ނާއިބު ރައީސަކަށް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަން ކުރައްވާފައިވާ މުހައްމަދު ވަހީދުއްދީނާއި ކެބިނެޓް މެންބަރުންނަށް ރުހުން ދިނުމުގެ ޖަލްސާ އެމްޑީޕީ އިން ބޮއިކަޓްކޮށްފައި ވަނިކޮށް، އެމްޑީޕީގެ، ފުވައްމުލަކު މެދު ދާއިރާގެ ޝިފާގު މުފީދު ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމަށް އައްޔަން ކުރެއްވުމަށް ހަމަޖައްސަވާފައިވާ ހ. ޑީންސްވިލާ މުހައްމަދު ވަހީދުއްދީނުގެ ނަންފުޅާއި ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ނަންފުޅުތައް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ދިރާސާކުރި ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުއްވުމުން އެ ދެ ރިޕޯޓަށް ވާހަކަ ދެއްކުމަށް ހުޅުވާލެއްވި ފުރުސަތުގައި ޝިފާގު ވަނީ ވާހަކަ ދައްކަވައިފަ އެވެ. ނަމަވެސް އެމްޑީޕީގެ އެއްވެސް މެންބަރަކު މިއަދު ޖަލްސާ އަކަށް ވަޑައެއް ނުގަންނަވަ އެވެ.

އެ ރިޕޯޓަށް މެންބަރުން ދެއްކެވި ވާހަކަ ފުޅުގައި، އެމްޑީޕީގެ މެންބަރުން ޑިމޮކްރަސީގެ ވާހަކަ ދައްކަވަމުން ގެންދަވާ އިރު، މިފަދަ މުހިއްމު ކަމެއްގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ މެންބަރުން ޖަލްސާ އަށް ވަޑައިނުގެންނެވުމަކީ ހިތާމަ ކުރައްވާ ކަމެއްކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

މިއަދު ހުށަހެޅި ރިޕޯޓްގައިވާ ނަން ފުޅުތަކަށް ވޯޓަށް އެހުމަށް ހަމަޖެހިފައި ވަނީ މިއަދު 1:30ގަ އެވެ.

ޕާލަމެންޓްރީ ގްރޫޕްގެ ނިންމުމާ ދެކޮޅަށް މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑއިގެން، ވަޒީރުންނާ ރުހުން ދިނުމުގެ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ފޯއްމުލަކު މެދު ދާއިރާގެ އެމްޑީޕިގެ މެންބަރު ޝިފާގު މުފީދު ވިދާޅުވީ ގައުމު އެންމެ ސިކުންތަކަށް ވެސް ހުއްޓުވާފައި ބޭއްވުމަކީ އެއްވެސް ސިޔާސީ ފިކުރަކަށް، އެއްވެސް ފަރުދަކަށް، އަދި ޖަމާއަތަކަށް ވެސް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ. އަދި އެ ސަބަބާހެދި ގައުމު ހިންގާނެ ވުޒާރަތައް ގާއިމްކޮށް އެ ވުޒާރާތަކަށް މީހުންލާން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވަޒީރުންގެ މަޖިލީހަށާއި ނާއިބު ރައީސްކަމަށް އައްޔަން ކުރެއްވުމަށް ހަމަޖައްސަވާފައިވާ މުހައްމަދު ވަހީދުއްދީނަށް ރުހުން ނުދޭން އެމްޑީޕީ މެންބަރުން ނިންމާފައިވާ ނިންމުމަށް އިޝާރާތް ކުރައްވައި ޝިފާގު ވިދާޅުވީ، ވަޒީރުންނަށް މިއަދު ރުހުން ނުދިން ނަމަވެސް ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު އަލުން ވަޒީރުން އައްޔަން ކުރައްވަންދެން، އެބޭފުޅުން ވަޒީރު ކަމުގައި ތިއްބަވާނެ ކަމަށް ސުޕްރީމްކޯޓުން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމު ހިގާން އެބަޖެހޭ އަޅުގަނޑުމެންގެ ވުޒާރާތައް ހިނގާން އެބަޖެހޭ. ފިނޭންސް މިނިސްޓްރީ ބަންދުކޮށްފަ ހުރެއްޖެއްޔާ ސިވިލްސާވަންޓުންނަކަށް މުސާރައެއް ނުދެވޭނެ. ދައުލަތުން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާއެއް ނުދެއްކޭނެ. ދައުލަތުގެ މާލީ މުއާމަލާތްތަކެއް ނުހިންގޭނެ. ހެލްތު މިނިސްޓަރު ނެތިއްޖެނަމަ ހޮސްޕިޓަލްތައް އަޅުގަނޑުމެން ބަންދުކޮށްލަންވީތޯ، އެޑިއުކޭޝަން މިނިސްޓަރެއް ނެތިގެން އަޅުގަނޑުމެން ސްކޫލްތައް ބަންދުކުރަންވީތޯ. ގައުމު އެންމެ ސިކުންތަކަށް ވެސް ހުއްޓުވާފަ ބޭއްވުމަކީ އެއީކީ އެއްވެސް ސިޔާސީ ފިކުރަކަށް އެއްވެސް ފަރުދަކަށް، ޖަމާއަތަކަށްވެސް ލިބިގެންވާ ހައްގެއްނޫން އެ ސަބަބާހެދި އެބަޖެހޭ ގައުމު ހިންގާނެ ވުޒާރަތަކެއް ގާއިމްކޮށް އެ ވުޒާރާތަކަށް މީހުންލާން،" ޝިފާޤު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، "ބަޣާވާތަކުން" ގެނައި ސަރުކާރަކަށް ވާތީ ވަޒީރުންނަށް ރުހުން ދިނުމަކީ މައްސަލައަކަށްވެފައި، ބިލުތަކަށް ބަހުސްކޮށް އެ ބިލުތައް ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގުކޮށް ގަނޫނަކަށްވުމުން އެއަށް ތަބާވުމަކީ ކަމުދާ އުސޫލެއްނޫން ކަމަށެވެ.

"ވަޒީރުންނަށް ރުހުން ދިނުމަކީ މައްސަލައެއް، ބަޣާވާތަކުން ގެނައި ސަރުކާރަކަށްވާތީ! ރުހުން ދެވިގެން ނުވާނެއޭ އަޅުގަނޑުމެން މި ބުނަނީ. އެހެން ނަމަވެސް މަޖިލީހުގައި ބިލުތަކށް ބަހުސް ކުރެވި ވޯޓުދެވި އެ ބިލުތައް ފާސްކޮށް ތަސްދީގު ކުރުމަށް ފޮނުވުން މައްސަލައެއް ނޫން. އަދި އެބިލުތައް ތަސްދީގު ކުރެވޭ ހިސާބުން ފެށިގެން އެއީ ގާނޫނަކަށް ބަދަލުވެ އެ ގާނޫނަށް އަޅުގަނޑުމެން ތަބާވާން ޖެހޭނެކަމަށް އަޅުގަނޑުމެން ގަބޫލު އެބަ ކުރަމުން. އަޅުގަނޑަކަށް މިއެއް ކަމަކު ނުދޭ،" ޝިފާޤު ވިދާޅުވި އެވެ.