25 Apr 2012, 12:56
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަތޮޅުތަކުގައި ފަށާފައިވާ ބަނދަރު ހެދުމާއި ފެނާ ނަރުދަމާގެ އެއްވެސް މަޝްރޫއެއް ހުއްޓާ ނުލާ ކަމަށާއި އެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދިއުން ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް މަޝްރޫއުތައް މަޑު ޖެހިފައި އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ ބައެއް މައްސަލަތައް ހައްލުވުމުން މަޑު ޖެހުމެއް އައިސްފައި ވިޔަސް ހުރިހާ މަޝްރޫއެއް ވެސް ކުރިއަށްގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި އެވެ: "ކޮންމެ މަޝްރޫއެއްގައި ވެސް ހުންނާނެ ތަފާތު މައްސަލަތައް. އެ މައްސަލަތައް ހައްލުކޮށް ކުރިއަށް ގެންދިއުން އެއީ އޮންނަ އުސޫލަކީ. އެގޮތުން ބައެއް މަޝްރޫއުތައް ހުރެދާނެ މަޑު ޖެހިފައި ނޫނިއްޔާ އެކި އެކި މައްސަލަ ދިމާވެފައި، "އެއީ އާންމުކޮށް ދިމާވާ ކަންތައްތައް. އެކަމު އެއްވެސް މަޝްއޫރުއެއް އަޅުގަނޑުމެން ހުއްޓައެއް ނުލަން. އަޅުގަނޑުމެން ވަރަށް އިސްކަން ދެން ބަނދަރުގެ މަސައްކަތެއްވިޔަސް އެހެން މަޝްރޫއު ވިއަސް،"
މާލެ އަތޮޅު ހުރާގެ ބަނދަރު ބޭރު ތޮށިގަނޑު ހެދުމުގެ މަސައްކަތް ޑެންމާކްގެ އެމްޓީ ހޯގާޑް ކުންފުންޏާއި އިއްޔެ ހަވާލު ކޮށްފައިވާއިރު މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް މަސްދުވަސް ތެރޭގައި އިތުރު ރަށްތަކެއްގައި ބަނދަރާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވެސް ފަށާނެ ކަމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވި އިރު އައްޑޫ ސިޓީގައި ފަށާފައިވާ ބައެއް މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށް ބުނެ އައްޑޫ ސިޓީން ވަނީ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އަދި ފުވައްމުލަކުންވެސް އެކަމަށް ލޮބީ ކުރުމަށް ވަފުދެއް މާލެ އައުމަށްވެސް ވަނީ ނިންމާފަ އެވެ.