05 May 2023, 16:41
ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އެއް އެޕާޓްމަންޓަކަށް ބަދަލު ކޮށްފައިވާތީ ކޮންމެ އެޕާޓްމެންޓެއް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
އާބަންކޯއިން ބުނީ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަށް ހަދާފައިވާކަމުގެ ރިޕޯޓު އެ ކޯޕަރޭޝަނަށް ލިބުނު ކަމަށެވެ. އަދި އެ މައްސަލަ ބެލި ބެލުމުން މިހާރު، އެއީ ކޮން އެޕާޓްމަންޓެއްކަން ދެނެގަނެވިފައިވާ ކަމަށެވެ.
މި އެޕާޓްމަންޓުގެ އިންޓީރިއާ ހެދުމުގެ މަސައްކަތް ކުރި އިރު، އާބަންކޯގެ އުސޫލުތަކާއި ޚިލާފަށް ދެފަރާތުން ވަނީ ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި، ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. އެހެންކަމުން، މި މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާޓްމަންޓެއް، 100،000 ރުފިޔާއިން، ޖޫރިމަނާ ވަނީ ކޮށްފައެވެ.
އާބަންކޯއިން ބުނީ އެ ފައިސާ، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް ދެއްކުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
ހިޔާ ފްލެޓުތަކުގައި ގަވާއިދާ ޚިލާފަށް އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަން، އާބަންކޯއިން ނިންމާފައިވާ ކަމަށް މިދިޔަ ފެބްރުއަރީ މަހު އެ ކޯޕަރޭޝަނުން ވަނީ ބުނެފައިވެއެވެ.
އެގޮތުން ހިޔާ ފްލެޓުތަކުގައި ގަވާއިދާ ޚިލާފު އެކި ކަންކަން ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށް އާބަންކޯއިން އޭރު ބުންޏެވެ. އެ ކޯޕަރޭޝަނުން ބުނީ އޭގެ ސަބަބުން ފްލެޓުތަކުގައި އުޅޭ އެހެން ފަރާތްތަކަށް އުޅެން ދަތިވުމުގެ މައްސަލަތައް ފެންމަތިވަމުންދާ ކަމަށެވެ. ފްލެޓްތަކުގެ ސްޓަރްޗާއަށް ބަދަލު ގެނައުމަކީ މަނާ ކަމަކަށް ވީ ނަމަވެސް އެފަދަ ކަންކަން ފާހަގަ ވާ ކަމަށް އާބަންކޯއިން ބުންޏެވެ.
މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި ޚާއްސަ އިންސްޕެކްޝަން ތަކެއް އާބަންކޯއިން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެކުންފުނިން ބުނީ އެ އިންސްޕެކްޝަން ތަކުން ފާހަގަވާ ކަންކަމަށް ބަލައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށެވެ.
އާބަންކޯއިން ދަނީ ހިޔާ ފްލެޓުތަކުގެ ޙާލަތު ބެލުމަށް ދޭތެރެ ދޭތެރެއިން އެކި ކަހަލަ އިންސްޕެކްޝަންތައް ކުރިއަށް ގެންދަމުންނެވެ. މި ފަދަ އިންސްޕެކްޝަންތަކުގައި ފާހަގަވާ އެކި ކަންކަމަށް ޢާންމުންނަށް ނަސޭހަތްތެރިވި ނަމަވެސް، ބައެއް ޢާންމުންގެ ފަރާތުން އެހީތެރިކަން ނުލިބޭކަމަށް އެކުންފުނިން ބުނެއެވެ.