05 May 2023, 22:36
ރާއްޖޭގައި ދުވަހަކު އެކްސިޑެންޓްތައް ހިނގާފައިނުވާ މިންވަރަށް މިހާރު އިތުރުވަމުންދާ ކަމަށާއި މި ކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ފ. އަތޮޅުގައި ޕްރައިމެރީ ހެލްތު ކެއާ ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ކަންބޮޑުވުން ބޮޑު މައްސަލައެއްގެ ގޮތުގައި މި މައްސަލަ ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ އެއްގަމުގެ އިތުރުން ކަނޑުމަތީ ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ކުރިއާ އަޅާ ބަލާއިރު މިހާރު ރާއްޖޭގައި އިތުރުވެފައިވާ ކަމަށެވެ. އަދި، ކުރިއަށް އޮތް ތަނުގައި މި ކަންކަމަށް ސަމާލު ނުވާނަމަ މީހުންގެ ފުރާނަ ދިޔުން އިތުރުވެ ނުކުޅެދޭ މީހުންނަށްވާ މީހުންގެ ނިސްބަތް އިތުރުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ފުރިހަމަ ސިއްޙަތަކީ އެއްވެސް އިންސާނަކަށް ގަނެވޭނެ އެއްޗެއް ނޫން ކަމަށާ އަތުގައި ބިލިއަނުން ޑޮލަރު ހުރި ނަމަވެސް އަމިއްލަ ސިއްހަތަށް ނުބަލައިފިނަމަ އޭގެން ކުރާނޭ އެއްވެސް ފައިދާއެއް ނެތްކަމަށެވެ.
"ރަނގަޅު ސިއްޙަތެއް ހޯދުމަށް އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ލައިފްސްޓައިލް ވަރަށް ބޮޑަށް ބަދަލުކުރަން. ފަސޭހަކަމެއް ނޫން ނަމަވެސް މި ރާއްޖޭގައި ގައިން ގަޔަށް އަރާ ބަލިތައް ކަންބޮޑުވާ މިންވަރަށް މިވަނީ އިތުރުވެފައި. މިކަން ކޮންޓްރޯލް ވާނީ ފަރުދީ ޒިންމާވެސް އަދާކޮށްގެން،"ނައިބު ރައީސް ފައިސަލް ނަސީމް

ފ. އަތޮޅުގައި ޕްރައިމެރީ ހެލްތު ކެއާ ރަސްމީކޮށް ހުޅުވައިދެއްވުން -- ފޮޓޯ/ ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ ތަނެއްގައި އިށީނދެ ތިއްބަސް ކަމެއް ނުވާނެ ކަމަށާއި ފ އަތޮޅުގަ މިއަދު ހުޅުވިގެން މިދިޔަ ޕްރައިމެރީ ހެލްތު ކެއާ ހުޅުވިގެން މިދިޔައީ އެ އަތޮޅުގެ ހޮސްޕިޓަލުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
އެ މަނިކުފާނު ވަނީ އެ ހޮސްޕިޓަލުގެ އެންމެހާ މުވައްޒަފުންނަށް ތައުރީފްކޮށް ޝުކުރުއަދާކޮށްފައެވެ.
"އަޅުގަނޑު މީޑިއާތަކަށް ވެސް އެދެން ބޭނުންވޭ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ކުރަންޖެހޭ ކަންކަމަށް މީހުންގެ ހޭލުންތެރިކަން އިތުރުކޮށް އެފަދަ ކަންކަން ޕްރޮމޯޓް ކޮށްދިނުމަށް"ނައިބު ރައީސް ފައިސަލް ނަސީމް
އެ މަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގައި ޕްރައިމެރީ ހެލްތު ކެއާއަކީ މީގެ އެތަށް އަހަރެއް ކުރިން ހިންގި ވަރަށް ކާމިޔާބު ޕްރޮޖެކްޓެއް ކަމަށެވެ. އެހެންނަމަވެސް މިއީ އަޅާނުލުމުގެ ސަބަބުން އެކަން އަތުން ދޫވެ އަނެއްކާ ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމްއާއި ސޯޝަލް ޕޮލިސީ އެޑްވައިޒަރު މުސްތަފާ ލުތުފީގެ އިތުރުން ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޕްރެޒެންޓޭޓިވް ޑރ. ނާޒްލީން އަންވަރު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.