކަކީ އެމްބާ ހޮލީވުޑް ދޫކޮށްލައި ދިރިއުޅުން ބަދަލު ކުރި ވާހަކައެވެ. އެމްބާގެ ގާތް އެކުވެރިއަކު ޑެއިލީ މެއިލްއަށް މައުލޫމާތު ދިން ގޮތުގައި އެމްބާ ވަނީ ދާދި ފަހުން އޭނާގެ ދިރިއުޅުން ބަދަލުކޮށްފައެވެ. އަދި، އޭނާ މިހާރު ދިރިއުޅެމުން އަންނަނީ މެޑްރިޑްގައި ކަމަށް ވެސް އެމްބާގެ އެކުވެރިޔާ ބުނެއެވެ.
އެމްބާ ދިރިއުޅުން ބަދަލު ކޮށްފައިވަނީ އޭނާގެ ދެ އަހަރުގެ ދަރިފުޅު އޫނާ ގޮވައިގެންނެވެ. މިއިން އެއްވެސް މައުލޫމާތެއް އެމްބާ ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެމްބާ ވަނީ ދާދިފަހުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް ދުރަށް ގޮސްފައެވެ.