25 Apr 2012, 10:18
ކަތީބުންނާއި އަތޮޅު ވެރިންގެ ނިޒާމު ދިވެހިންނަށް ކަމަކު ނުދިޔަ އެވެ. ލާމަރުކަޒީ ނިޒާމަށް ބަދަލުވީ އެހެންވެގެނެވެ. ރައްޔިތުން ބޭނުންވި ގޮތަށް ސިޓީ ކައުންސިލް ތަކާއި އަތޮޅު ކައުންސިލްތައް އަދި ރަށު ކައުންސިލްތައް އިންތިހާބުވެ މަސައްކަތް ފެށިއްޖެ އެވެ. ޔުނިޓަރީ ދައުލަތެއްގެ ސިފަތަކަކީ ޑިމޮކްރަސީގެ އަސާސެއްކަމަށް ބަލައިގަން ދިވެހި އެ ނިޒާމް މިދަނީ ޕްރެކްޓިސް ކުރަމުންނެވެ. ނަމަވެސް އަދިވެސް ހަމަޖެހުމެއް ނުލިބެ އެވެ. މައްސަލައަކަށްވީ އެ ނިޒާމުވެސް ހަމައިން ނެއްޓި އޭގެ މަގުސަދު އޮޅުމެވެ. އޭގެ ތެރެއިން ބޮޑެތި މައްސަލަތަކެއް ނުކުތުމެވެ. އެއާއެކު މިއީ ރާއްޖެ އަށް ރަނގަޅު ނިޒާމެއް ނޫން ކަމުގެ ވާހަކަތައް ވަނީ ނުކުންނަން ފަށާފަ އެވެ،
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ޕްލޭނިން މިނިސްޓަރު ހަމްދޫން އަބްދުﷲ ހަމީދު ވިދާޅުވި ގޮތުގައި ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް މިހާރު ކައުންސިލްތައް އެކުލަވާލެވިފައި ވަނީ ފައިދާ ހުރި ގޮތަކަށް ނޫނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު އިންތިޚާބު ވެފައިވާ ކައުންސިލަރުން ތިއްބަވަނީ އޮފީހުގެ އިދާރީ ބައެއްގެ ގޮތުގައެވެ. އޭގެ ބަދަލުގައި ކައުންސިލްތައް ވާންޖެހޭނީ އިޖްތިމާއީ އިގްތިސޯދީ ކަންތައްތަކުގައި އިނީޝިއޭޓިވް ނަގާ ބަޔަކަށެވެ.
"ފުރަތަމަ ބިލް ޑްރާފްޓް ކުރެވެމުން ގެންދެވުނީ ކައުންސިލަރުންނަކީ ކުންފުނީގެ ބޯޑު މެންބަރުން ތިއްބަވާ ގޮތަށް ތިބޭ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް. އިދާރީ ބައެއްގެ ގޮތުގައި ކައުންސިލް އިދާރާގައި ތިއްބަވާ ބައެއްގެ ގޮތުގައެއް ނޫން އޭރު ވާހަކަ ދެކެވުނީ. ރަށުތެރޭގެ އެކި ކަންތައްތަކުގައި ހަރަކާތްތެރިވާ، އިޖުތިމާއީ އަދި އެހެނިހެން ދާއިރާތަކުގައި ހަރަކާތްތެރިވަމުންދާ ބޭފުޅުން ކައުންސިލަރުންގެ ގޮތުގައި ތިއްބެވުމަށް އޭރު ވާހަކަ ދެކެވުނީ. އަދި އެ ބޭފުޅުންނަކީ ރަށުގެ ތަރައްގީއަށް ލަފާދެއްވާ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް އޭރު ވާހަކަދެކެވުނީ،" ހަމްދޫން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ވިސްނުން ވެސް ހުރީ ކައުންސިލްތައް ބަދަލު ކުރުމަށެވެ. މުޅި ނިޒާމު ވެސް އަލުން ބަދަލުކުރާށެވެ. ރޮޒައިނާގެ ނަޒަރުގައި އަތޮޅު ކައުންސިލްތައް އެކުލަވާލެވިފައިވާ ގޮތް ވެސް ބަދަލު ކުރަންޖެހެ އެވެ. އޭނާގެ ނަޒަރުގައި އަތޮޅު ކައުންސިލް އުފެދެން ޖެހެނީ ރަށު ކައުންސިލްތަކުގެ ތެރެއިންނެވެ.
"ބަލާ ބެލުމުން މި ފެންނަނީ ފަސް ކައުންސިލަރުންނަކީ ވެސް މާގިނަ އަދަދެއް ކަމަށް. އަތޮޅު ކައުންސިލްތައް ވެސް އެކުލަވާލެވޭނެ މިއައްވުރެ ރަނގަޅު ގޮތްތަކެއް އެބަހުރި ކަމަށް އެބަފެނޭ. އަތޮޅު ކައުންސިލަކީ ރަށު ކައުންސިލްގެ ތެރެއިން އެކުލަވާލެވޭ އެއްޗަކަށް ހެދިއްޖެއްޔާ ރަށުގެ ކަންތައްތައް ހިނގަމުންދާގޮތް އެބޭފުޅުންނަށް ތަންކޮޅެއް ރަނގަޅަށް އެނގިލައްވާނެ،" ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމް ރަނގަޅު ކުރުމަށްޓަކައި ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެއެވެ. އަދި އެ ބަދަލުތައް ގެނައުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ދިރާސާތަކެއް ކުރުމަށްފަހު ގައުމަށް އެންމެ ފައިދާ ހުރި ޚަރަދު ކުޑަގޮތަކަށް ކައުންސިލްތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭ ފޯމިއުލާއެއް ނެރެންޖެހެ އެވެ.
"މުޅި ގާނޫނު އެއްކޮށް ބަދަލުކުރަންޖެހޭ. ސަރުކާރުން މިކަމުގައި އިސް ނަގައިގެން ދިރާސާތަކެއް ކުރުމަށްފަހު، ހުރިހާ އެންމެންނަށް އެއްބަސްވެވޭ ގައުމަށް އެންމެ ފައިދާ ހުރި ޚަރަދުތައް ކުޑަ ގޮތަކަށް ކައުންސިލްތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ފޯމިއުލާއެއް ނެރެންޖެހޭ،" ރޮޒައިނާ ވިދާޅުވި އެވެ.
ކައުންސިލްތަކަކީ ވަކި ސަރުކާރެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ބައެއް ނޫނެވެ. ކައުންސިލްތަކަކީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ އެޑްމިނިސްޓްރޭޓިވް ބާރުގެ ތެރޭގައި ހިމެނޭ އިދާރީ އޮނިގަނޑު ހަމަޖެއްސުމަށް އޮންނަ ބައެކެވެ. އެހެންކަމުން ކައުންސިލްތައް މިހާރު ހިނގަމުންދާގޮތް ވަރަށް ބޮޑަށް އިސްލާހު ކުރަންޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ކައުންސިލްތައް މިހާރު އެކުލަވާލެވިފައިވާ ގޮތުން ކައުންސިލްތަކަށް ވިސްނިފައި އޮންނަނީ އެއީ ވަކި ސަރުކާރެއްގެ ގޮތުގައި ކަމަށެވެ.
"ކައުންސިލަރުންނަކީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ އެޑްމިނިސްޓްރޭޓިވް ބާރުގެ ތެރޭގައި ހިމެނޭ އިދާރީ އޮނގަނޑު ހަމަޖެއްސުމަށްޓަކައި ރާއްޖޭގައި ކުރިން ތިބި ކަތީބުންގެ ގޮތަށް އޮންނަ ބައެއްކަމަށް. މިހާރު މަޖިލީހުން އެބަޖެހޭ އެބޭފުޅުން [ކައުންސިލަރުން] އެޑިއުކޭޓް ކުރަން،" ޖާބިރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވި ގޮތުގައި ކައުންސިލަރުންގެ އަދަދަށް ބަދަލު ގެންނަން ޖެހެ އެވެ. ކައުންސިލަރުންގެ މުސާރައަށް ވެސް ބަދަލުގެންނަން ޖެހެ އެވެ.
ކައުންސިލަރުންގެ މުސާރައަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު އެބޭފުޅުންގެ މުސާރަ ކުޑަކުރުމަށްފަހު އެފައިސާއިން ރަށްރަށުގެ ބަނދަރު ހެދުމާ ނަރުދަމާގެ ނިޒާމް ގާއިމް ކުރުން ފަދަ ކަންތައްތަކަށް ޚަރަދު ކުރެވޭނެ ފަދަ ގޮތަކަށް ބަދަލުކުރުމުން މިހާރަށް ވުރެ ރައްޔިތުންނަށް ފައިދާވާނެ ކަމަށް ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެންބަރުން ދެކެވަޑައިގަންނަވަ އެވެ.
ބައެއް ބޭފުޅުންގެ ނަޒަރުގައި މިހާރު އެ ނިޒާމް އެކުލަވާލެވިފައި އޮތްގޮތުން އަތޮޅު ކައުންސިލަކީ އެއްވެސް ޒިންމާއެއް ނެތް ބައެކެވެ. ހުރިހާ ބާރެއް ލިބިފައި އޮންނަނީ ރަށު ކައުންސިލަށެވެ. އެހެންކަމުން އެކަމަށް ވެސް ގޮތެއް ވާންޖެހެ އެވެ.
ކައުންސިލްތަކުގެ ނިޒާމުގެ މަގުސަދު އޮޅި ނިޒާމު ކޮރަޕްޓް ވުމުން ލާމަރުކަޒީ ނިޒާމް ގޯސްވީ އެވެ. މުޅި ނިޒާމް އޯވަހޯލް ކުރަންޖެހުނީ އެވެ.