06 May 2023, 10:34
އަކްޝޭ ކުމާރްއާއި ޓައިގާ ޝްރޮފް ފުރަތަމަ ފަހަރަށް އެކީގައި ފެންނަ ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ" ރިލީޒްކުރުން އަންނަ އަހަރުގެ ފިތުރު އީދަށް ތާވަލުކޮށްފިއެވެ.
ކުރިން މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހަށެވެ.
އިންޑިއާގެ ފަސް ބަހުރުވައަކުން ރިލީޒްކުރުމަށް ނިންމާފައިވާ މިފިލްމަކީ، އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް ޕޫޖާ އެންޓަޓެއިންމަންޓްއިން ގެނެސްދޭ ފިލްމެކެވެ. ފިލްމު ރިލީޒްކުރުން އަވަސްވުމާއެކު މިއީ އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރެވޭނެ އެންމެ އުއްމީދީ ފިލްމެވެ.
ވަރުގަދަ އެކްޝަން މަންޒަރުތަކާއެކު ގެނެސްދޭ މިފިލްމަކީ، އެކްޝަން ކޮމެޑީ ފިލްމެކެވެ. ފިލްމު ރިލީޒްކުރާ ތާރީޚާއެކު ބައެއް މަންޒަރުތަކުގެ އާ ފޮޓޯތަކެއް ވެސް ވަނީ ރިލީޒްކޮށްފައެވެ.
އަކްޝޭ އާއި ޓައިގާގެ އިތުރުން މަލަޔާލަމް ސިނަމާގެ އެކްޓަރު ޕްރިތްވިރާޖް ސުކުމަރަން ފިލްމުގެ ނުބައި ބައި ރޯލްއިން ފެންނާނެއެވެ. ފިލްމުގެ ބަތަލާއިންގެ ރޯލްއިން ޒުވާން ބަތަލާ އަލާޔާ، މަނޫޝީ ޗިލާ އަދި ސޮނަކްޝީ ސިންގްހާ ފެންނާނެއެވެ.
ބައިނަލްއަގުވާމީ ކްރޫއަކާއެކު ފިލްމުގެ ޝޫޓިން ކުރިޔަށްދާއިރު ޔޫއޭއީގެ އެންމެ ފާހަގަކޮށްލެވޭ ޓެކްނިކަލް ޓީމަކާއެކު އެކްޝަން ކްރޫއެއް ފިލްމުގެ ޓީމުގައި ހިމެނޭކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ.
ފިލްމުގެ ޕްރޮޑިއުސަރު އަދި ކުރިން ފިލްމުތަކުންވެސް ފެނިފައިވާ އެކްޓަރު ޖެކީ ބަގްނާނީ ބުނެފައިވަނީ މިއީ އޭނާގެ ފިލްމު ކުންފުންޏަށް ވަރަށް މުހިއްމު ފިލްމެއްކަމަށެވެ. އަދި ތިން ޖީލެއްގެ އެކްޓަރުންނާއެކު މަސައްކަތްކޮށްލުމުގެ ފުރުސަތަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަކަމެއްކަމަށް އޭނާ ބުންޏެވެ.
މިފިލްމު އުފެއްދުމުގެ މަސައްކަތް ފެށިތާ އަހަރެއްވެފައިވާއިރު މިއީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތާ ހިތްވަރުން އުފެއްދުނު ފިލްމެއްކަމަށްވެސް ޖެކީވަނީ ބުނެފައެވެ.
މިފިލްމުގެ ނަމުގައި 1998ވަނަ އަހަރު ޑައިރެކްޓަރު ޑޭވިޑް ދަވަންވަނީ ފިލްމެއް ގެނެސްދީފައެވެ. އަމީތާބް ބައްޗަން އާއި ގޯވިންދާ އަދި ބަތަލާ ރަވީނާ ޓަންޑަން މުހިއްމު ރޯލްއިން ފެނުނު އެފިލްމަކީ އޭރު ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. އެހެންނަމަވެސް އެ ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދިއެވެ.