ޔަޝް ރާޖް ކުންފުނިން މިއަހަރު ޖަނަވަރީ މަހު ރިލީޒްކުރި ފިލްމު "ޕަތާން" މިހާތަނަށް ބޮޑެތި ރެކޯޑްތައް މުގުރާލާފައިވާއިރު ހިންދީ ސިނަމާގެ ތާރީޚުގެތެރެއަށްވެސް ފިލްމުމިވަނީ ވަދެފައެވެ.

އަދިތްޔަ ޗޯޕްރާ ޕްރޮޑިއުސްކޮށް ސިދާތް އާނަންދު ޑައިރެކްޓްކުރި ވަރުގަދު އެކްޝަން ތްރިލާމިވަނީ 1971ވަނަ އަހަރަށްފަހު އަވަށްޓެރި ބަންގްލަދޭޝްގައި ރިލީޒްކުރާ ފުރަތަމަ ހިންދީ ފިލްމުގެ މަޤާމު ހޯދާފައެވެ.

އިންޑިއާގެ ތާރީޚުގައިވެސް މިހާތަނަށް އެންމެބޮޑު ކާމިޔާބީއެއް ގްލޯބަލް ބޮކްސް އޮފީހުގައި ހޯދާފައިވާ މިފިލްމާއެކު ބަންގްލަދޭޝްއާއި އިންޑިއާގެ އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެއެވެ.

އިންޓަނޭޝަނަލް ޑިސްޓްރިބުއުޝަންގެ ނައިބް ރައީސް ނެލްސަން ޑިސޫޒާ ބުނެފައިވަނީ، ސިނަމާއަކީ އަބަދުވެސް އެއްބަޔަކު އަނެއް ބަޔަކު ގުޅުވައިދިނުމަށް މަސައްކަތްކުރާ ދާއިރާއެއްކަމަށެވެ. އެއީ ކުޅިވަރުގެ ރޭހެއްގައިވިޔަސް ނުވަތަ ދޭދޭ ޤައުމުގައި އޮންނަ ގުޅުމާއެކު ސަޤާފަތްވެސް މީގެތެރޭ ހިމެނޭކަމަށެވެ.

ބަންގްލަދޭޝްގައި ތިބި ހިންދީ ސިނަމާއަށް ލޯބިކުރާ ފަރާތްތަކަށް މިއީ ވަރަށް އުފާވެރި ޚަބަރަކަށް ވެގެންދާނެކަމަށް ނެލްސަން ޑިސޫޒާވަނީ ބުނެފައެވެ.

އިންޑިއާއާއި ބަންގްލަދޭޝްގެ ގުޅުވައިދިނުމުގައި "ޕަތާން"އިން މުހިއްމު ރޯލެއް ކުޅޭއިރު ފިލްމުގެ ލީޑް ރޯލް ޝާހްރުކް ޚާންގެ ބޮޑު ފޭން ބޭސްއެއް ބަންގްލަދޭޝްގައި އޮވެއެވެ. މިފިލްމަކީ މިފަރާތްތަކަށް ދެވޭނެ އެންމެ ރަގަޅު ހަދިޔާކަމަށް ޤަބޫލުކުރާކަމަށްވެސް ނެލްސަންވަނީ ބުނެފައެވެ. ބަންގްލަދޭޝްގައި މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ.

ފިލްމު "ޕަތާން"ގެ ބޮޑު ކާމިޔާބީއާއެކު ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިންވަނީ "ޓައިގާ ވާސަސް ޕަތާން"ގެ ނަމުގައި ފިލްމެއް އުފައްދަން ނިންމާފައެވެ. މިފިލްމު 2025ވަނަ އަހަރު ރިލީޒްކުރުމަށް ނިންމާފައިވާއިރު ސްޕައި ޔުނިވާސްގެ ކުރިޔަށްއޮތް ފިލްމު "ޓައިގާ3"އިން ޝާހްރުކް ޚާންގެ ހާއްސަ ފެނިލުމެއް ބެލުންތެރިންނަށް ފެންނާނެއެވެ.