07 May 2023, 14:59
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޮންލައިން ބޭންކިން ޚިދުމަތަށް ލޮގިން ކުރުމަށް ޓޫ-ފެކްޓާ އޮތެންޓިކޭޝަން މިއަދު ތައާރަފުކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން ޓޫ-ފެކްޓާ އޮތެންޓިކޭޝަން ފުރަތަމަ ތައާރަފުކުރީ މޯބައިލް ބޭންކިން ޚިދުމަތަށް ކަމަށެވެ. ނަމަވެސް މި ހަފުތާ ތެރޭގައި މި ޚިދުމަތް އިންޓަނެޓް ބޭންކިންއަށް ވެސް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ އާ އަޕްޓޭޑުގައި ވަނީ، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށް ޓަކައި އިތުރު ސެކިއުރިޓީ މަރުހަލާއެއް ހިމަނާފައެވެ.
އެގޮތުން މޯބައިލް ބޭންކިން އެޕް އަޕްޓޭޑް ކުރުމަށް ފަހު ލޮގިން ވުމާއެކު، ލޮގިންވުމުގެ ދެވަނަ މަރުހަލާގެ ގޮތުގައި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ޖަހަންޖެހޭނެއެވެ. ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރު ނުވަތަ އޮތެންޓިކޭޓާ އެޕް މެދުވެރިކޮށްވެސް އޯޓީޕީ ޖެނެރޭޓް ކުރެވޭނެއެވެ.
ބީއެމްއެލްއިން ބުނީ، ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ބޭންކުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިދިޔަ މާޗު މަހު ބީއެމްއެލްއިން ވަނީ ހުރިހާ ސްކޭން-ޓު-ޕޭ މުއާމަލާތްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖައްސައި، އިންޓަނެޓް އަދި މޯބައިލް ބޭންކިންއަށް ލޮގިންވާ ކޮންމެ ފަހަރަކު އެލާޓްސް ދާގޮތަށް ހަމަޖައްސައިފައެވެ. މީގެ އިތުރުން ބޭންކުން ވަނީ އޮތެންޓިކޭޓާ އެޕްތައް މެދުވެރިކޮށް އޯޓީޕީ ޖެނެރޭޓްކުރެވޭ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނެލްއެއްގެ ގޮތުން އީމެއިލް މެދުކަނޑާލައި އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވަން ފަށާފައެވެ.
ބީއެމްއެލްއިން ވަނީ، ކަސްޓަމަރުންގެ ޒާތީ މައުލޫމާތު އެހެން ފަރާތަކާ ހިއްސާނުކުރުމަށާއި ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކޮށް، ވަރުގަދަ ޕާސްވޯޑްއެއް ބޭނުންކުރަން އެދިފައެވެ.
ބީއެމްއެލްގެ އޮންލައިން ބޭންކިން ޚިދުމަތުގެ ޓޫ ފެކްޓާ އޯތެންޓިކޭޝަން މަރުހަލާތަކާ ބެހޭ އިތުރު މައުލޫމާތު އެ ބޭންކުގެ ލިބޭނެއެވެ.