މއ. ބޯގަންވިލާ ގޭގައި ހޮނިހިރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި، އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލި ވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ބޯގަންވިލާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 11:29 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެ ގޭގެ ދެވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުން ވަނީ މާގިނައިރުތަކެއް ނުވަނީސް ނިއްވާލާފައެވެ. ނަމަވެސް އެ ހާދިސާގައި އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ބޯގަން ވިލާގައި ދިރިއުޅޭ މީހަކު 'ސަން'އަށް ބުނީ އަލިފާން ރޯވި އެޕާޓްމެންޓުގައި ދެ ކޮޓަރި ހުންނަ ކަމަށާއި ހުޅުހިފީ އެތަނުން ކޮޓަރިއެއްގައި ކަމަށެވެ. ނަމަވެސް އެ ވަގުތު އެ ކޮޓަރީގައި މީހަކު ނެތް ކަމަށް އޭނާ ބުންޏެވެ.

ބޯގަންވިލާ ގެއަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އާއިލީ ގެކޮޅެވެ.