06 May 2023, 00:12
ޕީއެސްޖީގެ ހުއްދަ ނުހޯދައި ސައުދީ އަރަބިއާއަށް ކުރި ދަތުރާ ގުޅިގެން އެކްލަބުގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ މައާފަށް އެދިއްޖެއެވެ.
މެސީ ސައުދީއަށް ގޮސްފައިވަނީ އެގައުމުގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ ގޮތުންނެވެ. ކްލަބުގެ ހުއްދަ ނުހޯދައި ކުރި އެ ދަތުރާ ގުޅިގެން ޕީއެސްޖީން ވަނީ ދެ ހަފުތާއަށް މެސީ ސަސްޕެންޑްކޮށްފައެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް މެސީ ދިން ވީޑިއޯ މެސެޖެއްގައި އޭނާ ބުނީ އެ ދަތުރު ދާން ޖެހުނީ އެއީ ކެންސަލް ކުރެވެން ނެތް ދަތުރަކަށް ވުމުން ކަމަށާއި ދަތުރުގައި ބައިވެރިވީ ޗުއްޓީ ދުވަހެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.
"ޓީމުގެ ކުޅުންތެރިންނާއި ކްލަބުގެ ކިބައިން އަހަރެން މައާފަށް އެދެން. މެޗަށްފަހު އަހަރެން ހީކުރީ ޗުއްޓީގެ ގޮތުގައި އެ ދުވަސް ލިބޭނެ ކަމަށް. ކުރިން ވެސް އެގޮތަށް އަމަލުކޮށްފައިވާނެ. އަހަރެން ސައުދީއަށް ދިޔަ ދަތުރަކީ ކުރިން ކެންސަލްކުރި ދަތުރެއް," މައާފަށް އެދެމުން މެސީ ބުންޏެވެ.
މިސީޒަން ނިމުމާއެކު ޕީއެސްޖީއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނެއެވެ. ދެ ހަފުތާއަށް މެސީ ސަސްޕެންޑްކުރުމުން އޭނާއަށް ދެ މެޗު ގެއްލޭ އިރު, މިސީޒަނުގައި ޕީއެސްޖީގެ ޖާޒީގައި ބާކީ އޭނާއަށް ކުޅެވޭނީ ތިން މެޗެވެ.
ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާ ނުކުރުމަށް މެސީ ނިންމާފައިވާ ކަމަށް އިތުބާރު ހުރި ނޫސްތަކުންނާއި މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވެސް ވަނީ ދާދިފަހުން ރިޕޯޓުކޮށްފައެވެ. މެސީ ގެންދިއުމަށް ސައުދީ އަރަބިއާގެ ކްލަބަކުން އޭނާއަށް އަހަރަކު 400 މިލިއަން ޑޮލަރު ލިބޭ ހުށަހެޅުމެއް ހުށަހަޅާފައިވާ އިރު, މެސީގެ ކުރީގެ ކްލަބު ބާސެލޯނާ އާއި އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އިންޓަ މަޔާމީ އިންވެސް ވަނީ މެސީ ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.