ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ އަންހެނަކު ވާހަކަ ދައްކާ ބަސް އެނގޭ މީހަކު އަދިވެސް ހޯދިފައި ނުވާ ކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

އުމުރުން 57 އަހަރުގެ އިންޑިއާއަށް ނިސްބަތްވާ އެ މީހާއަށް ތުހުމަތުކުރަނީ މަސްތުވާތަކެތި ޓްރެފިކްކޮށް ރާއްޖެ އެތެރެކުރި ކަމަށެވެ.

މި މަހުގެ އެއްވަނަ ދުވަހު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަސް ދުވަސް އިތުރު ކޮށްދީފައިވަނީ, އޭނާ ވާހަކަ ދައްކާ ބަސް ދިވެހި ބަހަށް ތަރުޖަމާ ކޮށްދޭނެ ތަރުޖަމާނެއް ހޯދުމަށް ފުރުސަތު ދިނުމަށްފަހުއެވެ.

ނަމަވެސް މިއަދަށް ފަސް ދުވަސް ހަމަވިއިރު ވެސް އޭނާ ދައްކާ ވާހަކަ ދިވެހި ބަހަށް ތަރުޖަމާ ކުރެވޭނެ ވަކީލަކު ހަމަޖެހިފައި ނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި ފުލުހުންނާއި ވަކީލު ވެސް އަންނަނީ އޭނާ ވާހަކަ ދައްކާ ބަސް ތަރުޖަމާ ކުރެވޭނެ މީހަކު ހޯދަމުން ކަމަށް ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެ މަސައްކަތް ކުރުމަށް އަނެއްކާ ވެސް މިއަދު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރު ކޮށްދީފައެވެ.

ތުހުމަތުތަކަށް ބާރުލިބޭ ހެކި ގަރީނާއާ އެކު ހައްޔަރުކުރި އެ މީހާއަށް އިނގިރޭސި އަދި ހިންދީ ބަސް ނޭނގޭ ކަމަށް މީގެ ކުރިން ނެރުނު ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އެހެންކަމުން ގާނޫނީ ވަކީލާ މުއާމަލާތް ކުރުމަށް ދަތިތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ވައިގެ މަގުންނާއި ކަނޑު މަގުން ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން އާންމުވެފައިވާއިރު, އިމިގްރޭޝަނުން އާންމުކޮށްފައިވާ ގަވާއިދެއްގައި ބުނާ ގޮތުން، މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާ ނުވަތަ ބޭނުންކޮށްފާނެ މީހެއްކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިއްޖެ ނަމަ އެ މީހަކު ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމުގެ ބާރު އިމިގްރޭޝަނަށް ލިބެއެވެ.

ނަމަވެސް އެ ކަން ކުރެވޭނީ ވަކި ހާލަތްތަކެއްގައެވެ. އެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ، ލަގެޖުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވުމާއި، މަސްތުވާތަކެތި އުފުލުމުގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާކަމަށް ނުވަތަ އެ މީހަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވުމެވެ.