06 May 2023, 15:49
ގޯވާ (5 މެއި 2023): ޕާކިސްތާނާއި އިންޑިއާގެ ގުޅުންތައް އާދަޔާ ޚިލާފަށް ގޯސްވެފައިވާތާ ހަތް އަހަރު ފަހުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބިލާވަލު ބުއްޓޫ ޒަރުދާރީ އިންޑިއާއަށް ވަޑައިގެންފިއެވެ.
ބިލާވަލު އަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ދޮށީ ފިރިހެން ދަރިކަލުންނެވެ. އަދި ކުރީގެ ބޮޑުވަޒީރު ޒުލްފިގާރު އަލީ ބުއްޓޫގެ ކާފަދަރިކަލެކެވެ. ބިލާވަލުގެ ބައްޕައަކީ ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފް އަލީ ޒަރުދާރީއެވެ.
މިއީ، 2016 ވަނަ އަހަރަށް ފަހު ޕާކިސްތާނުގެ އިސް އޮފިޝަލަކު އިންޑިޔާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބުއްޓޫ ރޭ އިންޑިއާއަށް ވަޑައިގެންފައިވާއިރު އޭނާ ވަޑައިގެންނެވީ އިންޑިއާ ސަރުކާރުގެ ރަސްމީ ދައުވަތެއްގައެއް ނޫނެވެ. އިންޑިއާގައި ބާއްވާ ބައިނަލްއަގްވާމީ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ބުއްޓޫ އިންޑިއާއަށް ވަޑައިގެންނެވީ އިއްޔެ އާއި މިއަދު އިންޑިއާގެ ގޯވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝެންގްހާއީ ކޯޕޮރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ޝެންގްހާއީ ކޯޕޮރޭޝަން އޮގަނައިޒޭޝަން އަކީ ޗައިނާ އިސްވެ އޮވެގެން އުފައްދާފައިވާ މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ޚާއްސަ ސަރަހައްދީ ޖަމާއަތެކެވެ. އިންޑިއާއި ޕާކިސްތާނަކީވެސް މިޖަމާއަތުގެ އޮބްޒާވާ ލެވެލްގެ މެންބަރު ދެގައުމެވެ.
"ޝެންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން" އަކީ ދުނިޔޭގައި ސިޔާސީ އަދި އިގްތިސާދީ ބާރުވެރިކަން ހޯދުމަށާއި ހުޅަނގުގެ ބާރާއި ނުފޫޒު ދުނިޔޭގައި ފެތުރުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް އުފައްދާފައިވާ ޖަމްއިއްޔާ ޖަމާއަތް އަދި އިއްތިޙާދުތަކާ ވާދަކުރުމަށާއި ހުޅަނގުގެ އެފަދަ އިއްތިހާދުތަކާއި ޖަމާއަތްތަކަށް ވުރެ ކުރިއަރައި ދިޔުމުގެ މަގްސަދުގައި ޗައިނާ އިސްވެ އޮވެގެން 2001 ވަނަ އަހަރުގެ ޖޫންމަހު އުފައްދާފައިވާ އިއްތިހާދެކެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބުއްޓޫ
މި އިއްތިހާދުގައި މިހާރު 20 ގައުމު ހިމެނެއެވެ. ސައޫދީ އަރަބިޔާވެސް މިދިޔަ އެޕްރީލްމަހުވަނީ މިކޯޕަރޭޝަންގެ މެންބަރުކަމަށް އެދި ރަސްމީކޮށް ހުށަހަޅާފައެވެ. މެންބަރު 20 ގައުމުގެ ތެރޭގައި ފައުންޑާ މެންބަރުންގެ ގޮތުގައާއި ފުރިހަމަ މެންބަރުންގެ ގޮތުގައި ތިބޭ ހަ ގައުމާއި އޮބްޒާވަރު މެންބަރުންގެ ގޮތުގައި ތިބޭ ހަ ގައުމާއި ޑައިލޮގް ޕާޓްނަރުން ނުވަތަ މަޝްވަރާ ބައިވެރިންގެ ދަރަޖާގައި ތިބޭ އަށް ގައުމު ހިމެނެއެވެ.
ފައުންޑާ މެންބަރު ގައުމުތަކަކީ ޗައިނާ، ރަޝިޔާ، ކަޒަޚިސްތާން، ކިރްގިޒިސްތާން، އުޒްބެކިސްތާން އަދި ތަޖިކިސްތާނެވެ. ފުރިހަމަ މެންބަރުންގެ ގޮތުގައިވެސް އަދި ތިބީ މި ހަ ގައުމެވެ. ނަމަވެސް އޮބްޒާވަރުންގެ ގޮތުގައި އިންޑިއާ، ޕާކިސްތާން، މެންގޯލިއާ، އީރާން، އަފްޣާނިސްތާން އަދި ބެލަރޫސް ހިމެނެއެވެ.
ޑައިލޮގް ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ ތުރުކީ، ސްރީލަންކާ، ކެންބޯޑިއާ، އަޒަރުބައިޖާން، އާމީނިއާ، ނޭޕާލް، މިސްރު އަދި ގަތަރެވެ. ސައޫދީއަށްވެސް މިހާރުވަނީ ޑައިލޮގް ޕާޓްނަރެއްގެ ދަރަޖަ ލިބިފައެވެ. އެއަށްފަހު ލަސްތަކެއްނުވެ އޮބްޒާވަރެއްގެ ދަރަޖަ ލިބޭނެއެވެ. އޮބްޒާވާ މެންބަރެއްގެ ގޮތުގައި މިހާރު އޮތް އީރާނަށް މިއަހަރު ފުރިހަމަ މެންބަރުކަން ލިބޭނެއެވެ.
އިންޑިއާއަކީ ޗައިނާއާ އިދިކޮޅު ގައުމެއް ނަމަވެސް އިންޑިއާއަކީ އެމެރިކާއާއި ޔޫރަޕްގެ ބާރާއި ނުފޫޒާ ދެކޮޅަށް މަސައްކަތްކުރާ ގައުމެކެވެ. ޗައިނާ އިސްކޮށް އޮވެގެން އުފައްދާފައިވާ ބާރުގަދަ އިގްތިސާދީ ޖަމާއަތް ކަމަށްވާ ބްރިކްސްގައި ވެސް އިންޑިއާ ބައިވެރިވެއެވެ.
އިންޑިއާއަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބުއްޓޫ ވިދާޅުވީ އިންޑިއާއަކީ ޕާކިސްތާނުގެ ވަރަށް މުހިއްމު އަވަށްޓެރިއެއްކަމަށާއި އިންޑިއާއާއި ޕާކިސްތާނަކީ ސަގާފީ އަދި އާއިލީ ގުޅުންތައް ބޮޑު ދެގައުމު ކަމުގައެވެ. އެހެންކަމުން ޕާކިސްތާނަށް ވަޑައިގެންނެވުނީތީ އުފާކުރައްވާކަމަށް ބުއްޓޫ ވިދާޅުވިއެވެ.
"ޕާކިސްތާނުގެ ވަފުދާއެކު އަވަށްޓެރި އިންޑިޔާއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބިގެންދިޔުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އިންޑިއާއަށް ވަޑައިގެން ފުރަތަމަ ދެއްވި ބަޔާނުގައި ބުއްޓޫ ވިދާޅުވިއެވެ.
ބުއްޓޫގެ މި ދަތުރުފުޅުގައި އިންޑިޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދެގައުމުގެ ގުޅުންތައް ރަނގަޅު ކުރުމާބެހޭގޮތުން މަޝްވަރާ ކުރައްވާނެކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ.
އިންޑިއާއާއި ޕާކިސްތާނާ ދެމެދުގައިވާ މައިގަނޑު މައްސަލައަކީ ކަޝްމީރުގެ މައްސަލައެވެ. ކަޝްމީރުގެ މުސްލިމުންގެ ހައްގުތަކަށް އިންޑިއާ އަރައިގަންނަ މައްސަލައެވެ. ކަޝްމީރުގެ މިނިވަންކަމަށް އިންޑިއާ ހުރަސް އަޅާ މައްސަލައެވެ. އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައި ކަޝްމީރު ބާއްވަން އިންޑިއާ އަސްކަރީ ބާރު ބޭނުންކުރާ މައްސަލައެވެ.
މީގެއިތުރުން ކަޝްމީރުގެ ރައްޔިތުން އެދޭގޮތަށް އެމީހުންގެ މުސްތަގްބަލު ކަނޑައެޅުމުގެ އިޚްތިޔާރާއި މިނިވަންކަން ދިނުމަށް ގޮވާލައި އދ.އިން ފާސްކޮށްފައިވާ ގަރާރުތަކަށް އަމަލުކުރުމަށް ތަކުރާރުކޮށް އިންޑިއާ ދެކޮޅު ހަދާ މައްސަލައެވެ.
ދެހާސް ނަވާރަ ވަނަ އަހަރު އިންޑިޔާއިން ވަނީ ކަޝްމީރު އިންޑިއާގެ ދަށުގައި އޮތުމަށް އެއްބަސްވި އެއްބަސްވުމާ ޚިލާފަށް އިންޑިއާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ކަޝްމީރު ގެނައުމަށްޓަކައި އިންޑިއާގެ ގާނޫނު އަސާސީއަށްވެސް ބޮޑު ބަދަލެއް ގެނަސްފައެވެ. މިކަމާ ދެކޮޅަށް ކަޝްމީރުގެ އާންމުން ތެދުވުމުން އިންޑިއާވަނީ ބާރުގެ ބޭނުންކޮށްގެން ކަޝްމީރުގެ އާންމުންނާ ދެކޮޅަށް ވަރަށް ހަރުކަށި އަމަލުތަކެއް ހިންގާފައެވެ. މިކަން ދުނިޔެއަށް ހާމަވެދާނެތީ އިންޑިއާވަނީ ކަޝްމީރު ބަންދުކޮށް އެ ސަރަހައްދުން އިންޓަނެޓް ކަނޑާލައި ކަޝްމީރުގެ ރައްޔިތުން ދުނިޔެއާ އެކަހެރިކުރުމުގެ ހަރުކަށި އަމަލުތަކެއް ހިންގާފައެވެ.
ޕާކިސްތާނުންވަނީ މިކަމާދެކޮޅަށް އަޑުއުފުލުމަށްފަހު އިންޑިއާއާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ވަގުތީގޮތުން ކަނޑައިލާފައެވެ. މިއާއެކު ދެގައުމުގެ ގުޅުންތަކަށްވަނީ ވަރަށްބޮޑު ހީނަރުކަމެއް އައިސްފައެވެ.
އަނެއްކޮޅުން އިންޑިއާގެ ހަރުކަށި ހިންދޫން އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައްވެސް އިންޑިއާގައި މިހާރު ވެރިކަންކުރާ ބީޖޭޕީގެ ސަރުކާރުގެ ވެރިކަމުގައިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ހަރުކަށި ހިންދޫން އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކަށް އިންޑިއާގެ މައިސަރުކާރުން އެއްވެސް ވަރަކަށް އަޅާނުލައި ލޯމަރާލައިގެން އޮންނަ މައްސަލާގައި ބައިނަލްއަގްވާމީ ފާޑުކިޔުންތައްވެސް އިންޑިއާއަށްވަނީ އަމާޒުވެފައެވެ. މިގޮތުން ފާޅުގައި އިންސާނީ ހައްގުތަކަށް އަރައިގަންނަކަމުގެ ތުހުމަތު އެމްނެސްޓީ ފަދަ ބައިނަލްއަގްވާމީ ޖަމާއަތްތަކުންވަނީ އިންޑިއާގެ މައްޗަށް ކޮށްފައެވެ.
ޕާކިސްތާނުގެ އިސްވެރިއަކު އެންމެ ފަހުން އިންޑިޔާއަށް ޒިޔާރަތް ކުރައްވާފައި ވަނީ 2016 ވަނަ އަހަރެވެ. އެއަހަރު އިންޑިޔާއަށް ވަޑައިގެންފައިވަނީ ޕާކިސްތާނުގެ އޭރުގެ ޚާރިޖީ ވަޒީރު ސަރްތާޖް ޢަޒީޒެވެ.