05 May 2023, 18:52
ރާއްޖޭގައި އެންމެ ކުލަގަދަކޮށް ބާއްވާ އުރީދޫގެ "ފަން ރަން"އަށް ބޮޑު ތަރުހީބެއް ލިބިގެން ހިނގައްޖެއެވެ.
މި ހަރަކާތުގައި 3000 އަށް ވުރެ ގިނަ މީހުންނާއި ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.
ހދ. ކުޅުދުއްފުށީގައި ކުރިއަށް ދިޔަ މި "ފަން ރަން" ފަށާފައިވަނީ މިއަދު ހަވީރު 4:30 ގައި އެ ރަށު ރަހުމަތި ސަރަޙައްދުންނެވެ. މި ރަންގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ އެ ސަރަހައްދަށް ކުރީބައިގަ އެއްވެފައެވެ.
ދުވުން ފެށުމުގެ ކުރިން "ވާމް އަޕް" ކޮށްލުމަށް ކުޅުދުއްފުށި ސޯލްފިޓް ފިޓްނެސް ސެންޓަރުގެ ބައިވެރިންނާ އެކު ވަނީ ހާއްސަ ސެޝަނެއް ވެސް ބާއްވާފައެވެ.

އުރީދޫ "ފަން ރަން" 2023 ފެށުމުގެ ގޮތުން ނެގި ޚާއްސަ ސެލްފީ -- ފޮޓޯ/ އުރީދޫ
މި ދުވުން ރަސްމީކޮށް ފަށާފައިވަނީ ރަން ގެ ޝަރަފުވެރި މެހެމާނުން ނެގި ޚާއްސަ ސެލްފީއަކަށް ފަހުއެވެ.
މި ރަންގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފާ ޑެޕިއުޓީ މޭޔަރު އަހްމަދު އަލީ ވަނީ ބައިވެރިވެފައެވެ. އަދި، ކުޅުދުއްފުށި ކައުންސިލްގެ އެހެން މެންބަރުންގެ އިތުރުން ހދ އަތޮޅުން ހަނިމާދޫ، ނޮޅިވަރަންފަރު، މަކުނުދޫ، ހިރިމަރަދޫ އަދި ނެއްލައިދޫއިން ވަނީ އެ ރަށްރަށުގެ ކައުންސިލްގެ ރައީސުން ބައިވެރިވެފައެވެ.
ފަން ރަންގެ ފަސް ކިލޯމީޓަރުގެ މި މަޖާ ދުވުމުގައި ކޮންމެ ކޮލޯމީޓަރަކަށް ދުވުމަށް ފަހު މަޖާ ހަރަކާތްތްތަކެއް ވަނީ ބާއްވައިފައެވެ. އޭގެ ތެރޭގައި ކުލަޖެހުމާއި "އިންފްލެޓަބަލް އޮބްސްޓެކްލްސް"ގެ އިތުރުން ރަން ނިންމާލުމުގެ ގޮތުން ފޯމް ޕާޓީއެއް ހިމެނެއެވެ.
ކޮންމެ ކިލޯމީޓަރެއް ނިމޭއިރު އެކަން ފާހަގަކޮށް ހަރަކާތްތައް ކުރިއަށްދާ ސްޓޭޝަންތަކުގައި، އުރީދޫގެ ޓީމާ އެކު ކުޅުދުއްފުށީގެ ތިން ޖަމިއްޔާއެއް ކަމަށްވާ ހިރަސްފުސް، ކޮރަލް ކްލަބް އަދި ޒިގްޒަގް ފޯ ޔޫތު ލިންކޭޖްއިން ވަނީ ހަރަކާތްތެރިވެފައެވެ.
ދުވުން ނިންމާލުމަށް ފަހު، މެޑަލް ޓެންޓާއި ބިބްއާ އެކު އައުމުން، ދުވުން ފުރިހަމަ ކުރިކަމުގެ މެޑަލްއެއް ކޮންމެ ރަޖިސްޓާޑް ދުވުންތެރިއަކަށް ވަނީ ލިބިގެންގޮސްފައެވެ.
މި ހަރަކާތަކީ މާލެއިން ބޭރުގައި ބާއްވާ މިފަދަ އެންމެ ކުލަދަގަދަ އެއް ހަރަކާތެވެ.