އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ހިޔާނާތުގެ މައްސަލަތަކެއް މިދިޔަ އަހަރުގެ އޮޑިޓްތަކުން ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ބެހޭ ގޮތުން މާލިއްޔަތު ކޮމެޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން އޮޑިޓާ ޖެނަރަލް ވިދާޅުވީ 2011 ވަނަ އަހަރުގެ އޮޑިޓްތަކުން ފާހަގަ ކުރެވިފައިވާ ގޮތުގައި ކޮމިޝަންގެ ހަރަދުގައި މެންބަރުން ރާއްޖެ އިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އާއިލާގެ މެންބަރުންގެ ކައިރީގައި މަޑުކުރައްވާ ކަމަށެވެ.

އަދި އޮޑިޓާ ޖެނަރަލްގެ ލަފަޔާ ހިލާފަށް ކޮމިޝަނުގެ މެންބަރުންނަށް ގަނެފައިވާ އައިޕެޑްތައް އިލެކްޝަންސްގެ މެންބަރުންގެ އާއިލާގެ މެންބަރުން ބޭނުން ކުރައްވާ ކަމަށާއި މެންބަރުން ނަންގަވާ ފޯނު އެލަވަންސްފެ ފައިސާ ވެސް އާއިލާގެ މީހުންގެ ފޯނުތަކަށް ޓްރާންސްފާ ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނިޔާޒް ވިދާޅުވީ އެއީ އެނގި ތިއްބަވައިގެން ހިންގާފައިވާ ހިޔާނާތްތަކެއް ކަމަށާއި އެ މައްސަލަތަކުގެ ތަފްސީލް އިލެކްޝަންސްގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަ ކުރައްވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ އިންޓެގްރިޓީއާ މެދު ސުވާލު އުފެއްދުމަށް ފަހު އޮޑިޓާ ޖެނަރަލް ވިދާޅުވީ އިލެކްޝަނަށް ކަނޑައަޅާފައިވާ ބަޖެޓުން ބޭކާރު ގޮތުގައި އެތައް ފައިސާއެއް ހަރަދުކޮށްފައިވާ ކަމަށެވެ. އެ ގޮތުން 200000ރ. ގެ ކެމެރާއަކާ 60000ރ. އަށް ތިން ކޮފީ މޭކަރު ގަނެފައިވާއިރު 16 ޓީވީ އާއި 16 ޑީކޯޑަރު ވެސް ގަނެފައިވާ ކަމަށެވެ.

"ދެ ލައްކަ ރުފިޔާ ދީފައި ކޮމިޝަނަށް ކެމެރާއެއް ގަންނަން އެއީކީ ސްޓޫޑީއޯއެއް ނޫން. ދައުލަތުގެ ހަރަދުތައް ބަލާލުމެއްނެތި ވަރަށް ބޮޑަށް ހަރަދުކޮށްފައިވާ ކަން މިއިނގެނީ،" އޮޑިޓާ ޖެނަރަލް ވިދާޅުވި އެވެ.

އިލެކްޝަންސްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ބެހޭ ގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޮޑިޓާ ޖެނަރަލް ވިދާޅުވީ 250 ލެޕްޓޮޕް ބޭނުން ނުކޮށް ކޮމިޝަންގައި ރައްކައުރުމަށްފަހު ކޮންމެ މެންބަރަކަށް އައިޕެޑެއް ގަނެފައިވާ ކަމަށެވެ. އިލެކްޝަންސްގެ ބަޖެޓްގައި ކަނޑައަޅާފައި ނުވާ ހަރަދަކަށް އައިޕެޑް ގަނެފައިވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް ވެސް އޮޑިޓާ ޖެނަރަލް ވިދާޅުވި އެވެ.

ކޮމިޝަންގެ ކޮންމެ ފަސް މެންބަރަކަށް ފަސް އައިޕެޑް ގަނެފައި ވަނީ އޮންލައިން ނޫސްތަކާއި މެއިލް ޗެކް ކުރެއްވުމަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވިދާޅުވެފައިވާ ކަމަށް އޮޑިޓާ ޖެނަރަލް މިއަދު ވިދާޅުވި އެވެ.
އިލެކްޝަންސް 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ 54 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތުގެ ތަފްސީލް އެނގެން ނެތް މައްސަލާގައި އޮޑިޓާ ޖެނަރަލް ވިދާޅުވީ އެ ފައިސާއަކީ އިލެކްޝަންސްގެ ކޮމިޝަންގެ ހިޔާނާތުގެ މައްސަލައެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

އިލެކްޝަންސްގެ 2010 ވަނަ އަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން 2010 އަހަރާ ހަމައަށް ބޭއްވި ފަސް އިންތިހާބަކަށް އަތޮޅު އޮފީސްތަކަށް ނުވަތަ އަތޮޅު ކައުންސިލްތަކަށް ފޮނުވާފައިވާ 54 މިލިއަން ރުފިޔާގެ ތެރެއިން 39 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަނުގައި އޮތް ނަމަވެސް، 15 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތުގެ ތަފްސީލެއް ކޮމިޝަނުގައި ނެތެވެ.

އޮޑިޓާ ޖެނަރަލް ވިދާޅުވީ އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލް އެނގެން ނެތީ ބަލަންވާ މިންވަރަށް ކޮމިޝަންގެ ހިސާބު ކިތާބުތައް ބެލެއްހެއްޓިފައި ނުވާތީ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މާލިއްޔަތު ކޮމެޓީއަށް އަންގާފައި ވަނީ 54 މިލިއަން ރުފިޔާގެ ތެރެއިން 39 މިލިއަން ރުފިޔާ ހަރަދުކުރިގޮތުގެ ތަފްސީލް އެބައޮތް ކަމަށެވެ. ނަމަވެސް 15 މިލިއަން ރުފިޔާ ހަރަދު ކުރިގޮތުގެ ތަފްސީލް ނެތް ކަމަށެވެ.