25 Apr 2012, 13:09
ޕާޓީގެ ވިޕް ލައިނާ ހިލާފަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރު ޝިފާގް މުފީދު އަމަލު ކުރައްވެވި މައްސަލަ ބަލައި، އެކަމާ މެދު ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިފާގު ބައިވެރިވެވަޑައިގެންނެވީ ނައިބު ރައީސަކަށް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަން ކުރައްވާފައިވާ މުހައްމަދު ވަހީދުއްދީނާއި ކެބިނެޓް މެންބަރުންނަށް ރުހުން ދިނުމަށް މިއަދު ބާއްވާ ޖަލްސާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އެއްވެސް މެންބަރަކު ބައިވެރިވެވަޑައި ނުގަތުމަށް ނިންމާފައި ވަނިކޮށެވެ.
އެމްޑީޕީން އެގޮތަށް ނިންމާފައި ވަނިކޮށް ޖަލްސާގައި ބައިވެރިވެވަޑައިގެން ޝިފާގު ވަނީ މަޖިލީހުގައި އެމްޑީޕީ އަށް އަމާޒުކޮށް ފާޑުވެސް ވިދާޅުވެފަ އެވެ.
އިބޫ ވިދާޅުވީ މިއަދުގެ ޖަލްސާގައި އެއްވެސް މެންބަރަކު ބައިވެރިވެވަޑައި ނުގަތުމަށް އަންގާ އިއްޔެ ތްރީލައިން ވިޕެއް ނެރެ، އެ ޕާޓީގެ މެންބަރުންނަށް މެސެޖެއް ފޮނުއްވާފައިވާނެ ކަމަށާއި ޕާޓީގެ ތްރީލައިން ވިޕަކާ ހިލާފުވެއްޖެ ނަމަ މީގެ ކުރިން ވެސް އަމަލު ކުރަމުންގެންދާ އުސޫލުން ޝިފާގާ ދޭތެރޭގައި ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ވިދާޅުވީ މައްސަލައިގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ޝިފާގަށް ދެއްވާނެ ކަމަށެވެ.
"އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުންނަށް ވެސް އޮންނާނީ މިއަދުގެ ޖަލްސާގައި ބައިވެރިނުވުމަށް އަންގައި މެސެޖެއް ފޮނުވާފައި. ތްރީލައިން ވިޕެއް ނެރެފައި އޮއްވާ މިއަދުގެ ޖަލްސާ އަށް އެމްޑީޕީގެ އެއްވެސް މެންބަރަކަށް ހާޒިރެއް ނުވެވޭނެ. އެއާ ހިލާފަށް މެންބަރަކު އަމަލް ކުރައްވައިފި ނަމަ އެ މެންބަރެއްގެ މައްސަލަ ޕާލިމަންޓްރީ ގްރޫޕުން ބަލައި ފިޔަވަޅު އަޅާނެ،" އިބޫ ވިދާޅުވި އެވެ.
ޝިފާގު ވިދާޅުވީ އެމްޑީޕީން ތްރީލައިން ވިޕާއި ހިލާފަށް އޭނާ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ އެނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އޭނާގެ ޒަމީރު ގަބޫލު ނުކުރައްވާތީ ކަމަށާއި އެގޮތަށް ގަބޫލު ކުރަން މަޖުބޫރުވި އެތައް ސަބަބެއް އެބަހުރި ކަމަށެވެ.
ޝިފާގް ވިދާޅުވީ އެމްޑީޕީން މިއަދުގެ ޖަލްސާ ބޮއިކޮޓްކުރީ މިހާރުގެ ސަރުކާރަކީ "ބާޣީ" ސަރުކާރެއް ކަމަށް ބުނެ ކަމަށް ވިޔަސް މަޖިލީހުން ބިލްތައް ފާސްކޮށް، އެ ބިލްތައް ތަސްދީގު ކުރަން ފޮނުވަނީ ކޮން ބޭފުޅެއްގެ ކައިރިއަށްތޯ ވިސްނާލުމަކީ މުހިންމު ނުގުތާއެއް ކަމަށާއި ނަތީޖާ ހާސިލްކުރެވެން ނެތް ކަމެއްގައި ތްރީލައިން ވިޕެއް ނެރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންނަނަށް މަޖިލީހަށް ބިލްތައް ހުށަހަޅައި އެ ބިލްތަކަށް އިސްލާހު ހުށަހަޅައި، އެ ބިލްތައް ފާސްކޮށް އެބިލް ތަސްދީގުކުރުމަށް އެބަ ފޮނުވަން، އެކަމުގައި މައްސަލައެއް ނެތް، ނަމަވެސް އެ ބިލްތައް ތަސްދީގުކުރަން މިފޮނުވެނީ ކާކުގެ ގާތަށްކަން އެއީ ވިސްނާލަން މުހިންމު ކަމެއް. އަޅުގަނޑު ވެސް ގަބޫލްކުރަން ރައީސް ނަޝީދު ވިދާޅުވީމާ މިއީ ބަޣާވާތަކުން ގެނައި ސަރުކާރެއް ކަމަށް. އެކަންތައްތަކާ ގުޅޭ ތަހުގީގެއް ކުރިއަށް ދިޔަސް އެމްޑީޕީން އެބަޖެހޭ އެކަންތައްތައް ހިނގައި ދިޔަ ގޮތުގެ ތަފްސީލް ރިޕޯޓެއް ނެރެ ގެނެސްދެން. އެ މައްސަލަތައް މަޖިލީހުގެ އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކޮމިޓީތަކަށް ހުށަހެޅައިގެން ވެސް ބެލޭނެ. އެމަގުން އެކަންތައް ނުކޮށް، ބާޣީ ބާޣީ އޭ ކިއުމަކީ ގަބޫލްކުރެވޭނެ ކަމެއް ނޫން،" ޝިފާގު ވިދާޅުވި އެވެ.
އެމްޑީޕީގެ ބައެއް ނިންމުންތަކާ ދެކޮޅަށް ޝިފާގު ގެންދަވަނީ ޓުވިޓާގައި ވެސް ޝުއޫރުތައް ފާޅުކުރައްވަމުންނެވެ. އެގޮތުން ބަދަލަކަށް ބިރު ނުގަންނަ ކަމަށާއި ގައުމު ހުއްޓުމަކަށް އައުމަށް ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެ މިއަދު ވެސް އޭނާ ވަނީ ޓުވީޓް ކުރައްވާފައިވެ އެވެ.