06 May 2023, 21:42
ހުކުރު ދުވަހު ޖަޕާނުގެ ސިޓީއެއް ކަމަށްވާ އިޝިކާވާއަށް އައި 6.5 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމަށްފަހު 50 އަށްވުރެ ގިނަ ލޮޅުން އަރައި އެކަކު މަރުވެއްޖެއެވެ.
ބިންހެލުމުގެ ސަބަބުން މަރުވި މީހާއަކީ އުމުރުން 65 އަހަރުގެ މީހެކެވެ. އިތުރު 20 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ލޮޅުންތަކާއިއެކު އެ ސަރަހައްދުގެ އެތައް އިމާރާތަކަށް ގެއްލުން ވަނީ ލިބިފައެވެ.
ޖަޕާނުގެ ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ އެ ބިންހެލުމަށް ފަހު މިއަދު ހެނދުނު ގާތްގަނޑަކަށް 55 އާފްޓާ ޝޮކް އައިސްފައިވާ ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދާނެ ކަމުގެ އިންޒާރުވެސް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ދީފައެވެ.
މި ބިންހެލުން އައިސްފައި ވަނީ ހުކުރު ދުވަހެއްގައި ކަމުން މި ދުވަހު ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށް ނުވަތަ އާއިލާއަށް ޒިޔާރަތްކުރުމަށް ދަތުރުކުރާނެއެވެެ. ނަމަވެސް ބިންހެލުމާއެކު ރޭލު ދަތުރުތަކަށް ބުރޫ އަރައި ފަސިންޖަރުން ސްޓޭޝަންތަކުގައި ވަނީ ތާށިވެފައެވެ. މިވަގުތު އެ ސިޓީގެ ރެއިލް ސްޓޭޝަންތައް ވަނީ ބަންދުކޮށްފައެވެ.
ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވިދާޅުވީ، އެންމެ ފަހުން އައި ބިންހެލުމުގެ ހާދިސާ ހިނގި ސަރަހައްދުގައި ތިބި އޮފިޝަލުންނާ ގާތުން މުއާމަލާތް ކުރުމުގައި އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
މީގެ ކުރިން 2007 ވަނަ އަހަރު އެ ސަރަހައްދުގެ މަސްވެރި އަވަށަކަށް 6.9 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.