ގޭބިސީތަކުގެ ފުރާޅުތަކުގައި ސޯލާ ޕެނަލް ހަރުކުރަން ކުއްޔަށް ދީގެން އެއިން އުފައްދާ ހަކަތަ ސްޓެލްކޯއަށް ވިއްކައިގެން އާމްދަނީ ހޯދޭނެ ފުރުސަތު އެ ކުންފުނިން މިއަދު ހުޅުވާލައިފިއެވެ.

ސްޓެލްކޯއިން ކުރިއަށް ގެންދާ "އަވިކަތަ" ޕްރޮގްރާމަކީ އާންމުންގެ ބައިވެރިވުމާއެކު އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމް ކުރުމުގެ ޕްރޮޖެކްޓެކެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯގެ ޚިދުމަތް ފޯރުކޮށްދޭ ކޮންމެ ރަށެއްގައި ވެސް ގޭގޭގެ ފުރާޅު ކުއްޔަށް ދީގެން އާމްދަނީ ހޯދުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

ސޯލާ ޕެނެލް ގާއިމްކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްޓެލްކޯއިން ކަމަށާއި، އެކަމަށް ޝައުގުވެރިވާ މީހުން ހަމައެކަނި ހަރުކުރާނެ ތަން ދެއްކުމުން ފުދޭނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ ކޮންމެ ކިލޯވޮޓުގެ ސޯލާ އަކަށް 180.60 ރުފިޔާ ކުލީގެ ގޮތުގައި އެ ކުންފުނިން އެ ގޭގެއަށް ދޭނެ ކަމަށެވެ. މިއީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ސަރުކާރުގެ ނެޓް ޒީރޯ އަމާޒަށް ވާސިލްވުމަށް ފަށާފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން ތިމާވެށީގެ ފައިދާގެ އިތުރުން، ކަސްޓަމަރުންގެ ގޭގޭގެ ފުރާޅު ކުއްޔަށް ދީގެން ކޮންމެ މަހަކު ރަނގަޅު އާމްދަނީއެއް ހޯދުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށާއި، ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތުގައި އާންމުންގެ ބައިވެރިވުން ވެސް އިތުރުވެގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

މީގެއިތުރުން ސްޓެލްކޯއިން ބުނީ، ޕެނަލް ހަރުކުރެވޭނީ އެކަމަށް އެދޭ ގެޔެއްގެ ފުރާޅުގައި މަދުވެގެން 100 އަކަފޫޓުގެ ހުސްޖާގަ އޮވެގެން ކަމަށާއި، ދި ފުރާޅުގައި މަދުވެގެން 150 ކިލޯގެ ބަރުދަން އުފުލޭނެހައި ވަރު ހުންނަންޖެހޭނެ ކަމަށެވެ. އަދި ފަސޭހައިން އިރުގެ އަވިލިބޭ ތަނެއްގައި ހުރި ތަނަކަށްވުމާއި ޕެނަލް އަދި އިންސްޓޮލޭޝަން ވަޞީލަތްތައް ހަރުކުރެވޭނެ ޖާގަ ހުންނަން ޖެހޭނެއެވެ.

މި މަޝްރޫއުގައި ބައިވެރިވާން ޝައުގުވެރިވާ މީހުން ސްޓެލްކޯއާ ގުޅައިގެން ކުރިއަށް ގެންދިއުމަށް އެ ކުންފުނިން އެދެއެވެ. މާލެ ސަރަޙައްދުގެ އިތުރުން އެ ކުންފުނީގެ ޚިދުމަތް ދޭ ހުރިހާ ރަށްރަށެއްގައި މި ޕްރޮގްރާމް ކުރިއަށް ދާނެއެވެ.