07 May 2023, 14:07
ޖިއްދާ (6 މެއި 2023): ސޫދާނުގެ އަސްކަރީ އިންގިލާބީ އިސްވެރިންގެ ވެރިކަމުގެ ދަހިވެތިކަމުގެ ސަަބަބުން އެގައުމުގައި އުފެދިފައިވާ ދާޚިލީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ މަޝްވަރާތައް ސަޢޫދީ އަރަބިއްޔާގެ އިގްތިސާދީ ސިޓީ ކަމަށްވާ ޖިއްދާގައި ފަށައިފިއެވެ.
މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ ސަޢޫދީ އާއި އެމެރިކާ ގުޅިގެންނެވެ. މިމަޝްވަރާތަކުގައި ބައިވެރިވަނީ ސޫދާނުގެ ދާޚިލީ ހަނގުރާމައިގެ ދެފަރާތް ކަމަށްވާ ސޫދާނުގެ ރަސްމީ ސިފައިންގެ ލަޝްކަރުގެ މަންދޫބުންނާއި ސިފައިންގެ ލަޝްކަރަށް އެހީތެރިވުމަށް އުފައްދާފައިވާ ލަޝްކަރު ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް) ގެ މެންބޫދުންނެވެ.
ސުލްޙައިގެ މަޝްވަރާތައް މިއަދު ހެނދުނު ޖިއްދާގައި ފަށާފައިވީ ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި ހިނގަމުންދާ ހަމަލާތަކަށް އަދި ހުއްޓުމެއް އައިސްފައެއް ނުވެއެވެ. ސޫދާނުގެ ރަސްމީ ލަޝްކަރުތަކުގެ ތަރުޖަމާނަކު ވިދާޅުވިގޮތުގައި މިމަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސޫދާނުގެ އާންމު ރައްޔިތުންނަށް ބޭހާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް ބޭނުންވާ މަގުތަކާއި ހައިވޭތަކާއި ސަރަހައްދުތައް ހުޅުވުމަށްޓަކައި ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމަށް މަގުފަހި ކުރުވުމެވެ.
ތަރުޖަމާނު ވިދާޅުވިގޮތުގައި ދާއިމީ ގޮތަކަށް މައްސަލަ ހައްލުކުރުމުގެ މަޝްވަރާތަކަށް މަގުފަހިވުމުގެ ފުރުސަތު އޮތީ މިވާހަކަތަކުގެ ކާމިޔާބީއަށް ބަލައި އޭގެފަހުންނެވެ.
ސޫދާނު ސިފައިންގެ ލަޝްކަރުގެ މަންދޫބުންނާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް)ގެ މަންދޫބުންގެ މެދުގައި ވާހަކަތައް ކުރިޔަށްދަނީ ނުސީދާގޮތެއްގައެވެ. އެމެރިކާއާއި ސައޫދީގެ މަންދޫބުން މެދުވެރިއެއްގެ ބައި އަދާކޮށްގެންނެވެ. މިއީވެސް މިދެފަރާތުގެ ދުޝްމަނުކަމުގެ ބޮޑުކަން އޮތްމިންވަރު ހާމަވާ ކަމެކެވެ.
ސޫދާނު ސިފައިންގެ ލަޝްކަރުން "އާރް.އެސް.އެފް" ސިފަކުރަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ. "އާރް.އެސް.އެފް" އިން ސިފައިންގެ ލަޝްކަރު ސިފަކުރަނީ ބާޣީ ޖަމާއަތެއްގެ ގޮތުގައެވެ. ސިފައިންނާއި "އާރް.އެސް.އެފް" އަކީ ސޫދާނުގައި ވެރިކަން ކުރާ އިންގިލާބީ ކައުންސިލުގައި ހިމެނޭ މައިގަނޑު ދެފަރާތެވެ. ދެފަރާތުން ހަނގުރާމަ ފެށީ އިންގިލާބުގެ އިންތިގާލީ މަރުހަލާ ނިމި ރައްޔިތުން އިންތިޚާބުކުރާ މަދަނީ ސަރުކާރަކާ ވެރިކަން ހަވާލުކުރަން ޖެހޭ މުއްދަތު ޖެހުމުންނެވެ.
މިދެ ފަރާތުންކުރެ ކޮންމެ ފަރާތަކުންވެސް މިހާރު ބޭނުންވަނީ ބާރުގެ ބޭނުންކޮށްގެން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަތުމަށެވެ. އެއްބަޔަކު އަނެއް ބަޔަކު ބަލިކޮށްލުމަށެވެ. ހަނގުރާމައިގައި ސޫދާނުގެ ރައްޔިތުން ފަނާވެ ގައުމު ހަލާކުވެ ދިޔަޔަސް ދޫދީގެން މައްސަލަ ހައްލުކުރުމުގެ ވިސްނުމެއް ދެފަރާތުގައިވެސް އަދި ނެތެވެ.
ވާހަކަތައް ފެށުމާ ގުޅިގެން ސައޫދީ އާއި އެމެރިކާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޫދާނުގައި ހަމަލާތައް ބަދަލުކުރާ ދެ ފަރާތުގެ މަންދޫބުންގެ މެދުގައި ޖިއްދާގައި މަޝްވަރާތައް ފަށާފައިވާ ކަމަށާއި، އެންމެ ފުރަތަމަ މަޝްވަރާ ކުރަނީ ވަގުތީގޮތުން ހަމަލާތައް ހުއްޓާލެވޭނެ ގޮތެއް ހޯދުމަށެވެ. އެއަށްފަހު މައްސަލަ ހައްލުކުރުމަށްޓަކައި ސުލްހައިގެ ވާހަކަތައް ކުރިއަށްގެންދާނެ ގޮތަކާ މެދުގައެވެ.
ދެފަރާތުގެ ވަފުދު ޖިއްދާއަށް ދިޔުމުގެ ކުރިން ސޫދާނުގެ ސިފައިންވަނީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސޫދާނުގެ އާންމު ރައްޔިތުންނަށް ބޭހާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް ބޭނުންވާ މަގުތަކާއި ހައިވޭތަކާއި ސަރަހައްދުތައް ހުޅުވުމަށްޓަކައި ހަފުތާއަކަށް (ހަތްދުވަހަށް) ހަމަލާތައް ހުއްޓާލަން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. ނަމަވެސް އާރް.އެސް.އެފުން ވަނީ މިކަމަށް ދެކޮޅު ހަދާފައެވެ.
ސޫދާނުގެ ސިފައިން ގެންދަނީ ވެރިރަށް ޚަރްތޫމްގައި ހަރަކާތްތެރިވާ "އާރް.އެސް.އެފް"ގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ފައިޓާޖެޓްތަކުން ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ. ބޭނުމަކީ "އާރް.އެސް.އެފް"ގެ މުޅި ލަޝްކަރު އަވަސްގޮތަކަށް އިނދަޖައްސާލައި އަމާންދިނުމަށް އެފަރާތަށް މަޖުބޫރު ކުރުމެވެ.
ނަމަވެސް ގެރިއްލާ ހަނގުރާމައިގެ ގާބިލްކަން ލިބިފައިވާ "އާރް.އެސް.އެފް"ގެ ބިޔަ ލަޝްކަރު ބަލިކޮށްލުމަކީ ސޫދާނު ސިފައިންނަށް ފަސޭހައިން އަދި ކުރުމުއްދަތެއްގައި ކުރެވޭނެކަމެއް ނޫންކަމަށް އަސްކަރީ ތަޖުރިބާކާރުން ދެކެއެވެ.
ސޫދާނުގެ ދާޚިލީ ހަނގުރާމައިގާ މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން މަރުވެ ތިން ހާހަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު މަދުވެގެން ހަ މިލިޔަން މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެތެރޭގައި ހަނގުރާމައިގެ ސަބަބުން ގެދޮރުދޫކޮށް ރެފިއުޖީންގެ ގޮތުގައި ވިއްސިވިހާލިވެފައިވާ އެތަށް ލައްކަ ބަޔަކު ހިމެނެއެވެ.
ސޫދާނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ޖަމުޢިއްޔާތަކާއި އެހީދޭ ގައުމުތައް ގުޅިގެން ގިނަ މަސައްކަތް ތަކެއް ކުރަމުން ގެންދިޔަ ނަމަވެސް، އެ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތައް ކުރިމަތިވެފައެވެ. އެއީ ހަނގުރާމައިގެ ހަމަލާތަކެވެ. ހަނގުރާމައިގެ ސަބަބުން އެހީދޭ ޖަމްއިއްޔާތަކަށް ނިސްބަތްވާ 18 މީހަކުވެސްވަނީ މަރުވެފައެވެ.