ކުނިވާ ޒާތުގެ ކުނި އެޅުމަށް ޚާއްސަކޮށް ހދ. ހަނިމާދޫ ކައުންސިލުން އެ ރަށުގެ ގެތަކަށް ޑަސްބިން ހަދިޔާކޮށްފިއެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން "ސަން"އަށް މިއަދު ވިދާޅުވީ، ކުނިވާ ޒާތުގެ ކުނި އަޅަން އެ ރަށުގެ ގެތަކަށް ޑަސްބިން ބަހަން ނިންމީ، ކުނިވާ ޒާތުގެ ކުނި ފަސޭހަކަމާ އެކު ނައްތާލުމަށް ކަމަށެވެ.

"ދެވަނަ ކަމަކީ ޕްލާސްޓިކް ކޮތަޅަށް ބަރޯސާވާ މިންވަރު ކުޑަ ކުރުން،" އޭނަ ވިދާޅުވިއެވެ.

ހަނިމާދޫގެ އާބާދީގައި 2869 މީހުން ދިރިއުޅޭއިރު ކޮންމެ ގެއަކަށް ވެސް ކައުންސިލުން ވަނީ، 50 ލީޓަރުގެ ޑަސްބިން ހަދިޔާކޮށްފައެވެ. އެގޮތުން 500 ޑަސްބިނާ އެކު އެ ޑަސްބިން ބޭނުންކުރާނެ ގޮތާއި، ޑަސްބިނަށް އަޅާނެ ކުނީގެ މައުލޫމާތު ހިމެނޭ އަތު ފޮތެއް ވަނީ ހަދިޔާ ކޮށްފައެވެ.

ހަނިމާދޫގެ ގެތަކަށް ހަދިޔާ ކުރި ޑަސްބިން -- ފޮޓޯ/ ކައުންސިލް

މި ކަމަކީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ކުރާ ކަމެކެވެ. އެގޮތުން މި ކަމަށް 250،000 ރުފިޔާ ބަޖެޓު ކޮށްފައިވާއިރު ކައުންސިލުން ބުނީ، މި ކަމަށް ޚަރަދުވީ 129،000 ރުފިޔާ ކަމަށެވެ.

މީގެ ކުރިން އެ ރަށު ކައުންސިލުން ވަނީ ރަށުގެ ގޭގެއަށް އާންމުކޮށް އުފެދޭ ކުނި އެޅުމަށް 250 ލީޓަރުގެ ޑަސްބިން ބަހާފައެވެ.

އަބްދުއްސައްތާރު ހަސަން ވަނީ މި ކަމަށް ރަށުގެ ރައްޔިތުންގެ ކިބައިން ލިބޭ އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.