05 May 2023, 22:45
އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށް އަހަރަކު 400 މިލިއަން ޑޮލަރު ލިބޭ ހުށަހެޅުމެއް ސައުދީ އަރަބިއާގެ ކްލަބަކުން ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސައުދީގެ ޕްރޯ ލީގަށް މެސީ ގެނައުމަށް ސައުދީ ސަރުކާރުގެ ތެރެއިން ވެސް މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ސައުދީގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބޭ އަދަދަށްވުރެ ބޮޑު އަދަދެއް މެސީއަށް ހުށަހަޅާފައިވާ ކަމަށް "ދަ ޓެލެގްރާފް" އިން ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
އެ ނޫހުން ރިޕޯޓުކުރާ ގޮތުގައި ސައުދީގެ ކްލަބަކުން ވަނީ އަހަރަކު 400 މިލިއަން ޑޮލަރު (320 މިލިއަން ޕައުންޑް), މެސީއަށް ލިބޭ ހުށަހެޅުމެއް ހުށަހަޅައިފައެވެ. އެކަމާ ގުޅޭގޮތުން މެސީގެ ބައްޕަ އަދި އޭނާގެ އެޖެންޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ޖޯޖްއާ މަޝްވަރާތައް ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
މެސީ ގެންދިއުމަށް އެ ހުށަހެޅުން ހުށަހެޅި ކްލަބެއް އަދި ކަށަވަރުވެފައެއް ނުވެއެވެ. ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައުމުން, ރޮނާލްޑޯގެ އަލް ނަސްރުގެ ވާދަވެރި ކްލަބު, އަލް ހިލާލަށް މެސީ ދިއުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ދާދިފަހުން މެސީ ވަނީ ސައުދީގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ ގޮތުން އެގައުމަށް ގޮސްފައެވެ. ކްލަބުގެ ހުއްދަ ނުހޯދައި އެ ދަތުރުކުރުމުން ޕީއެސްޖީން ވަނީ މެސީ, ދެ ހަފުތާއަށް ސަސްޕެންޑް ވެސް ކޮށްފައެވެ.
ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާ ނުކުރުމަށް މެސީ ނިންމާފައިވާ ކަމަށް އިތުބާރު ހުރި ނޫސްތަކުންނާއި މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވެސް ވަނީ ދާދިފަހުން ރިޕޯޓުކޮށްފައެވެ. ސައުދީގެ އިތުރުން މެސީގެ ކުރީގެ ކްލަބު ބާސެލޯނާ އާއި އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އިންޓަ މަޔާމީ އިންވެސް ވަނީ މެސީ ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.