އެސްޓީއޯގެ ފުށް ގުދަނެއްގައި ހުރި ފުށް ބަސްތާތަކެއް ވެއްޓި ދެމީހަކަށް އަނިޔާވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

'ސަން'އާ ވާހަކަދައްކަވަމުން އެ ކުންފުނީގެ ކޯޕަރޭޓް ބްރޭޑިންގް އޮފިސަރު ޔޫސުފް ޝާހް ވިދާޅުވީ އެ ހާދިސާގައި އަނިޔާވި ދެ މީހުން މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެެވެ. ވެއްޓުނު ވަގުތު އެކަކުގެ ނޭފަތުން ލޭ އައި ނަމަވެސް މިހާތަނަށް ހެދުނު ޓެސްޓުތަކުން ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމަށް ނުދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އަދިވެސް އިތުރު ޓެސްޓުތައް ހަދާ، ދެމީހުންގެ ހާލު މޮނިޓާ ކުރާނެ ކަމަށް ވެސް ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ މިފަދަ މައްސަލަތައް ހައްލު ކުރުމަށްޓަކައި ގުދަން ކުރެވޭ ބަސްތާތައް ޕެލެޓު މަތީގައި ބެހެއްޓުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާރު، ހަކުރާއި ހަނޑޫ ހުންނާނީ ޕެލެޓު މަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުށް ބަސްތާތައް ވެސް ޕެލެޓައިޒް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޝާހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ އެ ކުންފުނިން އިތުރަށް ބަލަމުންދާނެ ކަމަށެވެ.