މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ހަތްލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ހަތްލައްކަ ދިހަ ހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17.5 ޕަސެންޓުގެ ކުރިއެރުމެކެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، 2021 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 403،304 ފަތުރުވެރިންނެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި 2021 ވަނަ އަހަރާ އަޅާބަލާއިރު ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް މި މުއްދަތުގައި ޒިޔާރަތްކުރިއެވެ. މި އަހަރު 2021 ވަނަ އަހަރާ އަޅާބަލާއިރު ތިން ލައްކައަށް ވުރެ ގިނަ ފަތުުރުވެރިން މި ވަނީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން އައީ ރަޝިޔާގެ ފަތުރުވެރިންނެވެ. އެގޮތުން މާކެޓުގެ 11.9 ޕަސެންޓުގެ ގޮތުގައި މި އަހަރު ރަޝިޔާއިން 84،757 ފަތުރުވެރިއަކު ރާއްޖެއަށް އައިސްފައިވެއެވެ. ނިމިދިޔަ އަހަރުގެ އެއްވަނަ އަދި މި އަހަރުގެ ދެވަނަ މާކެޓް އިންޑިއާ އިން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 76،999 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އިތުރު ގައުމުތައް:
- އިނގިރޭސިވިލާތް: 67،086 ފަތުރުވެރިން
- އިޓަލީ: 57،102 ފަތުރުވެރިން
- ޖަރުމަނު: 57،102 ފަތުރުވެރިން

ފާއިތުވި އެއް މަސް ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ ޗައިނާގެ މާކެޓަށެވެ. އެގޮތުން މީގެ ހަފުތާއެއް ކުރިން ވެސް ޗައިނާގެ މާކެޓު އޮތީ ހަތްވަނައިގައެވެ. އޭރު ހަވަނައިގައި އޮތް އެމެރިކާ އާއި ޗައިނާ އާ ދެމެދު އޮތީ އެންމެ 100 ފަތުރުވެރިންގެ ތަފާތެވެ.

އެ ތަފާތު ގާތްކޮށް، ޗައިނާއިން ހަވަނައަށް އަރާފައިވާއިރު، މި އަހަރުގެ މިހާތަނަށް ޗައިނާ އިން ރާއްޖެއަށް 33،601 ފަތުރުވެރިއަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެމެރިކާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 29،358 ފަތުރުވެރިންނެވެ.

ކޮވިޑުގެ ކުރިން ރާއްޖޭގެ އެއް ނަންބަރު މާކެޓުން ރާއްޖެއަށް ފަތުުރުވެރިން އަންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ މި ދުވަސްވަރަކީ ޗައިނާ ފަތުރުވެރިންގެ ޕީކް ދުވަސްވަރަށް ވުމެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހުރި 174 ރިސޯޓަކުން، 170 ރިސޯޓު ދަނީ އޮޕަރޭޓް ކުރަމުންނެވެ. އަދި އެ ރިސޯޓް ތަކުގައި 41،249 އެނދު ދަނީ ބޭނުން ކުރަމުންނެވެ.

މި އަހަރު ސަރުކާރުގެ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. އެހެން ނަމަވެސް މިހާރު ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ދުވާލަކަށް ރާއްޖެއަށް 5،731 ފަތުރުވެރިއަކު ޒިޔާރަތްކުރެއެވެ. އެހެންކަމުން، މުޅި އަހަރަށް އެގޮތުގައި ހިފެހެއްޓިއްޖެނަމަ އެއީ ދެ މިލިއަނަށް ވުރެ އިތުރު ވުމެކެވެ. މިކަން އެެހެން ވެއްޖެ ނަމަ، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެފަދަ ކަމެއް ހިނގާނެ ފުރަތަމަ ފަހަރަށް ވާނެއެވެ.

ނިމިދިޔަ އަހަރު ވެސް ސަރުކާރުން އަންދާޒާ ކުރި 1.6 މިލިއަން ފަތުރުވެރިންނަށް ވުރެ އިތުރަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރިއެވެ.