ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ބެހޭގޮތުން މިހާތަނަށް އެމްޑީޕީން ރިޕޯޓެއް އެކުލަވާލާފައި ނުވާތީ ސުވާލު އުފެދޭކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު ފުވައްމުލަކު މެދު ދާއިރާގެ ޝިފާގު މުފީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޮއިކޮޓް ކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަފުޅު ދައްކަވަމުން ޝިފާޤު ވިދާޅުވީ، ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވުމުން އޭނާ އެވާހަކަ ގަބޫލު ކުރެއްވި ކަމަށެވެ. އަދި "ބާޣީ" އޭ ގޮވައި އޭނާ ދަންނަ އެންމެން ގާތުގައި ވެސް އެވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް އެކަންކަން ހިނގައިދިޔަގޮތް ބަޔާންކޮށް ޕާޓީގެ ލީޑާޝިޕުން މިހާތަނަށް ވެސް ރިޕޯޓެއް ނެރެފައިނުވާތީ އެކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

"ބަޣާވާތަކުން ވެރިކަން ބަދަލުވި ވާހަކަ ބުނީމާ އަޅުގަނޑު ގަބޫލު ކުރިން. އަޅުގަނޑު ބާޣީއޭ ގޮވިން! އަޅުގަނޑު ދަންނަ ދޭސީ އަކަސް، ބިދޭސީ އަކަސް [އެބައެއްގެ ގާތުގައި] އަޅުގަނޑު އެވާހަކަ ދެއްކިން. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީމާ އަޅުގަނޑު ގަބޫލު ކުރީ އަޅުގަނޑުގެ ޕާޓީގެ ލީޑާޝިޕުން އެކަން ކަން ހިނގާދިޔައީ މިހެންނޭ މިވެނި ތަރުތީބަކުންނޭ، މިވެނި އުސޫލަކުން ކަމަށް ބަޔާންކޮށް ރިޕޯޓެއް ލިބިގެންދާނެ ކަމަށް. އަދި އަޅުގަނޑުގެ ޕާޓީގެ ފަންސާސް ހާސް މެންބަރުންނަށް ވެސް އާއްމުކޮށް މުޅި ދިވެހި ރައްޔިތުންނަށް ވެސް އެކަން ހިނގިގޮތް އޮޅުންފިލާނެ ކަމަށް. ބޭރުގެ ބަޔަކު އައިސް އަދި އެތެރޭން ވެސް ތަހްގީގު ކުރުމަކީ މުޅިން އަދި އެހެންކަމެއް. އެހެން މަރުހަލާއެއް. އަޅުގަނޑުމެން އެ ބުނި ބުނުމެއްގެ ސާފު ތެދުކަން އަޅުގަނޑުމެންގެ ރިޕޯޓުން އަޅުގަނޑުމެންނަށް އެނގެން އޮންނަންވާނެ. އަޅުގަނޑަށް މިއަދާ ހަމައަކަށް ވެސް އެއެއް ނުލިބޭ. ނުލިބި މިޒާތުން ކަންތައް ދިޔައިމާ މިއަދު އެބަ ސުވާލު އުފެދޭ،" ޝިފާޤު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަން ބަދަލުވި ގޮތާ ވެރިކަން ފުރޮޅިގެން ދިޔަގޮތާއި އަށެއް ފެބްރުއަރީގައި ހިނގައިދިޔަ ކަންތައްތައް ތަހްގީގު ކުރެވެން ޖެހޭނެ ކަމަށެވެ. ނަމަވެސް އެކަންތައްތައް ތަހުގީގު ކުރުމުގައި އެމްޑީޕީގެ އިހްލާސްތެރިކަމާމެދު ސުވާލު އުފެދޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ތަހްގީގު ކުރުމަށް އެމްޑީޕީގެ ނާއިބު ރައީސް އަލްހާން ފަހްމީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމްތަތަކާބެހެ ކޮމިޓީއަށް ހުށަހެޅުމުން އެކަމަށް އެމްޑީޕީން ފުރަގަސްދީފައިވާ ކަމަށެވެ.

ކޮމިޓީއަށް އަލްހާން ހުށަހެޅި މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ނަގައިފަ އެވެ.

ޝިފާޤު ވިދާޅުވީ، ވެރިކަން ބަދަލުވިގޮތް އެކި ދުވަހު އެކި ގޮތަށް ރައީސް ނަޝީދު ވިދާޅުވަމުން ވަޑައިގަންނަވާއިރު، އެންމެ ފުރަތަމަ ދުވަހު އެކަން ހިނގާދިޔަގޮތް ޕާޓީގެ ފަރާތުން ޗެއާޕާސަން މޫސާމަނިކު އެމްޑީޕީގެ މެންބަރުންނަށާއި ރައްޔިތުންނަށް އޮޅުން ފިލުވައިދީފައި ނުވާތީ ރައްޔިތުން ތިބީ އޮޅުމެއްގެ ތެރޭގައި ކަމަށެވެ.

"ކަންހިނަގައިދިޔަ ގޮތް އެއްދުވަހު އެއްގޮތަށް އަނެއް ދުވަހު އަނެއްގޮތަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ފުރަތަމަ ދުވަހުއްސުރެން ފެށިގެން ކަންހިނގާދިޔައީ މިހެން ކަމަށް ރައީސް ނަޝީދު އެ ވިދާޅުވި ވިދާޅުވުން އަޅުގަނޑުމެންގެ ޕާޓީގެ ލީޑާޝިޕަށް، ހާއްސަ ގޮތެއްގައި އަޅުގަނޑޫމެންގެ ޕާޓީ ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި ވަގުތީ ޗެއާޕާސަން މޫސާ މަނިކަށް އެކަންކަން އަޅުގަނޑުމެންނަށް ހާމަ ކޮށްނުދެވުނީތީ މިއަދު ރައްޔިތުން މިތިބީ އޮޅުން ބޮޅުމެއްގެ ތެރޭގައި. ވެރިކަން ބަދަލުވި ގޮތާ ވެރިކަން ފުރޮޅިގެންދިޔަގޮތާ އަށެއް ފެބްރުއަރީ ހިނގާދިޔަ ކަންތައްތައް ތަހްގީގު ކުރެވެންވެސް ޖެހޭނެ. މިސާލަކަށް އެމްޑީޕީގެ ނާއިބުރައީސް އަލްހާން ފަހްމީ މިތާ [މަޖިލިސް] ކޮމިޓީއަކަށް ހުށަހެޅި ހުށަހެޅުން އެއީ އަޅުގަނޑުމެންނަށް ފެންނާން އޮތް މަގެއް. އެހެންނަމަވެސް އަޅުގަނޑުމެން އެދުވަހުވެސް ފުރަގަސްދީފަ ދިޔައީ. އެހެންވީމަ އަޅުގަނދުމެންގެ ނިޔަތާމެދު ވެސް ސުވާލު އުފެދޭ،" ޝިފާޤު ވިދާޅުވި އެވެ