07 May 2023, 20:55
ރ. ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
ކިނޮޅަސް ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން 31,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބާ ބޭސިން ފުންކޮށް، 15,252 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބާ ބޭސިން ފުންކޮށް، 1,920 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކޮށްފައިވެއެވެ. އަދި 6,100 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދު ފުންކޮށް 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާފައިވެއެވެ.
އޭގެ އިތުރުން 172.30 މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި އެއްގަމުތޮށި މަރާމާތުކޮށް، 285 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލައި، 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، 130 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖަހައި، 1,884 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބާ ޕޭވްމަންޓް ހަދައި، ކޮންކްރީޓް ޖެޓީއެއް ހަދައި، ބީކަން ހަރުކޮށް، މޫރިން ބްލޮކްސް ހަރުކުރުމާއި ރޭމްޕެއްވެސް ވަނީ ހަދާފައެވެ.
މިއީ 46.55 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޖުމުލަ 679 މީހުންގެ އާބާދީގެ ކިނޮޅަހުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކޮށް އުޅެނީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ.
އެގޮތުން ރަށުގައި ކަންނެލި މަސްވެރިކަން ކުރާ ތިން އޮޑިފަހަރު އޮންނައިރު، ކަނޑުމަހުގެ މަސްވެރިކަންކުރާ އެއް އޮޑި އޮވެއެވެ. ދަނޑުވެރިކަމަށް ބަލާލާއިރު ކައުންސިލުން ދޫކޮށްފައިވާ 4,000 އަކަފޫޓުގެ 62 ބިމުގައި މިހާރު ވެސް ރަނގަޅު ފެންވަރަކަށް ދަނޑުވެރިކަން ކުރަމުންދާކަމަށް ކިނޮޅަހު ކައުންސިލުން މައުލޫމާތު ދެއެވެ.
އެމްޓީސީސީ އިން ބުނީ މިބަނދަރާއި އިންވެގެން އޮންނަ ދެ ފަރާތުގެ ގޮނޑުދޮށް ސަރަހައްދުގައި މިހާރު ގްރޮއިންސް ޖެހިފައިވުމާއެކު، ކުރިން ބަނދަރަށް ވެލި ވަނުމުގެ ސަބަބުން ދިމާވި މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ.