25 Apr 2012, 12:41
ހއ. އިހަވަންދޫ އާއި އދ. މަހިބަދޫ އާއި ގދ. ގައްދުއަށް ފެން ފޯރުކޮށް ދިނުމަށް 10.3 (ގާތްގަނަޑަކަށް 154 މިލިޔަން ރުފިޔާ) މިލިޔަން ޑޮލަރުގެ ބޯފެނުގެ މަޝްރޫއެއް މިއަދު ފަށައިފި އެވެ.
ތިން ރަށުގައި ހިންގާ ސާފު ބޯފެނުގެ މަޝްރޫއަށް، ދިވެހި ސަރުކާރާއިި ޔޫއެންޑީޕީ އާއި ޔޮނަޕްސް 8.3 މިލިޔަން ޑޮލަރު ހަރަދު ކުރެ އެވެ. މި ޕްރޮޖެކްޓް ހިންގަނީ ޔޫއެންގެ އޮފީސް ފޯ ޕްރޮޖެކްޓްސް (ޔޫއެންއޯޕީއެސް)ގެ ބެލުމުގެ ދަށުން ނެވެ.
އިހަވަންދު އާއި މަހިބަދޫ އަދި ގައްދުއަށް ބޯފެން ފޯރުކޮށްދިނުމު މަޝްރޫއު މިއަދު އިފުތިތާހުކޮށްދެއްވެވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.
ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ހެނދުނު މިނިސްޓަރު މުއިއްޒު ވިދާޅުވީ ތިން ރަށަށް އަމާޒު ކުރާ މަޝްރޫއަކީ ސާފު ބޯފެން ފޯރުކޮށްދިނުމުގެ ނިޒާމުގެ ތެރެއިން ހާއްސަ ސަމާލުކަމެއް ދީގެން ފަށާ މަޝްރޫއެއް ކަމަށާއި މި މަޝްރޫއުގައި އިހަވަންދު އާއި މަހިބަދޫއާ ގައްދޫގެ ފެން ފަށަލަ ރަނގަޅު ކުރަން މަސައްކަތް ކުރުމާ އެކު ލޮނުފެނުން މީރުފެން ހެދުމަށް ޑީސަލިނެޝަން ޕުލާންޓް ބަހައްޓައި އާއްމުން ހޭލުން ތެރިކުރަން ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ.
"މަޝްރޫއުގެ ދަށުން އާއްމުން ހޭލުންތެރި ކުރުމަށާއި މަސައްކަތް ކުރާ ފަންނީ މީހުންގެ ގާބިލްކަން އިތުރުކުރުމަށް ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފައި،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ބޯފެނުގެ މި މަޝްރޫއުގެ ސަބަބުން ތިން ރަށުގައި ހިމެނޭ 10000 އަށް ވުރެ ގިނަ މީހުންގެ އާބާދީ އަށް ފައިދާތަކެއް ކުރާނެ ކަމަށާއި އަދި ފެން ޕްލާންޓުތަކުގެ ބޭނުން އެ ރަށްރަށާއި ކައިރި ސަރަހައްދުތަކުގެ މީހުންނަށް ވެސް ހިފޭނެ ވިއުގައެއް ގާއިމްވާނެ ކަމަށެވެ.
"ރާއްޖޭގައި މިހާރު އެކި މޫސުންތަކުގައި ފެނުގެ ދަތިކަން ރަށްތަކަށް ދަނީ ކުރިމަތިވަމުން. މިހާރު ވެސް 90 ވަރަކަށް ރަށަށް ފެނުގެ ދަތިކަން ވަނީ ކުރިމަތި ވެފައި. އެހެން ކަމުން މިފަދަ ނިޒާމްތައް ވާންވާނީ އެފަދަ ނިޒާމުތައް ގާއިމްކުރެވޭ ރަށްތަކުން ވެސް އެ ސަރަހައްދުތަކުގައި ހިމެނޭ އެފަދަ އެހެން ރަށްރަށަށް ވެސް އެހީތެރިކަން ދެވޭ ފަދަ ނިޒާމުތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.