ރާއްޖޭގައި ރުކުގެ އާ ޖީލެއް ބިނާ ކުރަން 5،000 ރުއް އިންދަން ސަރުކާރުން ހިންގާ ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމް ފަށާފައިވަނީ މިއަދު ހެނދުނު ހދ. ވައިކަރަދޫ އިންނެވެ. ޕްރޮގްރާމް ފަށްޓަވައިދެއްވީ މިނިސްޓަރު އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރު، ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގައި ރުކުގެ އާ ޖީލެއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމެއް ފަށާފައިވަނީ ރާއްޖޭގެ ރުއްގަހަށް ޖެހޭ ބަލިތައް އިތުރުވެ ކާށްޓާއި ކުރުނބާ ލިބުން ދަތިވުމާ ގުޅިގެން ކަމަށެވެ.

އެގޮތުން، ގްރީން ފަންޑުގެ މާލީ އެހީތެރިކަމާ އެކު އެ މިނިސްޓްރީން ހޯދާފައިވާ 5،000 ރުކަކީ ހަތަރުވަރަކަށް އަހަރު ތެރޭގައި ފޯދޭނެ ރުއްތަކެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީގެ ބެލުމުގެ ދަށުން ތިން ބުރަކަށް ބަހާލައިގެން އަތޮޅުތެރޭގެ ރަށްރަށަށް ރުއްތައް ބެހުމަށް ނިންމާފައިވާއިރު، މިނިސްޓްރީން ބުނީ ރުއްދަނޑު އިންދުމާ ގުޅޭ މަސައްކަތްތައް ކުރަމުން ގެންދާނީ ވަކި ޚާއްސަ އުސޫލެއްގެ ދަށުން ކަމަށެވެ.

އެގޮތުން، ރުއްތައް ބަހާނީ ދާއިމީ ގޮތެއްގައި ބެލެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސޭތޯ ބެލުމަށް ފަހު ކަމަށާއި، ރަށްރަށުގެ ރަށު ކައުންސިލްތަކާ މަޝްވަރާ ކޮށް، ރުއްތައް ބެލެހެއްޓުމަށް ވަކި ބަޔަކު ހާއްސަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އަތޮޅުތަކުގެ ތެރެއިން ހަތް އަތޮޅެއްގެ 11 ރަށަކަށް މި ރުއްތައް ބެހުމަށް ވަނީ ހަމަޖެހިފައެވެ.