04 Aug 2010, 14:32
19:00
ކްރިސްޓިއަން ދީން ފަތުރަން އުޅެނިކޮށް ރާއްޖެއިން ފޮނުވާލި ބައެއް މީހުން ރާއްޖޭގައި އުޅޭ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް ބުނެ ދީނީ މައްސަލަތަކުގައި ޑީޕޯޓްކުރި މީހުންނާ ބެހޭ މައުލޫމާތު ހޯދުމަށާއި އެކަމުގެ ތަހުގީގުތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ޖަމިއްޔަތުއްސަލަފުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ފުލުހުންނަށް ފޮނުވާފައިވާ ސިޓީއެއްގައި، ސަލަފުން ހޯދަން އެދުނު މައުލޫމާތުތަކުގެ ތެރޭގައި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅު އިސްލާމް ދީނާ ދެކޮޅު ފޮތްތަކަކާއި ސީޑީތަކެއް އެތެރެކުރި ބިދޭސީ ދެމަފިރިއެއްގެ މައްސަލަ އާއި، ބ. އަތޮޅުގެ ރިސޯޓެއްގައި ކްރިސްޓިއަން ދީނުގެ ފޮތް ބަހަން އުޅުނު މީހެއްގެ މައްސަލައިގެ އިތުރުން ތ. އަތޮޅު ކިނބިދޫގައި ކްރިސްޓީއަންދީން ފަތުރަމުންދަނިކޮށް އަތުލައިގެންފައިވާ ޑޭވިޑްކިޔާ މީހެއްގެ މައްސަލަ ހިމެނެ އެވެ.
އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ބުނެފައިވަނީ އިސްލާމް ދީން ހިޔާމަތްކުރުމަށް މަސައްކަތް ކުރަމުން އަންނަ ދިވެހިންނަށާއި މުއައްސަސާތަކަށް އުނދަގޫކޮށް ދަތިތައް ކުރިމަކުރުމުގެ އިތުރުން، އަޑިއަޑިން އެފަދަ މީހުންނަށް ގެއްލުން ދިނުމުގެ މަސައްކަތް 'ބަޔަކު' ކުރަމުންދާ ކަން" އެ ޖަމިއްޔާ އަށް އެނގޭ ކަމަށެވެ. ނަމަވެސް މިކަމާބެހޭގޮތުން މައުލޫމާތު ހޯދުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން މުސްތަގިއްލު ބައެއް މުއައްސަސާތަކަށާއި، ކަމާބެހޭ އެތައް ފަރާތަކަށް ކޮޕީ ފޮނުވާފައިވާ މި ސިޓީގެ ޖަވާބު އަދި ލިބިފައިނުވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވެފައިވެ އެވެ.