ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްއަށް ތާއީދު ކުރަން ނިންމައި، އެމްއާރްއެމްގެ ސްލޮޓުތަކެއްގައި ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިބި މެމްބަރުންތަކެއް އެ ޕާޓީން މިއަދު އިސްތިއުފާ ދީފިއެވެ.

އެމްއާރްއެމްއިން އިސްތިއުފާ ދިން ބޭފުޅުންނަކީ:

  • ޔޫއޭއީ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު މުހައްމަދު ފައިސަލް

  • އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު
  • އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު
  • މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް
  • ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުލްހަމީދު އަހްމަދު
  • ސީނިއާ ޕޮލިސީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު
  • ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު
  • އެކްސްކޯ މެމްބަރު ހަސަން ހައްޔާން އަހުމަދު

މި އަށް ބޭފުޅުންގެ ތެރެއިން ހަތް ބޭފުޅުން ތިއްބެވީ ސަރުކާރުގެ މަގާމުތަކުގައެވެ. މި ބޭފުޅުން ވަކިވެވަޑައިގެންނެވި ނަމަވެސް އެމްއާރްއެމްއަށް ނިސްބަތްވާ 23 މެމްބަރުން އަދިވެސް ސަރުކާރުގެ އެކިއެކި މަގާމުތަކުގައި އެބަ ތިއްބެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އަށް ތާއީދު ކުރައްވާ، އެ މަނިކުފާނާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު އެމްއާރްއެމްއަށް ވެސް ރައީސް ވަނީ ފޮނުއްވާފައެވެ. ނަމަވެސް، އެ ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އުފެދި، މިހާތަނަށް އެކަމާ މެދު އެއްވެސް ގޮތެއް ނިންމާފައެއް ނުވެއެވެ.

ޕާޓީން ވަކިވީ ސަބަބު ބަޔާންކޮށް، އެމްއާރްއެމްއިން ވަކިވީ ބޭފުޅުން އާންމުކުރި ބަޔާނެއްގައިވާ ގޮތުގައި އެ ޕާޓީގެ އިސްބައެއް ފަރާތްތަކުން، އޭގެ ތެރޭގައި މިހާރު ވެސް ސަރުކާރުގެ މަގާމުތަކުގައި ތިިބި ފަރާތްތައް ހިމެނޭހެން، ދަނީ ސަރުކާރާ ދެކޮޅަށް ތެދުވެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

"މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ޕާޓީގެ އެކްސްކޯ އާއި މި ޕާޓީގެ ސްލޮޓްތަކުގައި ސިޔާސީ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް ވަނީ ވަރަށް ފާޅުގައި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ސަރުކާރާއި ދެކޮޅަށް ތެދުވެ މަސައްކަތް ފަށާފައެވެ." އެ ބަޔާނުގައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް މެމްބަރުންނާއި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ ބައެއް މެމްބަރުން ކޯލިޝަން ހެދުމަށް ތާއީދު ކުރި ކަމުގައިވީ ނަމަވެސް، ޕާޓީގެ ރައީސް ފާރިސް މައުމޫން އާއި ކައުންސިލްގެ ބައެއް މެމްބަރުން ބޭނުންވަނީ ކޯލިޝަނުން ވަކިވުމަށެވެ.

އެމްއާރްއެމްއިން އެހެން ޕާޓީއަކާ އެކު ކޯލިޝަން ހެދުމުގެ ވިސްނުން ގެންގުޅޭ ކަން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފާރިސް އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްއާ ބޭއްވެވި ބައްދަލުކުރެއްވުމަކަށް ފަހު ފާރިޝްއަކީ ރަނިންމޭޓަކަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ގާސިމް ވިދާޅުވުމުން، ޖޭޕީއާ އެކީ ކޯލިޝަން ހަދަން އުޅޭ ކަމުގެ އަޑުތައް ވެސް ފެތުރުނެވެ.

ނަމަވެސް މިއީން އެއްވެސް ކަމަކާ ގުޅިގެން އެ ޕާޓީން މިހާތަނަށް ރަސްމީ ގޮތެއްގައި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.