06 May 2023, 23:47
އައްޑޫ ސިޓީ ފޭދޫ ގައި ފެން ހިންދާ ނިޒާމެއް ގާއިމްކޮށް، މަސައްކަތް ނިންމާލިތާ ދެ އަހަރު ވީ އިރުވެސް ވިއްސާރައިގައި ފެންބޮޑުވުމުގެ މައްސަލަ އަށް ހައްލެއް ނުލިބޭތީ އެ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފޭދޫން "ސަން" އާ ވާހަކަދެއްކި މީހަކު ބުނީ، ވިއްސާރަ މޫސުމުގައި ގޭގެއަށް ފެންވަދެ ގެއްލުންތަކަކާ ކުރިމަތި ލާން ނުޖެހޭ ފަހަރެއް މަދު ކަމަށެވެ. ވިއްސާރަ މޫސުމެއް އަތުވެއްޖެ ނަމަ ގޭގޭގައި ހިފާ ގެންގުޅޭ ސާމާނުތައް ވެސް ބަދަލު ކުރަން ޖެހި އެ ކަމުގެ ތަކުލީފު ރައްޔިތުން އުފުލަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
ފޭދޫގައި ސްޓޯމް ވޯޓާ ޑްރެއިނޭޛް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުއެވެ. ސަރުކާރު ބަދަލުވުމަށް ފަހު މި ސަރުކާރުން އެ މަޝްރޫއާ ހަވާލުވެ، ޒައިނަށް ބައެއް ބަދަލުތައް ގެނެސް މަޝްރޫއުގެ މަސައްކަތް ނިންމާލި 2020 ވަނަ އަހަރުއެވެ.

ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިފައިވާ ގެޔެއް / ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
އެންވަޔަރަމަންޓް މިނިސްޓްރީ އޭރު ބުނީ، މަސައްކަތުގެ ޑިޒައިން ފުރަތަމަ ނިމުނުއިރު ފެންބޮޑުވާ ހުރިހާ ސަރަހައްދެއް ކަވުރު ނުކުރޮ ނަމަވެސް މަސައްކަތް ނިންމީ، ފަހުން ގެނެވުނު ބަދަލާއެކު ފެންބޮޑުވާ ހުރިހާ ސަރަހައްދެއް ކަވަރު ކުރުމަށް ފަހު ކަމަށެވެ.
މިކަމާ ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސޯދިގު މީގެކުރިން ވިދާޅުވީ، މި ނިޒާމުގެ ތެރެއިން ވެހޭ ހުރިހާ ފެނެއް ބޭރުކުރުމުގެ ބަދަލުގައި، ފެންބޮޑުވާ ހިސާބަށް ދާ ފެންގަނޑު ބޭރުކުރެވޭ ގޮތަށް ނިޒާމު ފަރުމާ ކޮށްފައިވާ ކަމަށާއި، މި މަޝްރޫއާ އެކު ފޭދުއަށް ވިއްސާރައިގެ ސަބަބުން މިހާތަނަށް ލިބެމުން އައި ގެއްލުން ކުޑަ ކުރެވޭނެ ކަމަށެވެ.
އެއަށްފަހު ފެން ހިންދާ ނިޒާމު ޓެސްޓުކޮށް އައްޑޫސިޓީ ކައުންސިލާ އެ ނިޒާމު ހަވާލު ކުރީ 2021 ވަނަ އަހަރުގެ ކުރީ ކޮޅުއެވެ.

ފެން ހިންދާ ނިޒާމު ކައުންސިލާ ހަވާލު ކުރުން -2021 / ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިދިޔަ ބުރާސްފަތި ދުވަހު ސ.ގަމަށް 154 މިލިމީޓަރަށް ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވެއެވެ. ހުއްޓުމެއް ނެތި 12 ގަޑިއިރު ތެރޭ ރެކޯޓު އަދަދަކަށް ވާރޭ ވެހުމުގެ ސަބަބުން ފޭދޫގެ 116 ގެއަކަށް ފެން ވަދެގެން ވަނީ ރިޕޯޓުކޮށްފައެވެ.
މިކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީ ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް "ސަން" އަށް ވިދާޅުވީ، ފޭދޫގައި ގާއިމް ކޮށްފައިވާ ފެން ހިންދާ ނިޒާމް މިހާރު ހުރީ އަޕްގްރޭޑް ކުރަން ޖެހިފައި ކަމަށާއި، ފެން ބޮޑުވުމަށް ދިމާވާ ސަބަބަކީ ޕަންޕުތަކަށް ނުކަތާ ވަރަށް ވާރޭ ވެހުން ކަމަށެވެ.
ފައިސަލް ވިދާޅުވީ މި ދެ ތިން ދުވަހު ވާރޭ ވެހިފައިވަނީ ފަހުގެ ތާރީޚެއްގައި ވާރޭ ނުވެހޭހާ ގިނައިން ކަމަށާއި، ސިސްޓަމް މަސައްކަތް ކުރި ކަމުގައި ވިޔަސް އޯވަލޯޑް ވާން މެދުވެރިވާ ކަމަށެވެ.
މިއަހަރު ތެރޭގައި އަޕްގްރޭޑިން މަސައްކަތް ފެށިގެން ދާނެ. ސިސްޓަމްގެ ކެޕޭސިޓީއަށް ވުރެ ގިނައިން ވާރޭ ވެހޭ ކަމުގައި ވަންޏާމުން އެހެން ދިމާވާނެ. މުޅި ރަށުގައެއް ނޫން ސިސްޓަމް އިންނަނީ. މުޅި ރަށަށް ޑްރެއިނޭޖް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް މިހާރު މަގު ހެދުމުގެ ޕްރޮގްރާމްގެ ތެރެއިން އެބަ ގެންދޭ. އެ ނިމޭއިރު އުއްމީދު ކުރަނީ މިހާރު ރައްޔިތުންނަށް ދިމާވެގެން މި އުޅޭ ދަތިތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށް.އައްޑޫ ސިޓީ ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް

ފެން ހިންދުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
ފޭދުއަށް މި ފަހުން ކުރި ވިއްސާރާގައި ގާތް ގަނޑަކަށް 200 އަށް ވުރެ ގިނަ ގޭގެއަށް އެކި ވަރުގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި، ފަރުނީޗަރު އަދި ކަރަންޓު ސާމާނުތަކަށް އެކި ވަރުގެ ގެއްލުން ލިބުނު ކަމަށް ރިކޯޑު ކުރެވިފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
އެ ރަށު ރައްޔިތުން ގަބޫލު ކުރާ ގޮތުގައި މި ފަދަ ނިޒާމެއްގެ މަސައްކަތް ނިމުނުތާ އެންމެ ދެ އަހަރުތެރޭ އަޕްގްރޭޑް ކުރަން ޖެހުމަކީ ބޮޑު މައްސަލައެކެވެ.