25 Apr 2012, 13:16
ގިނަ މުއައްސަސާތައް އޮޑިޓް ކުރުމަށް އޮޑިޓް އޮފީހުގެ އޮޑިޓަރުން ވަންނަން ޖެހެނީ ގަދަކަމުން ކަމަށް އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ނިޔާޒް ވިދާޅުވީ އޮޑިޓް އޮފީހުގެ އޮޑިޓަރުން ދައުލަތުގެ މުއައްސަސާތައް އޮޑިޓް ކުރަން ވަންނަން އުޅުމުން، އިށީނާންނެ ތަނެއް ނުބަހައްޓައި އެތައް ގަޑިއިރެއްވަންދެން އެތަންތަނުގެ ތެރޭގައި ބައިތިއްބާ ކަމަށެވެ. އަދި މުއައްސަސާތައް ވަކި މުއްދަތެއްގެ ތެރޭގައި އޮޑިޓް ކުރުމަށް އެންގި ނަމަވެސް، އެ މަސައްކަތް ލަސްވެގެން ދަނީ މުއައްސަސާތަކުން ދޭން ޖެހޭ ލިޔެކިޔުންތައް ނުދީގެން ކަމަށެވެ. އަދި ބައެއް ޑޮކިއުމަންޓުތައް ބަދަލުކޮށްގެން ލިޔުންތައް ދީފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން ނިޔާޒް ވިދާޅުވީ މިނިވަން މުއައްސަސާއެއްގެ މެންބަރުން ބާއްވާ ބައްދަލުވުމުގެ ޔައުމިއްޔާ ދިނުމަށް އެދުމުން މުއައްސަސާތަކުން ޔައުމިއްޔާތައް ބަދަލުކޮށް "ދެތިން ފޮޅުވަތުގެ ޔައުމިއްޔާ" ދީފައިވާ ކަމަށެވެ. އަދި އެއީ އޮޅުވާލުމުގެ މަގުސަދުގައިކޮށްފައިވާ ކަންތައްތަކެއް ކަމަށް ނިޔާޒް ތުހުމަތުކުރެއްވެވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ފައިސާތައް ހަރަދު ކުރުމުގައި ވަރަށް ގިނަ މުއައްސަސާތަކުން އިހްމާލުވެފައިވާ ކަމަށާއި އެގޮތުން ހިސާބު ކިތާބުތައް ރަނގަޅަށް ބެލެއްހެއްޓިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މުއައްސަސާތަކުގެ ޕަބްލިކް ސާވިސްގައި ހިސާބު ކިތާބު ބެލެހެއްޓޭ ފެންވަރުގެ ރަނގަޅު މުވައްޒަފުން މުއައްސަސާތަކުގައި ނެތް ކަމަށާއި އެގޮތުން ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ޗާޓަޑު އެކައުންޓެންޓަކު ނެތް ކަމަށެވެ.
ވޯލްޑް ބޭންކާ އެކު ބޭއްވި ބައްދަލުވުމެއްގައި އެބޭކުން ފާހަގަ ކުރި ކަންތައްތަކާ ބެހޭ ގޮތުން ނިޔާޒު ވިދާޅުވީ އޮޑިޓް އޮފީސް ހަރުދަނާ ކުރިއަސް، ދައުލަތުގެ މާލިއްޔާ ބެލެހެއްޓުމަށް ސަރުކާރުގެ އިދާރާތަކުގައި ތައުލީމީ ގާބިލް މުވައްޒަފުން ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ހިސާބުތައް ބެލެހެއްޓުމަށް މިހާރު ވެސް ތިބީ ސްކޫލް ނިންމާ ގޮތަށް ވަޒީފާ އަށް ނުކުމެފައިވާ ދަރިވަރުންތަކެއް ކަމަށެވެ.
ގާބިލް، މާލީ ހިސާބުތައް ބަލަހައްޓާނެ ފެންވަރުގެ މުވައްޒަފުން ނެތުމުން ދައުލަތުގެ ހަރަދުތައް ހިނގާ ނުހިނގާ ގޮތް މުއައްސަސާތަކުން ބެލިފައި ނުވާ ކަމަށް އޮޑިޓާ ޖެނަރަލް ވިދާޅުވި އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ބޭކާރު ހަރަދު ކުރުމަށް މަގުފަހިވެގެންދާ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވުނު 54 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތުގެ ތަފްސީލު ނެތް މައްސަލާގައި ނިޔާޒް ވިދާޅުވީ އެފަދަ މައްސަލަތައް އެގޮތަށް ދިމާވަނީ އެ މުއައްސަސާތަކުގެ ސެކްރެޓަރީ ޖެނަރަލްގެ އިހްމާލުން ކަމަށެވެ. ނިޔާޒް އެހެން ވިދާޅުވި އިރު، އިލެކްޝަންސް ކޮމިޝަނަށް ސެކްރެޓަރީ ޖެނަރަލްއަކު އައްޔަންކޮށްފައި ވަނީ 2011 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް އެ ކޮމިޝަންގެ އެ މަގާމު ވަނީ ހުސްވެފަ އެވެ.
އިލެކްޝަންސްގެ 2010 ވަނަ އަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ބޭއްވި ފަސް އިންތިހާބަކަށް އަތޮޅު އޮފީސްތަކަށް ނުވަތަ އަތޮޅު ކައުންސިލްތަކަށް ފޮނުވާފައިވާ 54 މިލިއަން ރުފިޔާގެ ތެރެއިން 39 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަނުގައި އޮތް ނަމަވެސް، 15 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތުގެ ތަފްސީލެއް ކޮމިޝަނުގައި ނެތެވެ.