މަޝްހޫރު އިނގިރޭސިވިލާތު ލަވަކިޔުންތެރިޔާ އެޑް ޝީރަން ނެރުނު ލަވައެއްގެ ތެރެއިން ލަވައަކީ ކޮޕީއެއް ކަމަށް ބުނެ ހުށަހެޅި މައްސަލަ ސާބިތުނުވާ ކަމަށް ހުކުމްކޮށްފިއެވެ.

ޝީރަން 2014ވަނަ އަހަރު ނެރުނު ބޮޑު ހިޓް ސިންގަލް "ތިންކިން އައުޓް ލައުޑް" އަކީ 1973ވަނަ އަހަރު މާވިން ގޭ ނެރުނު ލަވަ "ލެޓްސް ގެޓް އިޓް އޮން"ގެ ކޮޕީއެއް ކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވަނީ މާވިންގެ ލަވަ ލިޔުމުގައި ހަރަކާތްތެރިވި އެޑް ޓޯސެންޑެވެ.

އޭނާ އެ މައްސަލަ ހުށަހަޅާފައިވަނީ 2017ވަނަ އަހަރުއެވެ. އެ މައްސަލައިގައި ބުނާ ގޮތުން ތިންކިން އައުޓް ލައުޑްގައި ބޭނުންކޮށްފައިވާ މެލޮޑީއަކީ ލެޓްސް ގެޓް އިޓް އޮން އިން ނަގައިގެން ކޮޕީ ކޮށްފައިވާ މެލޮޑީއެކެވެ.

އެމެރިކާގެ ކޯޓެއްގައި މި މައްސަލަ ބަލަމުން ގެންދިޔަ އިރު ޝީރަން ބުނެފައިވަނީ އެ ލަވައަކީ އޭނާ 2014ވަނަ އަހަރުގައި ލިޔެފައިވާ ލަވައެއް ކަމަށެވެ. އަދި، ލަވައިގެ ޅެމާއި ރާގުގެ ހިޔާލު ލިބި އެ މަސައްކަތް ކޮށްފައިވަނީ އޭނާގެ އެކުވެރިއެއްގެ ގޭގައި އިނދެ ކަމަށް ވެސް ޝީރަން ބުންޏެވެ.

އޭނާގެ ލަވައަކީ ކޮޕީއެއް ކަމަށް ބުނެ ދައުވާ ކުރަމުން ދިޔައިރު އޭނާ މުޅިން ވެސް އެ ކަމަށް އިންކާރު ކުރިއެވެ. އަދި، އެންމެ ފަހުން މިދިޔަ ހަފުތާގައި އޭނާ ބުނެފައިވަނީ އޭނާގެ ލަވައަކީ ކޮޕީއެއް ކަމުގައި ސާބިތުވެއްޖެ ނަމަ އޭނާ ލަވަ ލިޔެ، ލަވަ ކިޔުން އެއްކޮށް ހުއްޓައިލާނެ ކަމަށެވެ.

އެންމެ ފަހުން ކޯޓުން ނިންމާފައިވަނީ އެ ލަވައަކީ ކޮޕީއެއް ނޫން ކަމަށެވެ. އަދި، ކޮޕީ ކޮށްފައިވާ ކަމަށް ބުނާ މެލޮޑީ އަކީ ވަރަށް އާންމުކޮށް ލަވަތަކުގައި ބޭނުން ކުރާ މެލޮޑީއެއް ކަމަށް ކޯޓުން ފާހަގަކުރިއެވެ.

ޝީރަންގެ ލަވައެއްގެ މައްސަލައިގައި ކޯޓަށް ދިޔަ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ 2017ވަނަ އަހަރުގައި ނެރުނު ލަވަ "ޝޭޕް އޮފް ޔޫ" އަކީ ކޮޕީއެއް ކަމަށް ބުނެ ވެސް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. އަދި، އެ މައްސަލަ މިދިޔަ އަހަރު ވަނީ ޝީރަންގެ ކޮޅަށް ކާމިޔާބުވެފައެވެ.