އަނިޔާއަކަށްފަހު މެންޗެސްޓާ ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކެވިން ޑި ބްރޭނާ ފަރިތަކުރުންތަކަށް ނުކުންނަން ފަށައިފިއެވެ.

ސިޓީއަށް އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރު ތައްޓެއް ހޯދައިދިނުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަމުންދާ ބެލްޖިއަމް ތަރި ޑި ބްރޭނާއަށް އަނިޔާވީ އާސެނަލާ ދެކޮޅަށް ކުޅުނު ލީގު މެޗުގައި ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އެ އަނިޔާއާ ގުޅިގެން ސިޓީން އެންމެ ފަހުން ކުޅުނު ދެ މެޗުގައި އުމުރުން 31 އަހަރުގެ ޑި ބްރޭނާ ފެނުނީ ބެންޗުންނެވެ.

އާސެނަލްއާ ދެކޮޅަށް ކުޅެ, 4-1 ގެ ނަތީޖާއަކުން ސިޓީ މޮޅުވި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޑި ބްރޭނާ, އަނިޔާއަށްފަހު މިރޭ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެ މެޗަށްފަހު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ސިޓީން އަންނަ އަންގާރަ ދުވަހު ރެއާލްއާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރެއާލްގެ ދަނޑުގައެވެ.

"އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ޑި ބްރޭނާ ރަނގަޅު. އޭނާ ކުޅޭނެތޯ ނިންމާނީ އިތުރު ފަރިތަކުރުމުގެ ސެޝަނަކަށްފަހު. ހަފުުތާއެއް ނޫނީ ދިހަ ވަރަކަށް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ މައްސަލައެއް ނޫން. ހަމަ އެގޮތަށް ނޭތަން އަކޭ ވެސް ފިޓުވެއްޖެ ނަމަ, އޭނާ ކުޅޭނެ," ނޫސްވެރިންނާ ވާހަކަދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތުދިނުމުގެ ގޮތުން ގާޑިއޯލާ ދަނީ ސިޓީގެ ސްކޮޑަށް ބަދަލުތަކެއް ގެންނަމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ގާޑިއޯލާ ދެން އެންމެ އަވަހަށް އަރާމުކުރަން ފުރުސަތު ދޭނީ ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީއަށެވެ.

މިސީޒަނުގައި ސިޓީއަށް ތިން ތަށި ހޯދުމުގެ ފުރުސަތު އެބައޮތެވެ. އަންނަ މަހުގެ ތިންވަނަ ދުވަހު ކުޅޭ އެފްއޭ ކަޕްގެ ފައިނަލުގައި ވެސް ސިޓީން ވާދަކުރާނެއެވެ. އެ ފައިނަލުގައި ސިޓީން ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.