ރާއްޖޭގައި ބާއްވާ އެންމެ މަގުބޫލު އެއް ވިޔަފާރި އެވޯޑް ކަމަށްވާ "ގޯލްޑް 100 ގާލާ"ގެ ހަތް ވަނަ ހަފުލާ މި މަހުގެ 16 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.

ކޯޕަރޭޓް މޯލްޑިވްސްގެ އެ އެވޯޑް ހަފުލާ އޮންނާނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ރާއްޖޭގެ އެންމެ ގަދަ 100 ކުންފުނީގެ ކާމިޔާބީ ފާހަގަކުރާ އެ ހަފުލާގައި ބައިވެރިވެވޭނީ ހަމަ އެކަނި ކޯޕަރޭޓް މޯލްޑިވްސްއިން ދައުވަތު ފޮނުވާ ފަރާތްތަކަށެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން ބުނި ގޮތުގައި، އެއީ ހިތްގައިމު މާހައުލެއްގައި ވިޔަފާރިވެރިން ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތެކެވެ. އެގޮތުން އެ ހަަފުލާގައި ކުންފުނިތަކުގެ ޗެއާމަނުންނާއި، މެނޭޖިން ޑިރެކްޓަރުންނާއި، ސީއީއޯއިންނާއި ކުންފުނިތަކުގެ މުހިންމު ނިންމުންތައް ނިންމާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބައިވެރިވާނެއެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން މީގެ ކުރިން ބޭއްވި ގޯލްޑް 100 ހަފުލާއެއްގެ ތެރެއިން -- ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް

އެ ހަފުލާގައި "ގޯލްޑް 100" މެގަޒިން އިފުތިތާހުކުރުމާއި އެންމެ ގަދަ 100 ކުންފުންޏަށް އެވޯޑް ދިނުން އޮންނާނެއެވެ. "ގޯލްޑް 100"އަކީ ކޯޕަރޭޓް މޯލްޑިވްސް އިން ކޮންމެ އަހަރަކުވެސް ނެރޭ ރާއްޖޭގެ އެންމެ ކާމިޔާބު 100 ވިޔަފާރި ކުންފުނީގެ ލިސްޓެކެވެ.

އެ ލިސްޓުގައި ވިޔަފާރިތައް ރޭންކު ކޮށްފައި ނުވާ ނަމަވެސް، އެ 100 ކުންފުނި ހޮވާފައި ވަނީ ދެފުށްފެންނަ މިނިވަން މަރުހަލާތަކެއްގެ ތެރެއިން ކަމަށާއި އެއީ ރާއްޖޭގައި ހުންނަ ލީޑިން 100 ކުންފުނި ކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ.

ރާއްޖޭގެ އެކި ސިނާއަތްތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތައްކޮށް، ވިޔަފާރި މައިދާނުގައި ކާމިޔާބާއި ކުރިއެރުން ހޯދާފައިވާ އަދި މުޖުތަމައުއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްފައިވާ ފަރާތަކަށް "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ދިނުންވެސް އެ ހަފުލާގައި އޮންނާނެއެވެ.