އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑް ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

ސިޓީގެ އަމިއްލަ ދަނޑު، އެތިހާދު ސްޓޭޑިއަމްގައި ރޭ ލީޑްސް ޔުނައިޓެޑާ ވާދަކޮށް، ސިޓީން މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ދެވަނައިގައި އޮތް އާސެނަލާއި ސިޓީއާ ދެމެދު މިހާރު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ.

ރޭގެ މެޗުގައި ސިޓީން ގޯލު ޖަހައި ލީޑު ހޯދުމުގެ ކުރިން އެޓީމަށް ކައިރިކައިރީގައި ދެ ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. އެގޮތުން ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން އާޖެންޓީނާ ފޯވަޑް ޖޫލިއަން އަލްވަރޭޒް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައި ނުވާ އިރު، އޭގެ ފަހުން ނޯވޭ ފޯވަޑް އާލިން ހާލަންޑް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ލީޑްސްގެ ގޯލްކީޕަރު ޖޮއެލް ރޮބްލެސްއެވެ.

މެޗުގައި ސިޓީން ލީޑު ހޯދީ 19 ވަނަ މިނެޓުގައެވެ. ރިޔާދް މަހްރޭޒް ދިން ބޯޅައަކުން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އިލްކާއީ ގުންޑޮގަންއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ އޭނާ އަމާޒުކޮށްލާފައިވަނީ ލީޑްސް ގޯލުގެ ތިރީ ކަނަކަށެވެ.

ވަރުގަދަ ކުޅުމަކަށްފަހު އޭގެ އަށް މިނެޓު ފަހުން ސިޓީން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މަހްރޭޒް ދިން އިތުރު ބޯޅައަކުން ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ގުންޑޮގަންްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ގުންޑޮގަން ފޮނުވާލި އެ ހަމަލާ ވެސް އަމާޒުކޮށްލާފައިވަނީ ލީޑްސް ގޯލުގެ ތިރީ ކަނަކަށެވެ. އެ ގޯލަށްފަހު ވެސް ފުރުސަތުތަކެއް ތަނަވަސްކުރި ސިޓީން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑަކާއެކުއެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސިޓީން ވަނީ ދެވަނަ ހާފުގައި ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން ހާލަންޑަށް ލިބުނު ދެ ފުރުސަތަކާއި އަލްވަރޭޒަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެއެވެ. ހާލަންޑްގެ ދެ ހަމަލާ ލީޑްސް ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، އަލްވަރޭޒް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ލީޑްސްގެ ކީޕަރު ރޮބްލެސްއެވެ.

ޕެނަލްޓީ އޭރިއާ ތެރެއިން ސިޓީގެ ފިލް ފޮޑެންއަށް ލީޑްސްގެ ނެދަލެންޑްސް ޑިފެންޑަރު ޕަސްކަލް ސްޓްރުއިކް ކުރި ފައުލަކާ ގުޅިގެން މެޗުގެ 84 ވަނަ މިނެޓުގައި ސިޓީއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ޕެނަލްޓީން ގުންޑޮގަންއަށް ހެޓްރިކް ފުރިހަމަކުރަން ފުރުސަތު ލިބުނު ނަމަވެސް، އޭނާގެ ހަމަލާ އަމާޒުވީ ލީޑްސް ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އޭގެ 58 ސިކުންތު ފަހުން ލީޑްސް އިން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ސިޓީގެ ސްވިޒަލެންޑް ޑިފެންޑަރު މެނުއަލް އަކާންޖީއަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ލިބުނު ބޯޅައަކުން ލީޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން ފޯވަޑް ރޮޑްރިގޯއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުކޮށްލާފައިވަނީ ސިޓީ ގޯލުގެ ތިރީ ކަނަކަށެވެ.

ސިޓީގެ އިތުރުން ޕްރިމިއާ ލީގުގައި ރޭ ބޮޑެތި ކްލަބުތަކުން ވަނީ އެޓީމުތައް ކުޅުނު މެޗުތައް ކާމިޔާބުކޮށްފައެވެ. އެގޮތުން މިސީޒަނުގައި ދަށް ނަތީޖާތަކެއް ފެނިގެންދާ ޗެލްސީން ވަނީ ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން ބޯންމައުތު ބަލިކޮށްފައެވެ. ލީގު ތާވަލުގެ 11 ވަނައިގައި އޮތް ޗެލްސީއަށް އެ މެޗުގައި ގޯލުތައް ކާމިޔާބުކޮށްދިނީ ކޮނާ ގަލެގާ އާއި ބެނޮއިޓް ބާޑިއަޝިލް އަދި ޖޮއޯ ފެލިކްސްއެވެ. އަދި މެޗުގައި ބޯންމައުތުން ޖެހި ހަމައެކަނި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މަޓިއަސް ވިނާއެވެ.

ތާވަލުގެ ފަސްވަނައިގައި އޮތް ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި މުހައްމަދު ސަލާހުގެ ގޯލުން ބްރެންޓްފޯޑް އަތުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި ތާވަލުގެ ހަ ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އިން ވަނީ އަމިއްލަ ދަނޑުގައި ހެރީ ކޭންގެ ގޯލުން 1-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ.