ބޮޑުތަކުރުފާނު މަގު ތާސީރު ކެފޭ ކައިރީ އެކްސިޑެންޓެއް ހިނގާ ދެ މީހުނަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު 13:58 ހާއިރު ލިބިފައި ވާކަމަށެވެ.

މި އެކްސިޑެންޓުގައި 25 އަހަރުގެ މީހަކަށާއި 18 އަހަރުގެ މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައި ވެއެވެ. އޭގެތެރެއިން 25 އަހަރުގެ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދޭ އިރު، 18 އަހަރުގެ މީހާއަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށެވެ.

ފާއިތުވި އެއް މަސް ދުވަސް ތެރޭ މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވެފައި ވާއިރު، މިފަހުން ހިނގި އެކްސިޑެންޓުތަކުގައި ބައެއް މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.