އިންޑިއާގެ ސްޓޭޓެއް ކަމަށްވާ މަނިޕޫރުގައި ހިނގަމުންދާ ނަސްލީ ހަމަނުޖެހުންތަކުގައި 54 މީހުން މަރުވެއްޖެއެވެ.

މި ހަމަނުޖެހުން ފެށުނީ މިދިޔަ ބުދަ ދުވަހު އެ ސްޓޭޓުގައި ބޭއްވި ހިނގާލުމެއްގެ ތެރެއިންނެވެ. އެއަށްފަހު އެ ހަމަނުޖެހުން ބޮޑުވެ މިހާތަނަށް ގިނަ އަދަދެއްގެ މީހުން މިވަނީ މަރުވެފައެވެ.

މިކަން ހުއްޓުވުމަށްޓަކައި އިންޑިއާ ސަރުކާރުން މިހާރު ވަނީ އެ ސްޓޭޓަށް ސިފައިން ވެސް ފޮނުވާފައެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން އާންމުންގެ ގްރޫޕުތަކުން ވަނީ ގެތަކާއި މިސްކިތްތަކާއި ވެހިކަލްތަކުގެ އިތުރުން ފައްޅިތަކަށް ވެސް ގެއްލުން ދީފައެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ގާތްގަނޑަކަށް 10،000 މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. އެ ސްޓޭޓުގެ ގިނަ ސަރަހައްދުތަކެއްގައި މި ވަގުތު ކާފިއު އިއުލާނު ކޮށްފައިވާއިރު އާންމުންނަށް އިންޓަނެޓު ޚިދުމަތް ފޯރުކޮށްދިނުން ވެސް އިދާރާތަކުން ވަނީ މެދުކަނޑާލާފައެވެ.

އިންޑިއާގެ މަނިޕޫރުގައި ހިނގަމުންދާ ހަމަނުޖެހުމުގައި ވެހިކަލަކަށް ދީފައިވާ ގެއްލުން -- ފޮޓޯ/ އޭއެފްޕީ

މިކަމާ ގުޅިގެން ކައިރި ސްޓޭޓުތަކުން މަނިޕޫރުގައި ކިޔަވަމުން އަންނަ ދަރިވަރުން ވެސް މިހާރު ދަނީ އެ ސްޓޭޓުން އެހެން ތަންތަނަށް ބަދަލުވަމުންނެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ބުނީ ހަމަނުޖެހުންތައް ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ސްޓޭޓުގައި ވެރިކަން ކުރަމުން އަންނަ ބީޖޭޕީ ޕާޓީގެ ލީޑަރުން ވަނީ މި ހަމަނުޖެހުންތައް ހުއްޓުވުމަށް ކުރަން ޖެހޭ ވަރަށް މަސައްކަތް ކުރަމުން ނުދާ ކަމަށް ބުނެ، ފާޑުކިޔާފައެވެ.

މަނިޕޫރުގެ އާބާދީގެ 50 ޕަސެންޓު ނިސްބަތްވާ އާބީދީއެއް ކަމުގައިވާ މެއިޓެއި ގްރޫޕުން އަންނަނީ އަހަރުތަކެއް ވަންދެން އެ ގައުމުގެ ޝެޑިއުލްޑް ޓްރައިބް ކެޓަގަރީގައި އެ ގްރޫޕު ހިމެނުމަށް ޑިމާންޑު ކުރަމުންނެވެ.

އެ ކެޓަގަރީގައި ނަސްލުތަކުގެ މީހުންނަށް ސަރުކާރުގެ ވަޒީފާތަކާއި ކޮލެޖުތަކުގެ ފުރުސަތުތަކާ އަދި ސަރުކާރުގެ އިންތިހާބުކުރެވޭ ގޮނޑިތަކަށް ފުރުސަތު ލިބުން ކަށަވަރު ވެގެން ދާނެއެވެ. އެހެންނަމަވެސް މިހާތަނަށް އެ ނަސްލުގެ މީހުން އެ ކެޓެގަރީގައި ހިމަނާފައި ނުވުމާ ގުޅިގެން މަނިޕޫރުގައި ވަނީ ހަމަނުޖެހުންތައް އިތުރުވެފައެވެ.

އެ ކެޓަގަރީގައި ހިމެނޭ އެހެނިހެން ނަސްލުތަކުގެ މީހުން ދެކޭ ގޮތުގައި މެއިޓެއި ގްރޫޕް ހިމެނިއްޖެނަމަ އެ މީހުންނަށް ލިބޭ ބައެއް އިނާޔަތްތައް ގެއްލިގެން ދާނެއެވެ.