އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގެ ތިހާރް ޖަލުގައި އަނިޔާވެރިގޮތަކަށް ގޭންގްސްޓާރަކު މަރާލައިފިއެވެ.

އޭނާ މަރާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ މަރާލިކަން އެނގިގެން ދިޔައީ މަރާލި މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް މިއަދު އާންމުވުމާ ގުޅިގެންނެވެ.

އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރާލާފައިވަނީ ޓިއްލޫ ތާޖުޕޫރިޔާ ނަމަކަށް ކިޔާ ގޭންގްސަޓާރެކެވެ. މިދިޔަ 2021ވަނަ އަހަރު އޭނާ ހައްޔަރުކޮށްފައިވަނީ ދިއްލީގެ ކޯޓެއްގައި އެހެން ގޭންގްސްޓާރެއް މަރާލި ހާދިސާއަކާ ގުޅިގެންނެވެ.

ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި އޭނާ މަރާލާފައިވަނީ 90 އަށްވުރެ ގިނަ ފަހަރު ވަޅި ހަރައިގެންނެވެ. އޭނާއަށް ހަމަލާދީފައިވަނީ ހަ މީހަކު ވެގެންނެވެ. އަދި، އޭނާގެ ހަށިގަނޑުގައި 100 އަށްވުރެ ގިނައިން ޒަޚަމްތައް ފެނިފައިވެއެވެ.

ސެކިއުރިޓީ ވަރުގަދަ މި ޖަލުގައި އޭނާ މަރާލުމާ ގުޅިގެން ހަތް ފުލުސް އޮފިސަރުން ވަނީ ސަސްޕެންޑްކޮށްފައެވެ.

މި މަރާ ގުޅިގެން ފުލުހުން ބުނީ އޭނާއަށް ހަމަލާދީފައިވަނީ އިންޑިއާގެ އެހެން ގޭންގެއް ކަމަށްވާ ގޯގީ ގޭންގުން ކަމަށެވެ. އެ ގޭންގަކީ 2021ވަނަ އަހަރު ޓިއްލޫ ކޯޓެއްގައި މަރާލި ގޭންގްސްޓާ ނިސްބަތްވާ ގޭންގެވެ. އަދި، ފުލުހުން ބުނި ގޮތުގައި އެ ހަމަލާ ދީފައިވަނީ އެ ކަމަށް ބަދަލުހިފުމުގެ ގޮތުންނެވެ.

ޓިއްލޫ މަރާލުމުގައި ހަރަކާތްތެރިވީ ދެ މީހަކު ވަނީ އެކަން ހުއްޓުވުމަށް ފުލުހުން ދިން ހަމަލާތަކުގައި މަރުވެފައެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން މިއީ ތިހާރް ޖަލުގައި އެއް މަސްތެރޭ ހިނގި މިފަދަ ނުރައްކާތެރި ދެވަނަ ހާދިސާއެވެ.