ދާދި ފަހުން ފިލްމު ރިލީޒްކުރުމާ ބެހޭގޮތުން މަސްހުނި ތާރީޚުތަކެއް މީޑިއާތަކުން ދިން ފިލްމު "ޖަވާން" ރިލީޒްކުރާ ތާރީޚަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަސްކަން ކަށަވަރުވެއްޖެއެވެ.

ހިންދީ، ތަމަޅަ އަދި ތެލުގޫ ބަހުން ރިލީޒްކުރާ ފިލްމު "ޖަވާން"އަކީ ޝާހުގެ އަންހެނުން ގޯރީ ޚާން ޕްރޮޑިއުސްކުރާ، ތަމަޅަ ޑައިރެކްޓަރު އެޓްލީގެ ފިލްމެކެވެ. މިފިލްމު ސެޕްޓެމްބަރު މަހުގެ ހަތެއްގައި ސިނަމާތަކަށް އަންނާނެކަން ފިލްމު ގެނެސްދޭ ކުންފުނި ރެޑް ޗިލީސްއިން އިއުލާނުކޮށްފައިވަނީ ފިލްމުގެ ޕޯސްޓަރާވެސްއެކުއެވެ.

މިއަހަރުގެ ޖޫން މަހުގެ ދޭއްގައި ފިލްމު ރިލީޒްކުރުމަށް ކުރިން ނިންމާފައިވީ ނަމަވެސް ފިލްމު ގެނެސްދޭ ތާރީޚު ބަދަލުކުރީ ޖޫން މަހުތެރޭ އެކްޓަރު ޕްރަބާސްގެ ވަރުގަދަ އެކްޝަން ފިލްމު "ސަލާރް" ރިލީޒްކުރަން ނިންމުމާ ގުޅިގެންކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ސަލާރް" ރިލީޒްކުރާ ދުވަސްވަރާ މިފިލްމު ފުށުއަރައިފިނަމަ ކޮންމެވެސް އެއް ފިލްމަކަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިދާނެކަމުގެ ބިރާއެކު ޝާހްރުކްގެ އެދުމުގެ މަތިން ޑައިރެކްޓަރު އެޓްލީ ފިލްމު ސެޕްޓެމްބަރު މަހަށް ފަސްކުރީކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ. އެކްޓަރު ޕްރަބާސްއަކީ ސައުތު ސިނަމާގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރެކެވެ.

ފިލްމު "ޕަތާން"އަށްފަހު ޝާހްރުކް ޚާން ލީޑްރޯލްއިން ފެންނަ "ޖަވާން"އަކީ ސައުތު ސިނަމާގެ ފިލްމީ ތަރިންނާއެކު ޝާހު ފެންނަ ވަރުގަދަ އެކްޝަން ތްރިލާއެކެވެ. ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭގައި ބަތަލާ ނަޔަންތާރާ އަދި ވިޖޭ ސެތުޕަތީ ހިމެނެއެވެ.

މީގެއިތުރުން ފިލްމުގެ ޚާއްސަ ފެނިލުންތަކުން އެކްޓަރު ސަންޖޭ ދަތު، އައްލޫ އަރުޖުން އަދި ބަތަލާ ދިޕިކާ ޕަދުކޯން ފެންނާނެއެވެ. ފިލްމު "ޖަވާން"އަށްފަހު ޝާހު މަސައްކަތްކުރަމުން އަންނަ ފިލްމު "ދުންކީ" ރިލީޒްކުރުމަށް ތާވަލުކޮށްފައި ވަނީ މިއަހަރުގެ ޑިސެމްބަރަށެވެ.