ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން, ހުޅުމާލޭގައި ފްލެޓްތައް ތަރައްގީ ކުރުމުގައި މަކަރާއި ހީލަތުން، މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާ އޮންނަ ޙަސަން މަމްދޫހް (މަންޑޭ)ގެ ޕާސްޕޯޓު ހިފައްޓައިފިއެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި ކޯޓު އަމުރެއްގެ ދަށުން މަންޑޭގެ ޕާސްޕޯޓް ފުލުހުން މިހާރު ވަނީ ހިފަހައްޓާފައެވެ.

ހަންބޯ ކުންފުންޏާއި އާބަންކޯއިން ވަނީ ކޭޕާކް ފްލެޓް ވިއްކަން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައެވެ.

ހަންބޯ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ހިއްސާދާރުުންނަކީ ޗައިނާގެ ރައްޔިތެއް ކަމަށްވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި އެ ކުންފުނީގެ 95 އިންސައްތަ ހިއްސާ އޮންނަ ޖިން ޝިހޫ އާއި މައިނޯރިޓީ ހިއްސާ އޮންނަ ޙަސަން މަމްދޫހް (މަންޑޭ) ކަމަށެވެ.

އެގޮތުން، އެ ކުންފުނީގެ ފަރާތުން ތަރައްގީކުރަމުންދާ ކޭ-ޕާކް ރެސިޑެންސްގެ އެޕާޓްމަންޓުތައް ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި، ހީލަތާއި، އޮޅުވާލުމުގެ ތެރެއިން، މަމްދޫހާއި ޖައިޝަން ސައީދު ނަމަކަށް ކިޔާ މީހަކު ވިއްކާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ވެސް އަގުބޮޑު ތަކެތި އެމީހުންގެ އަތުން ހޯދާފައި ވާކަން އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ހަންބޯއިން ބުނީ، އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކަމަށެވެ. ނަމަވެސް، ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހް ފައިސާ ހޯދާފައިވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުންޏެވެ.

"ބީއެމްއެލް އާ ބައްދަލު ކޮށް، ހޯދުނު މައުލޫމާތުން އެނގުނު ގޮތުގައި އެކައުންޓް ހުޅުވާފައިވަނީ އެމްޑީ ޖިން ޝިހޫ ޗައިނާގައި ހުރި ދުވަސްވަރެއްގައެވެ. އަދި އެކައުންޓް ހުޅުވުމުގެ ބޭނުމަށް ޖިން ޝިހޫގެ ޕާސްޕޯޓް ކޮޕީއެއް ހުށަހަޅާފައިވަނީ ވަކީލަކު އެ ކޮޕީގައި، އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިގެން،" ހަންބޯއިން ބުންޏެވެ.

ނަމަވެސް ޖިން ޝިހޫ އާއި އެ ވަކީލާ ބައްދަލުވެފައި ނުވާ ކަމަށް ހަންބޯގެ ބަޔާނުގައި ވެއެވެ. އެ ކުންފުނިން ބުނީ މިހާރު އެ މައްސަލަ، ބީއެމްއެލްގެ ސަމާލުކަމަށް ގެނެވިފައިވާނެ ކަމަށެވެ.

އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަމްދޫހު ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ.

"އެ އެކައުންޓުގެ އިންޓަނެޓް ބޭންކިންގްއާ ކުރަން ޖެހޭ މުއާމަލާތްތައް ކުރުމަށް ކުންފުނީގެ ގަރާރެއް ހުށަހަޅާފައިވާއިރު، އޭގައި ވެސް ޝިހޫގެ ސޮއި ވަނީ ނަކަލު ކޮށްފަ،" ބަޔާނުގައި ވެއެވެ.