ބ. ދަރަވަންދޫން 58 ގޯއްޗަށް ހުށަހެޅުމަށް އެ ރަށު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ.

ދަރަވަންދޫން ގޯތި ދޫކުރުމަށް މިދިޔަ ބުދަ ދުވަހު ބޭއްވުނު އެ ރަށު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 101 ވަނަ ޖަލްސާއިން ފާސްކުރި ގޮތުގެ މަތިންނެވެ.

ބައްދަލުވުމުގައި ފާސްކުރީ އެ ރަށު ކައުންސިލްގެ އިޙްތިސޯސުގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި 2،000 އަކަފޫޓުގެ 58 ގޯއްޗަށް ހުޅުވައިލުމަށެވެ.

ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކެއްވާއިރު، އެމީހަކީ އުމުރުން 18 އަހަރު ފުރިފައިވާ ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ ހައުސިންގ ޔުނިޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ހުރި މީހަކަށް ވެގެން ނުވާނެއެވެ.

ހަމައެއާއެކު، ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާތާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހަކަށް ވާން ޖެހޭނެއެވެ.

ގޯއްޗަށް އެދި ހުށަހެޅުމުގެ ފޯމު ދޫކުރާނީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިންނެވެ. މި ފޯމް އަންނަ އަންގާރަ ދުވަހުން ފެށިގެން ޖޫން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި އެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އެކަމާ ގުޅިގެން ބ. ދަރަވަންދޫ ކައުންސިލުގެ ނައިބު ރައީސް ހުސައިން ނާޒިމް މިރޭ "ސަން"އަށް ވިދާޅުވީ، އެ ރަށުން ގޯތި ދޫނުކުރާތާ އަހަރުތަކެއްވެފައިވާ ކަމަށެވެ. އަދި މިކަމަކީ ރައްޔިތުން ވަރަށް ބޭނުންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފަސް ވަރަކަށް އަހަރުވެދާނެ. ރަައްޔިތުންނާ އެއްކޮށް ބާއްވާ ކޮންމެ ބައްދަލުވުމެއްގަ އަހާނެ ގޯތި ދޫކުރަނީ ކޮންއިރަކުހޭ،" އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ގޯތި ދޫކުރުމުގެ ކަންކަމާ ގުޅިގެން، ކައުންސިލުން ވަނީ ރައްޔިތުންގެ ޚިޔާލު ހޯދައި، މަޝްވަރާކޮށްފައެވެ.

ދަރަވަންދޫގައި 1،200އާ މީހުން ދިރިއުޅޭއިރު، އެ ރަށުގެ ބޮޑުމިނުގައި 57 ހެކްޓަރު ހުރެއެވެ. އެއާޕޯޓެއް ވެސް އޮންނަ އެ ރަށަކީ ލޯކަލް ޓޫރިޒަމުގެ މަތީފަންތީގައި ފާހަގަކޮށްލެވޭ ރަށެކެވެ.