07 May 2023, 00:55
ރާއްޖެ އާއި އިންޑިއާގެ ޓުޓިކޮރިންއާ ދެމެދު ކޮންޓެއިނާ އުފުލާ ބޯޓުގެ ސީދާ ދަތުރުތައް ފަށައިފިއެވެ.
މިކަމަށް އިއްޔެ ބޭއްވި ބޭއްވި ރަސްމިއްޔާތުގައި އެ ޚިދުމަތް ފައްޓަވާދެއްވީ އިންޑިއާގެ ޕޯޓްސް، ޝިޕިން އެންޑް ވޯޓާވޭސްގެ ސްޓޭޓް މިނިސްޓަު ޝާންތަނޫ ޓާކޫރެވެ. މި ޚިދުމަތް ފެށުމާއެކު ރާއްޖެއާއި އިންޑިއާ ދެމެދު މުދާ އުފުލަން ސްރީލަންކާ މަގުން ކުރަމުން އައި ބާޖާއި ބަލްކު ކާގޯގެ ދަތުރުތައް ނިމުމަކަށް އަންނާނެ ކަމުގައި ޝާންތަނޫ ވިދާޅުވިއެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުގައި، ރާއްޖެ އާއި ޓުޓިކޮރިންއާ ދެމެދު ކޮންމެ މަހަކު ތިން ދަތުރުކުރާނެއެވެ. މި ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓު އެމްއެސްއެސް "ގަލީނާ"ގައެވެ.
ރާއްޖެއާ ޓުޓިކޮރިންއާ ދެމެދު މި ފެށި ދަތުރުތަކަކީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ފެށި ދަތުރުތަކެކެވެ.
މީގެ ކުރިން 2020 ވަނަ އަހަރު ވަނީ ކުޅުދުއްފުއްޓާއި އިންޑިއާގެ ޓުޓިކޮރިންއާ ދެމެދު ކާގޯ ދަތުރުތައް ކޮށްފައެވެ. އެ ދަތުރުތަކުގައި ދިވެހި ވިޔަފާރިވެރިންގެ މުދަލާއި އިންޑިއާ ވިޔަފާރިވެރިންގެ މުދާ ރާއްޖެ ގެނައެވެ. ނަމަވެސް އަހަރެއްހާ ދުވަހު އެ ޚިދުމަތް ދިނުމަށް ފަހު އޭރު ބޭނުންކުރި ބޯޓުގެ މުއްދަތު ހަމަވެގެން އެ ޚިދުމަތް ވަނީ ހުއްޓާލާފައެވެ.