ލަންޑަން (6 މެއި 2023): ދުނިޔޭގައި މިހާރު އޮތް އެންމެ ބޯދާ ރަސްކަމުގެ އެއް ނިޒާމު ކަމަށްވާ އިނގިރޭސިވިލާތުގެ ރަސްކަމުގެ ނިޒާމަށް ރަސްކަލެއްގެ ހައިސިއްޔަތުން ރަސްގެފާނު ޗާލްސް ތިނެއް ތަޚުތުގައި ވެޑުވުން ނުވަތަ ކޮރޮނޭޓް ކުރުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގެ ޝާހީ ދަރުބާރު ފެށީ ލަންޑަންގައި ހުންނަ ވެސްޓް މިނިސްޓާ އަބޭގައެވެ. އިނގިރޭސި ޕާލަމެންޓް އިމާރާތާ ޖެހިގެން ހުންނަ ވެސްޓްމިނިސްޓަރު އަބޭއަކީ އިނގިރޭސިވިލާތުގައި އޮންނަ ނަސާރާ މަޒުހަބު ކަމަށްވާ އެންގްލިކަން މަޒުހަބުގެ އެންމެ މަޝްހޫރު ފައްޅިއެވެ.

މިރަސްމިއްޔާތު ފެށުމުގެ ޝާހީ ދަރުބާރަށް ޗާލްސްއާއި އޭނާގެ އަނބިކަނބަލުން ކެމީލިއާ، ވެސްޓްމިނިސްޓަރު އަބޭއަށް ވަޑައިގަތީ ރަސްގެފާނުގެ ގަނޑުވަރުކަމަށްވާ ބަކިންހަމް ޕެލަސްއިން ގިނަ އަދަދެއްގެ އަސްވާރުންނާއެކު ޝާހީ އަސްގާޑިއާކޮޅުގައި ރަސްމީ އިއްޒަތުގައެވެ. ޑައިމަންޑް ޖުބިލީ ސްޓޭޓް ކޯޗްގައެވެ.

ޗާލްސް އާއި ކެމީލިއާ ކޮރޮނޭޝަން ރަސްމިއްޔާތުގައި

ޗާލްސް އަކީ އިނގިރޭސިވިލާތުގެ ބޯދާ ރަސްކަމުގައި ފާއިތުވި އެއްހާސް އަހަރުގެ ދިގު ތާރީޚުގައި ވެސްޓް މިނިސްޓަ އަބޭގައި އިނގިރޭސި ރަސްކަމަށް ވަޑުވި ރަސްރަސްކަލުންނާއި ރާނީންގެ ތެރެއިން 40 ވަނަ ރަސްގެފާނެވެ. އިނގިރޭސިވިލާތުގެ މިޑިއާތަކުން ދިޔައީ ވަގުތުން މިމަންޒަރުތައް ދުރަށް ދައްކަމުންނެވެ.

ޗާލްސް ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށް 200 ގައުމުގެ އިސްވެރިންނަށް ދައުވަތު އަރުވާފައިވާއިރު ގިނަ ގައުމުތަކުން އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި 200 ގައުމުގެ ތެރޭގައި އދ. ގައި ނުހިމެނޭ އަދި ފުރިހަމައަށް މިނިވަންކަން ނުލިބޭ މަދުގައުމުތަކެއްވެސް ހިމެނެއެވެ.

އިނގިރޭސި ރަސްކަމުގެ ތާޖު (މިތާޖުގައި ހިމެނޭ ގިނަ ޖަވާހިރާއި ޔާގޫތު ތަކަކީ އިނގިރޭސީން އިސްތިއުމާރުގެ ދުވަސްވަރު ދުނިޔޭގެ ގައުމުތަކުން ވަގަށް ނަގާފައިވާ ތަކެތި ކަމަށްވޭ)

މީގެއިތުރުން އާދައިގެ ޑިޕްލޮމެޓިކް ލެވެލްގައި ބައިވެރިވުމުގެ ދައުވަތު ހަތަރު ގައުމަކަށް ދީފައިވެއެވެ. އޭގެތެރޭގައި އުތުރުކޮރެއާ ހިމެނެއެވެ. ހަތް ގައުމަކަށް އެއްގޮތަކަށްވެސް ދައުވަތު ދީފައެއް ނުވެއެވެ. އެއީ އިނގިރޭސިވިލާތުން އެގައުމުގެ ދުޝްމަނުންގެ ގޮތުގައި ދެކޭ ރަޝިއާ، ސޫރިޔާ، އީރާން، މިޔަންމާ، ވެނެޒުއެލާ، ބެލަރޫސް އަދި އަފްޣާނިސްތާނެވެ.

މީގެތެރެއިން އަފްޣާނިސްތާނާއި ސޫރިޔާއާ ހަނގުރާމައިގައި ހަލާކުކޮށް ސުންނާފަތިކޮށްލުމުގައި އިނގިރޭސިވިލާތުން ވަނީ ވަރަށް ބޮޑު ދައުރެއް އަދާކޮށްފައެވެ. އެމެރިކާއާ ގުޅިގެން އަފްޣާނިސްތާނަށް އަސްކަރީ ގޮތުން އަރައިގަނެ އެގައުމުގެ ގިނަ އަދަދެއްގެ އާންމުން މަރައި އެގައުމުގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ތުހުމަތު އެމެރިކާއެކޭ އެއްގޮތަށް އިނގިރޭސިވިލާތުގެ މައްޗަށްވެސް ވަނީ ކުރެވިފައެވެ.

ޗާލްސް އާއި އަނބިކަނބަލުން ކެމީލިއާ

އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއް ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށް 100 މިލިޔަން ޕައުންޑަށް ވުރެ ބޮޑު ޚަރަދެއް އިނގިރޭސިވިލާތުގެ އާންމު ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދު ކުރާއިރު އިނގިރޭސިވިލާތުގައި ހައި ހޫނުކަމުގައި އުޅެން ޖެހިފައިވާ ނިކަމެތި ފަގީރުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވަމުންދާކަންވަނީ ހާމަވެފައެވެ.

އިނގިރޭސި މީޑީއާ ރިޕޯޓްތައް ބުނާގޮތުން އެގައުމުގައި އަމިއްލައަށް މަސައްކަތްކޮށްގެން ބަނޑުފުރާނަ މުއްތިނުކުރެވޭ ވަރުގެ ނިކަމެތި ހާލުގައި އުޅޭ މީހުންގެ އަދަދު މިހާރު ވަނީ ހަތްލައްކަ އަށްވުރެ މައްޗަށް ގޮސްފައެވެ. މީގެ ދެއަހަރު ކުރިން މިއަދަދު އުޅެނީ ފަސްލައްކައިން ދަށުގައެވެ.

އިނގިރޭސިވިލާތަށް އިގްތިސާދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވަނީ ޔޫރަޕްގެ އިއްތިހާދުން އެގައުމު ވަކިވުމާއި ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކުދި ވިޔަފާރިތައް އިނދަޖެހުމާއި ޔުކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމާއި ޔުކްރެއިންއަށް އަސްކަރީ އަދި އިގްތިސާދީ ބޮޑެތި އެހީތަކެއް ފޯރުކޮށްދޭން ޖެހުމުގެ ސަބަބުން ކަމަށްވަނީ ބެލެވިފައެވެ.

ޗާލްސް ކޮރޮނޭޓް ކުރުމުގެ ރަސްމިއްޔާތު ވެސްޓްމިނިސްޓަރ އަބޭގައި ފަށައިގެން ކުރިޔަށްދަނީ

މިސަބަބުތަކާ ގުޅިގެން އިނގިރޭސިވިލާތުގައި އެކްސްޕޯޓް ދަށަށްގޮސް ގިނަ ކާރުޚާނާތަކެއް ބަންދުކުރަންޖެހި ވަޒީފާނެތް މީހުންގެ އަދަދު މައްޗަށްގޮސް ތަކެތީގެ އަގުތައްވަނީ އާދަޔާ ޚިލާފަށް ބޮޑުވެފައެވެ.

އިނގިރޭސިވިލާތުގައި ރަސްކަލަކު ނޫނީ ރާނީއަކު ތަޚުތުގައި ވެޑުވުން ނުވަތަ ކޮރޮނޭޓް ކުރުމުގެ ރަސްމިއްޔާތެއް މި ބާއްވަނީ 70 އަހަރަށްފަހުގައެވެ. އެންމެފަހުން ކޮރޮނޭޓް ކުރުމުގެ ރަސްމިއްޔާތެއް ބައްވާފައިވަނީ ޗާލްސްގެ މަންމާފުޅު ރާނީ އެލިޒަބަތު ދޭއް ތަޚުތުގައި ވެޑުވުމަށެވެ. އެއީ 1953 ވަނަ އަހަރުގައެވެ.

ޗާލްސްއަށް އިނގިރޭސި ރަސްކަން ލިބިވަޑައިގަތީ އޭނާގެ މަންމާފުޅު އެލިޒަބަތު ދޭއް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ އަށް ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. އާއިލީ ރަސްކަމެއްކުރާ އިނގިރޭސިވިލާތުގެ ތަޚުތުގައި ރެދަލި ކުރައްވާ ބޭފުޅަކު އަވަހާރަވުމާއެކު ވަލީއުލްއަހްދު ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އޮޓަމެޓިކުން ރަސްކަން ލިބިވަޑައިގަންނަވައެވެ. އެއާއެކު ރަސްކަމުގެ ޝަރުއިއްޔަތާމެދު އެއްވެސް ސުވާލެއް ނުއުފެދެއެވެ.

ނަމަވެސް ރަސްގެފާނު ތަޚުތުގައި ވެޑުވުން ނުވަތަ ކޮރޮނޭޓް ކުރުމަކީ އާދަކާދައިގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އިނގިރޭސި ޝާހީ އާއިލާއިން ދެކެއެވެ. މި އާދަކާދަ ފެށިގެން އައީ މީގެ އެއްހާސް އަހަރު ކުރިންނެވެ. އެއްހާސް އަހަރު ކުރިން ފެށިގެން ކުރިޔަށްގެންދާ މި އާދަކާދަ ދިރުވަން މިހާރުވެސް އިނގިރޭސި ޝާހީ އާއިލާއާއި ޝާހީ ކަންކަމަށް ލޯބިކުރާ އިނގިރޭސި ރައްޔިތުން ވަރަށް ބޭނުންވެއެވެ.

އިނގިރޭސި ރަސްކަމުގެ ސަގާފީ ހެދުންތަކާއި ބޯދާ ފަގުޑިތަކާއި ޒަމާންވީ ތާޖުތައް ޗާލްސްގެ ކޮރޮނޭޝަނުން ވަނީ ފެނިގެން ގޮސްފައި

އަނެއްކޮޅުން ޝާހީ ކަންކަމަށް ލޯބިނުކުރާ އަދި އިނގިރޭސި ބޯދާ ރަސްކަން އުވާލުމަށް ގޮވާލާ އާންމުންވެސް މިއަދު އިނގިރޭސިވިލާތުގައި ވަރަށް ގިނައެވެ. ޝާހީ ކަންކަމަށާއި ޝާހީ ޚާންދާންއަށް އިނގިރޭސި ދައުލަތުން ކުރާ ބޮޑެތި ޚަރަދުތަކަކީ ޒަމާނަށް ނުފެތޭ ބޭކާރު ޚަރަދުތަކެއްކަމަށް ދެކޭ މީހުންގެ އަދަދުވެސް ދަނީ ގިނަވަމުންނެވެ. މީގެތެރޭގައި ގިނައީ ޒުވާނުންނެވެ.

ޗާލްސްގެ ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި އިނގިރޭސި ޝާހީ އާއިލާއަށް ޚާއްސަ އުސޫލުތަކާއި ގާނޫނުތަކާއި އާދަކާދަތަކެއް ވަނީ ފެނިގެންގޮސްފައެވެ. ފާއިތުވި އެއްހާސް އަހަރުތެރޭގައި ޝާހީ އާދަތަކަށް ބައެއް ބަދަލުތައް އައިނަމަވެސް މިރަސްމިއްޔާތުގެ ކަންކަން ކުރިއަށް ގެންދިޔައީ މީގެ އެއްހާސް އަހަރު ކުރިންވެސް އެކަންކަން ކުރަމުންދިޔަގޮތަށް ކަމަށް އިނގިރޭސި މީޑިއާ ބުނެއެވެ.

މީގެ އެއްހާސް އަހަރުކުރިން އޭރުގެ އިނގިރޭސި ރަސްގެފާނު އެޑްވަޑް ދޭއް ކޮރޮނޭޓް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭނުންކުރި ތަޚުތު (ގޮނޑިކޮޅު)

އިނގިރޭސި މީޑިއާ ބުނާގޮތުން ޗާލްސް ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި ރިކޮގްނިޝަން، ރަސްކަމުގެ ހުވާކުރުން، އެނޮއިންޓިން، އިންވެސްޓިޗަ އަދި ކްރައުނިން އާއި އެންތުރޯންމަންޓާއި ހޯމޭޖް ހިމެނެއެވެ.

މިރަސްމިއްޔާތުގައި ޗާލްސް ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ގޮތުން ވެސްޓްމިނިސްޓަރ އަބޭގައި ހުންނަ ޚާއްސަ ޕްލެޓްފޯމެއްގައި ޗާލްސް ކޮޅަށްތެދުވެވަޑައިގެން ހުންނަވައި އަދި ގާނޫނުގައިވާ ގޮތުން ރަސްގެފާނު ކުރައްވަންޖެހޭ މަގާމުގެ ހުވާ ޗާލްސް ވަނީ ކުރައްވައިފައެވެ. އެއަށްފަހު ތަޚުތުގައި ޗާލްސް އިށީންދެވަޑައިގަތުމުން އެކި ވައްތަރުގެ އަތަރުތައް އެމަނިކުފާނުގެ ހަށިކޮޅުގައި ލެއްވުން އޮތެވެ. މިކަން ކުރިއަށްދިޔައީ ފަރުދާއެއްގެ އެތެރެއިންނެވެ. އެއީ އެކަން ދައްކަން ބޭނުންނުވާތީއެވެ.

ޗާލްސް ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަތަރުތައް ލެއްވިކަމަށްވަނީ ރަނުން ހަދާފައިވާ އެކަމަށް ޚާއްސަ ސަމުސަލަކުންނެވެ. މިއީ 1349 ވަނަ އަހަރުން ފެށިގެން އިނގިރޭސި ރަސްރަސްކަލުންނާއި ރާނީން ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ކުރަމުން ގެންދާ ސަގާފީ ކަމެއްކަމަށް ވެއެވެ.

އަތަރުލުން ނުވަތަ އެނޮއިންޓިންއަށްފަހު ދެން އޮތީ އިންވެސްޓިޗައެވެ. އެއީ ރަނުން ޖަރީކޮށްފައިވާ ހެދުމެއް ޗާލްސް ތުރުކުރެއްވުމެވެ. ޖަަވާހިރާއި މުތުން ޖަރީކޮށްފައިވާ ރަނުގެ މިހެދުމަކީ 1661 ވަނަ އަހަރުން ފެށިގެން ކޮންމެ ކޮރޮނޭޝަނެއްގައި ބޭނުންކުރާ އެއްޗެކެވެ. އެއަށްފަހު ކޮރެނޭޝަން ރިގޭލިއާ ޗާލްސްއަށް ވަނީ އަރުވާފައެވެ.

ރަނުގެ ހެދުމާއެކު ރަސްގެފާނަށް އަރުވާ ޝާހީ އަސާ ނުވަތަ ސެކްޕްޓްރަރ އަކީވެސް ތާރީޚީ އެއްޗެކެވެ. މި ސެކްޕްޓްރަރ އަކީ ރަނުން ހަދާފައިވާ އެއްޗެކެވެ. އަދި މީގެ ކޮޅުގައި ޖަވާހިރުގެ އެކިއެކި ވައްތަރުތައް ހިމެނޭއިރު، މީގެކޮޅުގައިވާ ސްޓަރ އޮފް އެފްރިކާ ނަމަކަށް ކިޔާ އަލިމަހަކީ ދުނިޔޭގައިވާ އެންމެ ބޮޑު އެއް އަލިމަސް ކަމަށްވެއެވެ.

މީގެއިތުރުން ކޮރޮނޭޝަން އަނގޮޓިއެއްވެސް ޗާލްސްގެ ކަނާތުގެ ހަތަރުވަނަ އިނގިލީގައި އެޅުވިއެވެ. މި އަނގޮޓިއަކީ 1831 ވަނަ އަހަރު އޭރުގެ ރަސްގެފާނު ވިލިއަމް 4 އަށް ޚާއްޞަކޮށްގެން ތައްޔާރުކުރި އަނގޮޓިއެެއްކަމަށްވެއެވެ. ކޮރޮނޭޝަންގެ އެންމެ މުހިއްމު ކަމަކީ ޗާލްސްގެ އިސްތަށިފުޅުގައި ރަސްކަމުގެ ތާޖު އެޅުވުމެވެ. ޗާލްސްގެ އިސްތަށިފުޅުގައި ތާޖު އެޅުއްވީ އިނގިރޭސި އެންގްލިކަން ފައްޅީގެ އެންމެ އިސް ފާދިރީއެވެ. މިއީ 1661 ވަނަ އަހަރު، 2.2 ކިލޯގެ ޚާލިސް ރަނުން ހަދާފައިވާ ވަރަށް ބަރު ތާޖެކެވެ.

ޗާލްސްގެ ކޮރޮނޭޝަން ރަސްމިއްޔާތުގެ އެންމެފަހުން އޮތީ ޗާލްސް ރަސްކަމުގެ ތަޚުތުގެ ގޮނޑިކޮޅުގައި ވެޑުވުމެވެ. މި ތަޚުތަކީ ނުވަތަ ގޮނޑިކޮޅަކީ 1300 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިނގިރޭސި ތަޚުތުގައި ވެޑެވުނު ހުރިހާ ބޭފުޅުންވެސް ބޭނުންކުރެއްވި ތަޚުތު ގޮނޑިކޮޅު ކަމަށްވެއެވެ.

ޗާލްސްގެ ކޮރޮނޭޝަން ރަސްމިއްޔާތަށް ދުނިޔޭގެ އެކި ގައުމުތަކުން 2200 އަށް ވުރެ ގިނަ މެހުމާނުން ހާޒިރުވެވަޑައިގެންފައިވެއެވެ. މެހުމާނުންގެ ތެރޭގައި ގައުމުތަކުގެ ރަސްރަސްކަލުންނާއި ރާނީންނާއި ރައީސުންނާއި ފަސްޓްލޭޑީން އަދި ބޮޑުވަޒީރުންނާއި ނައިބު ރައީސުންނާއި ވަޒީރުންނާއި ޑިޕްލޮމޭޓުން ހިމެނެއެވެ. ނަމަވެސް މިރަސްމިއްޔާތުގައި އިނގިރޭސިވިލާތުގެ އެންމެ ގާތް ގައުމު ކަމަށްވާ އެމެރިކާގެ ރައީސް ޖޯ ބައިޑެން ބައިވެެރިވެވަޑައިނުގަންނަވައެވެ. ބައިޑެންގެ އަނބިކަނބަލުން އެމެރިކާގެ ފަސްޓް ލޭޑީ ޖިލް ބައިޑެން ބައިވެރިވެވަޑައިގެންނެވިއެވެ.

ޗާލްސްގެ ކޮރޮނޭޝަން ރަސްމިއްޔާތުގެ އެންމެ މުހިއްމު ބައި އިއްޔެ ބޭއްވި އިރު މިއަދު ބައެއް ގައުމުތަކުގެ އިސްވެރިން އެ ރަސްމިއްޔާތުން ވަކިވެވަޑައިގެން އެބޭފުޅުންގެ ގައުމުތަކަށް އެނބުރި ވަޑައިގަތުމުގެ ދަތުރުތައް ފައްޓަވާނެއެވެ. ނަމަވެސް އިނގިރޭސިވިލާތުގައި އަދި އިތުރު ހަ ދުވަސްވަންދެން ހުއްޓުމެއްނެތި މިރަސްމިއްޔާތުގެ އެކިއެކިކަންކަން ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.