06 May 2023, 10:05
އުމުރުން 85 އަހަރު ވިޔަސް، އޭނާއަކީ މާ ބަލި މީހެއް ނޫނެވެ. އުޅުނީ އަމިއްލަ ރަށުގައި އާއިލާގެ ގާތުގައެވެ. މާރިޗު މަހުގެ 25 ވަނަ ދުވަހު، އޭނާ ފާހާނާއަށް ވެއްޓި ބޯފަޅައިގެން ދިއުމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. އެ ދުވަހު ހެދި އެކްސްރޭތަކާއި ޓެސްޓުން ވެސް ދެއްކީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެހެންވެ، ފެޅުނު ތަން ފަހައި، ގެއަށް ވެސް ދޫކޮށްލިއެވެ.
އެކަމަކު، ގެއަށް ގެނައިތާ ގަޑިއިރެއް ފަހުން މީހާއަށް ވާނުވާ ނޭނގި، ހާލު ގޯސްވާން ފެށިއެވެ. އެހެންވެ، އަނެއްކާ ވެސް ހޮސްޕިޓަލަށް ގެންދިޔައެވެ. ރަށު ހޮސްޕިޓަލުން ލަފާ ދިނީ މާލެ ގެންދާށެވެ. ގޮސް ސީޓީ ސްކޭނެއް ހަށާށެވެ.
އެކަމަކު، މާލޭގައި ފަރުވާދޭން ޖުމުލަ 36 ދުވަސް ހޮސްޕިޓަލުގައި ބޭއްވުމަށް ފަހު، އެނބުރި އަމިއްލަ އުފަން ފަސްގަނޑަށް ދިއުމުގެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. ހޮސްޕިޓަލުން ނެރެން ޖެހުނީ އޭނާގެ ފުރާނަ ނެތް މަސްގަނޑެެވެ.
އޭނާގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި މި ކަމުގައި އިހުމާލުތަކެއް އެބަހުއްޓެވެ. އިހުމާލުވެފައިވަނީ ސަރުކާރު ހޮސްޕިޓަލް، އައިޖީއެމްއެޗްއިން ކަމަށް ވެސް އެ މީހުން ތުހުމަތުކުރެއެވެ.
މާލޭގައި ހޭދަކުރި ދުވަސްތަކުގައި ކަން ހިނގި ގޮތާއި ކުރެވޭ ތުހުމަތުތަކުގެ ވާހަކަ އޭނާގެ އާއިލާއިން "ސަން"އަށް ކިޔައިދިނެވެ.
އެޗްޑީޔޫއަށް ވެއްދުން، ޔޫރިން އިންފެކްޝަނެއްގެ ވާހަކަ!
އެއީ އެ މީހުންގެ ބައްޕަ ފަރާތު ބޮޑު ދައިތައެވެ. ފާހަނާއަށް ވެއްޓި ބޮލަށް ލިބުނު ގެއްލުމާ ގުޅިގެން ރަށު ހޮސްޕިޓަލުން ސީޓީ ސްކޭނެއް ނުހެދޭތީ ސީ އެންބިއުލާންސްގައި މާލެ ގެނައީ މިިދިޔަ މަހު 26ގައެވެ.
އައިޖީއެމްއެޗަށް ގެންގޮސް އެންމެ ފުރަތަމަ ފަރުވާ ދިނީ އަވަސްފަރުވާ ދޭ ރޫމުގައެވެ. ހޮސްޕިޓަލަށް ގެނެވުނު ވަގުތު ރަށުން އައި ނަރުސް ބަލިމީހާގެ ހާލަތު ހޮސްޕިޓަލާ ހިއްސާކުރިއެވެ.
އޭގެ ގަޑިއިރުތަކެއް ފަހުން ހޮސްޕިޓަލުން އަނެއްކާ ވެސް އާއިލާއަށް ގުޅައި ލިބުނު އަނިޔާގެ ތަފްސީލު ހޯދިއެވެ. ހެދި ޓެސްޓުތަކުން ދެއްކީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ސިކުނޑިއަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އިތުރު ބޮޑު އެއްވެސް މައްސަލައެއް ނެތް ނަމަވެސް ޔޫރިން އިންފެކްޝަނެއް ހެދިފައިވާ ކަމަށް ޑޮކްޓަރުން ބުންޏެވެ.
"އެ އިންޖަރީގެ ސަބަބުން އެއްވެސް އަސަރެއް ސިކުނޑިއަށް ކޮށްފަ ނުވާ ކަމަށް ބުނީ. އެކަމު ބުނީ ޔޫރިން އިންފެކްޝަނެއްގެ ވާހަކަ. އެހެން ވެގެންނޭ މީހާއަށް ވާނުވާ ނޭނގި އެގޮތަށް އެގްރެސިވް އެ ވީ،" އާއިލާއިން ބުންޏެވެ.
އޭނާއަކީ ހިތުގެ މައްސަލައެއް ހުންނަ މީހެކެވެ. މީގެ ދިހަވަރަކަށް އަހަރު ކުރިން އެންޖިއޯ ޕްލާސްޓީ ވެސް ހަދާފައިވެއެވެ. އެކަން ވެސް ހޮސްޕިޓަލަށް އާއިލާއިން ކިޔައިދިނެވެ. ޖެހިގެން އައި ދުވަހު ލޭގެ ޕްރެޝަރު ދަށްވެ، ޔޫރިން އިންފެކްޝަން ހެދިފައިވާތީ ބަލިމީހާގެ ހާލަތު ގާތުން މޮނިޓާ ކުރުމަށް ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ)އަށް ބަދަލު ކުރެވުނެއެވެ.
ޑޮކްޓަރުން ވިދާޅުވީ އެތަނުގައި ޕްރެޝަރަށް ބޭސްދީ، އިތުރު ފަރުވާދޭނެ ކަމަށެވެ. އެގޮތުގައި ދެ ދުވަސް ފާއިތުވެ، މާރިޗު 29 ވަނަ ދުވަހު ލިވާ އަދި ކިޑްނީ ޓެސްޓެއް ވެސް ހެދިއެވެ.
ހާލަތު އިތުރަށް ގޯސް ނުވެ އެގޮތުގައި ވެސް ދުވަސްތަކެއް ފާއިތުވިއެވެ. އެންމެ ފަހުން ބުނީ ކިޑްނީއާ ލިވާގެ ވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ބުނީ ޕްރެޝަރު ދަށްވުމުން ގާތުން ދައްތަގެ ހާލަތު މޮނިޓާ ކުރަން ޖެހޭ ކަމަށެވެ.
ނަރުހުންނާއި ޑޮކްޓަރުންގެ އަޅާލުން ކުޑަ!
އެޗްޑީޔޫގައި އޮތުމާއެކު ކޮންމެ ދުވަހަކު ވެސް އާއިލާއަށް ދައްތަ ފެންނަނީ ކާންދޭ ވަގުތުގައެވެ. ނުވަތަ ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ކަނޑައަޅާފައިވާ ދެ ގަޑިއިރުގައެވެ.
އާއިލާއިން ކޮންމެ ދުވަހަކު ވެސް ކޮންމެވެސް މީހަކު އޭނާގެ ގާތަށް ދެއެވެ. އަދި ތަކުރާރުކޮށް، ކޮންމެ ދުވަހަކުމެ ހާލަތު އޮޅުންފިލުވާ ހަދައެވެ.
"ވަރަށް އަޅާނުލާ އެތަނުގަ. ނަރުހުން ވެސް އަޅާލަންޖެހޭ ވަރަކަށް އަޅައެއް ނުލާ. ޕޭޝަންޓް އެއްކޮޅުން އަނެއް ކޮޅަށް ޖައްސާ ހަރަކާތް ކޮށްލުވާ ނުހަދާ. ބައެއް ފަހަރު ކާންދީފަ ދާތަނުން ގުޅާފަ ބުނޭ ކާންދޭކަން ނާންނަމެއްނޫންހޭ. އެއީ އެމީހުން އަޅާލާ މިންވަރު،" އާއިލާއިން ކިޔައިދިނެވެ.
އަތް ދުޅަވެ، އިނގިލިތައް ހަލާކުވުން!
ދެ އަތަށް ވަނީ ކެނިއުލާ ގުޅާފައެވެ. ނަމަވެސް މާޗު މަހުގެ 31 ވަނަ ދުވަހު ކެނިއުލާތައް ނައްޓާލުމަށްފަހު ލޭ، އައިވީ ނުވަތަ ބޭސް ދިނުމަށް ހަށިގަނޑުގެ ބޮޑު ނާރަކަށް ޖަހާ ސެންޓްރަލް ލައިން ކަރަށް ގުޅާ ވާހަކަ އާއިލާއާ ހޮސްޕިޓަލުން ހިއްސާ ކުރިއެވެ.
އެ ކަމާ ގުޅިގެން ހޮސްޕިޓަލުން ދިން ފޯމެއްގައި އާއިލާއިން ސޮއި ވެސް ކުރިއެވެ. ޖެހިގެން އައި ދުވަހު އާއިލާގެ މީހަކަށް އޭނާގެ ކަނާއަތުގެ އިނގިލިތައް ނޫފައިގަނެފައިވާތަން ފެނުނެވެ. އެއާއެކު، ވަގުތުން ނަރުހުންނާ ސުވާލު ކުރިއެވެ.
ޖަވާބަކަށްވީ، އެއީ މާ ގިނަ ދުވަހު ކެނިއުލާ ގުޅުމުން ދިމާވި ކަމެއް ކަމަށެވެ. އަދި ބޭހެއް ގަނެ އެ ބޭސް ބަލިމީހާގެ އިނގިލިތަކުގައި އުނގުޅިއެވެ. އޭރު ކުރިން ކަރަށް ގުޅަން ބުނި ސެންޓްރަލް ލައިން ގުޅާފައި ނުވާ ކަން އާއިލާއަށް ފާހަގަކުރެވުނެވެ.
ސެންޓްރަލްލައިނަކީ ކޮބާކަމެއް އޭރަކު މާ ބޮޑަކަށް އެ މީހުންނަކަށް ނޭނގެއެވެ. އެހެންވެ، ފައިގެ ކަށިމަތިން ކެނިއުލާއެއް ފެނުމުން ހީކުރީ އެއީ ސެންޓްރަލް ލައިން ކަމަށެވެ.
"އޭޕްރީލް ދޭއްގަ އެހީ ކޮންތާކުހޭ ސެންޓްރަލް ލައިން. ބުނީމަ ބުނީ ފަޔަށޭ. ދެން އަޅުގަނޑުމެން ހީކުރީ ކަށިމަތީގަ އިން ކެނިއުލާ ކަމަށް،" އާއިލާއިން ބުންޏެވެ.
ދުވަހެއް ދުވަހަކަށް ކަނާއަތުގެ އިނގިލިތަކުގެ ކުލަ ބަދަލުވެ އެންމެ ފަހުން އިނގިލިތަކުގެ ކޮޅުގައި ލޭގަނޑުވެ ހަރުވިއެވެ. އަދި އެންމެ ފަހުން އެ އިނގިލިތަކުގެ ކުލަ އެއްކޮށް ކަޅުކުލައަށް ބަދަލުވިއެވެ.

ބަލިމީހާގެ އިނގިލިތައް ބުރިކޮށްލައިފައި --
އޭރު އިނގިލިތައް ވަނީ ހިކިމިރުސް ތަކެއްހެން ހިކި، މުޅިން ހަރުވެ ކަޅުވެފައެވެ. މިއީ އާއިލާއިން ސިފަކޮށްދިން ގޮތެވެ.
އިނގިލިތަކަށް ވަމުންދިޔަ ގޮތް އެންމެ ކައިރިން ފެނުނީ ވެސް އެ މީހުންނަށެވެ. އެހެންވެ، ތަކުރާރުކޮށް އެކަމުގެ ވާހަކަ ދެއްކިއެވެ. އެކަމަކު، އަބަދުވެސް ލިބެނީ އެއް ޖަވާބެކެވެ. އެއީ ކުރިން ގުޅި ކެނިއުލާގެ ސަބަބުން ވީ ކަމެއް ކަމަށާއި ބޭސް އުނގުޅަމުންދާ ކަމަށެވެ.
އެންމެ ފަހުން އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހު ޑޮކްޓަރާ ސުވާލު ކުރުމުން އަތުގެ އެބައި ދެން ބޭނުން ނުކުރެވޭނެ ކަމަށް ވިދާޅުވިކަމަށް އާއިލާއިން ކިޔައިދިނެވެ.
"ކަނާއަތް ހަމަ ކުލަ ބަދަލު ވަމުން ދިޔައީ. އަހާލާއިރަށް ބުނޭ ކޮންމެ ދުވަހަކު ވެސް އަހަން. މި ނޯމަލް ހޭ އަހަން އެވްރީޑޭ. ބޭސް އުނގުޅަމޭ ބުނޭ ކޮންމެ ދުވަހަކު. އައިވީ ގުޅީމައޭ އެހެންވީ. ދެން ޓިޕްސްތައް ހަރުވެ ގަނޑުވެފަ ހުރީ. ޑޮކްޓަރާ ބައްދަލުކުރީ ފަހެއްގަ،" އާއިލާއިން ބުންޏެވެ.
"ޑޮކްޓަރު ކައިރީގަ އެހެން ކިހިނެއްހޭ ހަދާނީ. ކީއްވެހޭ އެހެން ވެފަ އެހުރީ އިނގިލިތަކަށް. ބުނީމަ ބުނީ ބީޕީ ލޯ ވީމަ ދިން ބޭހަކުންނޭ އެހެންވެފަ އެހުރީ. އެހެންވެ އެއް ބޭސް ހުއްޓާލައިފީމޭ. އޭރުވެސް ނުބުނޭ އެއީ އިންޖެކްޝަނަކުންނޭ. އޭރު ހުރީ އިނގިލިތައް އެއްކޮށް ކަޅުވެފަ. ދެން ބުނީ އެބައިތައް ބޭނުމެއް ނުކުރެވޭނެއޭ. ދެން ބުނީ އެއް ބޭސް ހުއްޓާލީމަ ވާގޮތް ބަލަން ހިނގާށޯ،"
ސެންޓްރަލް ލައިން ފެނުން!
އެގޮތުގައި އަށް ދުވަސް ވޭތުވެ ދިޔައެވެ. އަތަށް ފަރުވާއެއް ނުލިބެއެވެ. އެކަމާ ކަންބޮޑުވެ، އާއިލާއިން އެންމެ ފަހުން އެދުނީ ބަލިމީހާ ވޯޑަށް ބަދަލު ކޮށްދިނުމަށެވެ. ނަމަވެސް އެކަމަކަށް ހޮސްޕިޓަލުން އެއްބަހެއް ނުވިއެވެ. ގާތުން ހާލަތު މޮނިޓާ ކުރެވޭނީ އެޗްޑީޔޫގައި ބާއްވައިގެން ކަމަށް ދިޔައީ ތަކުރާރުކޮށް ބުންޏެވެ. އެހެންވެ، އާއިލާއިން ނިންމީ އޭޑީކޭއަށް ބަލިމީހާ ބަދަލުކުރާށެވެ.
އޭޑީކޭއަށް ބަދަލު ކުރަން ހަމަޖެހިފައި އޮތީ އޭޕްރީލް 16 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހެނދުނު އައިޖީއެމްއެޗުން ބުނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ. އެކަމަކު، އާއިލާއިން އެކަމަށް އެއްބަހެއް ނުވިއެވެ. އެންމެ ފަހުން ހޮސްޕިޓަލުން ދައްތަ ދޫކޮށްލިއެވެ.
"ނުވެސް ބުނޭ ކޮވިޑަށް ޓެސްޓު ކުރި ވާހަކަވެސް. ކުއްލިއަކަށް އެހެން ބުނީ. ފެސިލިޓީއަށް ގެންދަންށޭ ބުނި ޖެހޭނީ ދެން. އަޅުގަނޑުމެން އެއްބަހެއް ނުވަން. ދެން ބުނިން ދަރުމަވަންތައްއަށް ބަދަލު ކޮށްދޭން. އެހެން ނުހެދޭނެ ކަމަށް އެމީހުން ބުނީ. އެންމެ ފަހުން ބުނީ މެޑިކަލް ސައިޑުން ކުރެވޭނެ ކަމެއް ނެތޭ. ގެންދާށޭ ގެއަށް. ސާޖިކަލް ސައިޑަކުން ހަވާލެއް ނުވިއޭ ބަލިމީހާއަކާ،" އާއިލާއިން ބުންޏެވެ.
ނަސީބު ރަނގަޅެވެ. އޭޑީކޭއިން ހަމަ އެ ދުވަހު އެނދެއް ލިބުނެވެ. އޭޑީކޭއަށް ބަދަލުކުރި ފަހުން، އޭނާގެ ފަޔަށް ލިބިފައިވާ ގެއްލުންތައް ފެނުނެވެ. އެ ހުރިހާ ދުވަހު ސެންޓްރަލް ލައިން ގުޅާފައި އޮތީ ދައްތަގެ އުކުޅުވަޅަށެވެ.
އޭރު އެތަން އޮތީ ރަތްވެ، ހަރުވެ، ދޮސްލައި ފުރިފައެވެ. ސާޖަރީއެއް ހަދަން ޖެހޭ ވަރަށް ހަލާކުވެފައެވެ.
ކޮވިޑަށް ޕޮޒިޓިވްވެފައި ވުމާއެކު ސާޖަރީ ކުރެވުނީ ހަތް ދުވަސް ފަހުންނެވެ. އެ ދުވަހު ދައްތަގެ އިނގިލިތައް ބުރިކޮށް، އުކުޅުވަޅުގެ ހަލާކުވެފައިވާތަން ވެސް އޮޕަރޭޝަން ކުރިއެވެ.
އާއިލާއިން ބުނީ އެ ސާޖަރީއަށް ފަހު ދައްތަގެ ހާލު ވަރަށް ބޮޑަށް ރަނގަޅުވި ކަމަށެވެ. މީހުން ފެންނަން ފެށުމާއެކު އެއީ ކޮން ބައެއްކަން ވަކިވެ، އަތަށް ވެފައިވަނީ ކީއްތޯ ވެސް އެހިއެވެ.
ދެ ދުވަހަކަށް ހާލު ރަނގަޅު ވުމަށް ފަހު އަނެއްކާ ވެސް ދައްތަގެ ހާލު ގޯސް ވާން ފެށީ އުކުޅުވަޅުގައި ހެދިފައިވާ އިންފެކްޝަން މުޅި ގަޔަށް ފެތުރުމާ ގުޅިގެންނެވެ. އެންމެ ފަހުން އެ އިންފެކްޝަނަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވީ އޭޕްރީލް މަހުގެ 30ވަނަ ދުވަހުއެވެ
ހޮސްޕިޓަލުން މައްސަލަ ބަލަނީ!
މިއީ ހުސް ވެސް އާއިލާގެ ތުހުމަތުތަކެވެ. އެކަމަކު، ހެއްކާއެކު އެ ވާހަކަތައް އާއިލާއިން ކިޔައިދެއެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ އުމުރުން ދުވަސްވީ އަންހެނަކަށް، އައިޖީއެމްއެޗުން ނުބައި އިންޖިކްޝަނެއް ޖެހުމުގެ ސަބަބުން އޭނާގެ އިނގިލިތައް ބުރިކޮށްލަން ޖެހުނު ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައްސަލަ ބަލަމުން ދާ ކަމަށެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، އައިޖީއެމްއެޗްގައި އެޑްމިޓްކުރި 85 އަހަރުގެ ބަލި މީހެއްގެ އަތުގެ އިނގިލިތަކެއް ބުރިކޮށްލަން ޖެހުނީ މި ހޮސްޕިޓަލުން ދިން އިންޖެކްޝަނެއްގެ ސަބަބުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން، ބަލި މީހާއަށް ފަރުވާ ދިނުމުގައި ކްލިނިކަލް ޕްރޮޓޯކޯލްތަކާ އެއްގޮތަށް އަމަލު ކޮށްފައިވޭތޯ ބަލަމުންދާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އަދި އެ މައްސަލަ ބަލާނީ މައްސަލަތައް ބަލާ ކޮމެޓީން ކަމަށެވެ. އައިޖީއެމްއެޗުން ބުނީ މި ކޮމެޓީގެ ހޯދުންތައް، ކަމާބެހޭ ފަރާތްތަކާ ހިއްސާކުރާނެ ކަމަށެވެ.
އާއިލާގެ ތުހުމަތުތަކާ ގުޅިގެން 'ސަން'އިން ގުޅުމުން އެ ހޮސްޕިޓަލުން ބުނީ، މިއީ ތަހުގީގީ މަރުހަލާއެއްގައި އޮތް ކަމަކަށް ވުމާއެކު އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.
އައިޖީއެމްއެޗުން އެ މައްސަލަ ބަލަމުންދާއިރު އެކަން ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ވެސް އައިސްފައިވެއެވެ. އެ މިނިސްޓްރީން ބުނީ އެކަން ބަލަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން އާއިލާއިން ވަނީ ރައީސަށް އެޑްރެސްކޮށް ސިޓީއެއް ވެސް ފޮނުވާފައެވެ.
މެޑިކަލް ނެގްލިޖެންސްގެ މައްސަލަތައް ރާއްޖޭގައި މަދެއް ނޫނެވެ. 2021 ވަނަ އަހަރު ކްރީމް ޖެހި ބަނަހެއް ކައިގެން އެލާޖިކްވެ، އައިޖީއެމްއެޗްއިން ފަރުވާ ހޯދި މަރިޔަމް ޒައީމާގެ ގަޔަށް ވެސް އިންޖެކްޝަނެއް ޖެހީ ގޯސްކޮށެވެ. އޭނާގެ ހާލު ގޯސްވީ އެހެންވެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ވަނީ ދުނިޔެ ދޫކޮށްފައެވެެ.
ހަމަ އެ އަހަރު ކޮވިޑް ޖެހިގެން މަރުވި އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާގެ މަރަކީ ވެސް އިހުމާލުން ހިނގައިފައިވާ މަރެކެވެ. އެމްބިއުލެންސް ފޮނުވުމަށް އެތައް ފަަހަރަކު ގުޅުމުން ވެސް އެތައް އިރެއްވެ ލަސްވީއެވެ.
މި ނޫނަސް އެތައް އިހުމާލުގެ މައްސަލަތަކެއް ރާއްޖޭގައި ހިނގައިފައިވެއެވެ. މީޑިއާއަށް ތިލަނުވެ ވެސް އެތައް ވާހަކައެއް ވެއެވެ. އެކަަމަކު، މާ ބޮޑު ފިޔަވަޅެއް އަޅައި ޒިންމާދާރު ކުރުވާ މަންޒަރެއް ނުފެނެއެވެ.
އިހުމާލަކުން އަނެއްކާ ވެސް މި ގެއްލުނީ ފުރާނައެކެވެ. މި ކަންކަން ބަލައި ފިޔަވަޅު ނާޅާނަމަ، މާދަމާއަށް ބިރުވެރިކަން މާ ބޮޑެވެ.